ގަތަރުގެ ވެރިރަށް ދޯހާއަށް މިދިޔަ ހަފްތާ އިސްރާއީލުން ދިން ހަމަލާއަށް ރައްދު ދިނުމާބެހޭ ގޮތުން މަޝްވަރާ ކުރުމަށް އަރަބި އަދި އިސްލާމީ ލީޑަރުންގެ ކުއްލި ބައްދަލުވުމެއް ގަތަރުގައި ބާއްވަން ނިންމައިފިއެވެ.
މިއަދު ބާއްވަން ހަމަޖެހިފައިވާ އެ ބައްދަލުވުމުގައި އިސްރާއީލުގެ ހަމަލާ ކުށްވެރިކުރާ ގަރާރެއް ޑްރާފްޓް ކުރާނެ ކަމަށް ގަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މަޖީދު ބިން މުހައްމަދު އަލް އަންސާރީ ދައުލަތުގެ ނޫސް އެޖެންސީ، ކިއުއެންއޭއަށް ވިދާޅުވިއެވެ. އެ ޑްރާފްޓް ވަނީ އާދީއްތަ ދުވަހު ބޭއްވި ތައްޔާރީ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވި ޚާރިޖީ ވަޒީރުންނަށް ހުށަހަޅާފައެވެ.
އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ޖަމާލް ރުޝްދީ ވިދާޅުވީ މި ސަމިޓުގެ މަގުސަދަކީ ގަތަރާ އެކު އެއްބައިވަންތަކަމުގެ ވަރުގަދަ މެސެޖެއް ފޮނުވައި ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން މެދުވެރިންނަށް ހަމަލާދޭން ނުޖެހޭ ކަމަށް އަލިއަޅުވާލުން ކަމަށެވެ.
އޭގެއިތުރުން މުޅި ސަރަހައްދުގައި އިސްރާއީލުން ދެމުން ގެންދާ އުދުވާނީ ހަމަލާތައް ހުއްޓުވައި ހައްލުކުރުމަށް ފިޔަވަޅު އެޅިދާނެ ގޮތްތަކާ ބެހޭ ގޮތުން ލީޑަރުން މަޝްވަރާ ކުރާނެއެވެ.
އިސްރާއީލުން ވަނީ ޣައްޒާއާ ދެކޮޅަށް ކުރާ ނަސްލު ނައްތާލުމުގެ ހަނގުރާމައާއި، ހިފާފައިވާ ހުޅަނގު އައްސޭރީގައި ހަމަލާތައް ދެމުން އަންނައިރު، އީރާނާއި ސީރިޔާއާއި ލުބުނާނާއި ޔަމަނަށް ވެސް ބޮން އަޅާފައެވެ.

މިދިޔަ ހަފްތާ އިސްރާއީލުން ގަތަރަށް ހަމަލާ ދިން ސަރަހައްދުން ދުން އަރަނީ. ފޮޓޯ/އޭޕީ
ކުއްލި ބައްދަލުވުމެއް ކުރިއަށް ގެންދަން ނިންމާފައި މި ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަރަބި އަދި މެދުއިރުމަތީގެ އެކި ސަރަހަދުތަކަށް އިތުރު ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދެއްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. އަދި ދޯހާއަށް ދިން ހަމަލާއަކީ ގައުމުން ބޭރުގައި ތިބި ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ފުޅާ ކެމްޕޭނެއްގެ ފެށުމަކަށް ވެދާނެ ކަމަށްވެސް ނަތަންޔާހޫ ވަނީ ވިދާޅުވެފައެވެ.
އެ ބައްދަލުވުމުގައި 57 މެމްބަރުން ހިމެނޭ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އާއި 22 މެމްބަރުން ހިމެނޭ އަރަބި ލީގުގެ ލީޑަރުން ބައިވެރިވާނެއެވެ.
އީރާނުގެ ރައީސް މަސޫދު ޕެޒެޝްކިއަން ބައިވެރިވެވަޑައިގަންނަވާނެކަން ކަށަވަރުވެފައިވާއިރު، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މިދިޔަ ހަފްތާ އަންގާރަ ދުވަހު އިސްރާއީލުން ވަނީ ހަމާސްގެ އިސް އޮފިޝަލުން ދިރިއުޅޭ ދޯހާގެ މީހުން ދިރިއުޅޭ އިމާރާތަކަށް އަމާޒުކޮށް ހަމާސްގެ ފަސް މެމްބަރަކާއި ގަތަރުގެ ސެކިއުރިޓީ ގާޑެއް މަރާލާފައެވެ. ރިޕޯޓްތައް ބުނާގޮތުން ލީޑަރުން ބައްދަލުކުރަމުން ދިޔައީ ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން ހުށަހަޅި އާ ހުށަހެޅުމަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށެވެ.