އިސްރާއީލުން ދިން ހަމަލާއާ ގުޅިގެން، މުސްލިމް ލީޑަރުން ބާއްވާ ބައްދަލުވުމަށް ރައީސް ގަތަރަށް

ރައީސާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: ރައީސް ވަނީ އަރަބް އިސްލާމިކް ސަމިޓުގެ ބައްދަލުވުމަށް، ގަތަރަށް ފުރާވަޑައިގެންފައި -- ފޮޓޯ/ ރައީސް އޮފީސް

އިސްރާއީލުން ގަތަރަށް ދިން ހަމަލާއާ ގުޅިގެން، އަރަބި އަދި މުސްލިމް ލީޑަރުން ބާއްވަވާ ކުއްލި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ގަތަރަށް ފުރާވަޑައިގެންފިއެވެ.

މިދިޔަ އަންގާރަ ދުވަހު އިސްރާއީލުން ވަނީ، ގަތަރުގެ ވެރިރަށް ދޯހާގައި ދިރިއުޅޭ ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް ކަމަށް ބުނެ ވައިގެ ހަމަލާތަކެއް ދީފައެވެ. އެއީ އިސްރާއީލުން ގަތަރަށް ދިން ފުރަތަމަ ހަމަލާއެވެ.

އެ ހަމަލާގައި ހަމާސްގެ މެންބަރުންތަކަކާއި އާންމުންނަށް ވެސް ޒަޚަމްވެ، ބައެއް މީހުން މަރުވެފައިވެއެވެ.

އެ ހަމަލާއާ ގުޅިގެން ގަތަރުން އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް، އެ ގައުމުން ވަނީ އަރަބް އަދި އިސްލާމީ ގައުމުތަކުގެ ލީޑަރުންނަށް އެ ގައުމަށް ވަޑައިގަތުމަށް ދައުވަތު ދީފައެވެ.

ގަތަރުގެ ފޮރިން މިނިސްޓްރީން ވަނީ، އިސްރާއީލުގެ ހަމަލާއާ ގުޅޭ ގަރާރެއް އެކުލަވާލުމުގެ މަސައްކަތް އެ ބައްދަލުވުމުގައި ކުރާނެ ކަމަށް ބުނެފައެވެ.

https://sun.mv/211081

ރައީސް އޮފީހުން ބުނީ، މާދަމާ އޮންނަ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިރޭ ރައީސް ފުރާވަޑައިގެންފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ރައީސް ތަގުރީރު ކުރައްވާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ. އަދި އެ މަނިކުފާނު އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަކީ، ރާއްޖެއިން ގަތަރާއި ފަލަސްތީނުގެ ރައްޔިތުންނާއެކި ދެމިއޮތްކަން ދައްކުވައިދޭ ކަމެއް ކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.

މީގެ އިތުރުން، އިސްރާއީލުން ހިންގާ ޖަރީމާތައް ހުއްޓުވަން ބައިނަލްއަގުވާމީ ފިޔަވަޅު އެޅުން އަވަސްކުރަން ރާއްޖެއިން އަނެއްކާވެސް ގޮވާލާ ކަމަށް އެ އޮފީހުން ބުންޏެވެ.

https://sun.mv/211289

އިސްރާއީލުގެ ހަމަލާ އަމާޒު ކުރީ، އިސްރާއީލާއި ހަމާސްއިން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތުގައި ބައިވެރިވި އޮފިޝަލުންނަށެވެ.

އެ މައްސަލައިގައި އިސްރާއީލުގެ އެތެރެއިން ވެސް ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

comment ކޮމެންޓް