ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް މާދަމައަށް ވެސް ތާވަލުކޮށްފިއެވެ.
ޗުއްޓީގައި އޮތް ނަމަވެސް، ބައެއް މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަންކުރުން ހިމެނޭހެން ބައެއް މަސައްކަތްތައް ކުރަން މަޖިލީހުން އަންނަނީ ޖަލްސާތައް ބާއްވަމުންނެވެ. އަދި، މީޑިއާ ކޮންޓްރޯލް ބިލުގެ މަސައްކަތްކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ވެސް އަންނަނީ ބާއްވަމުންނެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ބުނީ، މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ ރ. ގެ ދަށުން ދައުރުން ބޭރު ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން އެދިވަޑައިގެން ހުށަހެޅުމެއް ލިބިފައިވާ ކަމަށެވެ.
އެހެންވެ، މާދަމާ ވެސް ދައުރުން ބޭރު ޖަލްސާއެއް އޮންނާނެ ކަމަށް މަޖިލީހުގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެކަމަކު، ޖަލްސާގެ އެޖެންޑާއެއް ނުދެއެވެ. މަޖިލީހުގެ އިދާރާއިން ބުނީ، އެޖެންޑާ ފަހުން ހިއްސާކުރާނެ ކަމަށެވެ. އެހެންވެ، މާދަމާގެ ޖަލްސާ ބާއްވަނީ ކީއްކުރަން ކަމެއް ނޭނގެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އަންނަނީ އިސްކަމެއް ދީގެން މީޑިއާ ކޮންޓްރޯލް ބިލުގެ މަސައްކަތްކުރަމުންނެވެ. އެ ކޮމިޓީން ކުރިން ވަނީ އެ ބިލުގެ ކޮޮމިޓީ މަރުހަލާ މިއަދުގެ ނިޔަލަށް ނިންމަން ފާސްކޮށްފައެވެ. އެހެންވެ، ކޮމިޓީން ނިންމާ މާދަމާގެ ޖަލްސާއަށް އެ ބިލުގެ މަސައްކަތް އެޖެންޑާކުރުން އެކަށިގެންވެއެވެ.
މަޖިލީހުން ދައުރުން ބޭރު ޖަލްސާއެއް މިއަދު ބޭއްވީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ ބިލު ތަޅުމުން ފާސްކުރާށާއި ބައެއް މިނިވަން މުއައްސަސާތަކަށް ރައީސުންނާއި ނައިބު ރައީސުން އައްޔަންކުރައްވާށެވެ. އެގޮތުން، ސިވިލް ސާވިސް ކޮމިޝަންގެ ރައީސްކަމަށް އެ ކޮމިޝަންގެ މިހާރުގެ ނައިބު ރައީސް މުހައްމަދު މުޖުތާޒަށާއި، އެ ކޮމިޝަންގެ ނައިބު ރައީސްކަމަށް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ނާސިހު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ރުހުން ދީފައެވެ. އަދި، ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސްކަމަށް މުހައްމަދު ޝަފީޤް މަހްމޫދު އައްޔަންކުރަން ވެސް ވަނީ ރުހުން ދީފައެވެ.