މިދިޔަ އެމްޑީޕީގެ ސަރުކާރުގައި އިންޑިއާއާ އެކު ހަދާފައިވާ އަސްކަރީ އެއްބަސްވުންތަކުގެ މުއްދަތު އިތުރުކޮށްފައިވާކަން ނުވަތަ ނުވާކަން ވެސް ހާމަކުރެވެން ނެތް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
މި ސަރުކާރުން ވެރިކަމަށް އައީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ގައުމީ ސަލާމަތާއި ސިޔާދަތަށް ނުރައްކާވާ ގޮތަށް އިންޑިއާއާ އެކު އަސްކަރީ އެއްބަސްވުންތައް ހަދާފައިވާ ކަމަށް ތުހުމަތުކޮށް، އެއްބަސްވުންތައް ހާމަކުރާނެ ކަމަށް ވެސް ވައުދުވަމުންނެވެ.
ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އެއްބަސްވުންތަކުގައި ހުރި 'ކަންބޮޑުވާންޖެހޭ' މާއްދާތައް ބަދަލުކޮށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އެކަމަކު، ތަފުސީލެއް ނުދެއްވައެވެ.
އެ އެއްބަސްވުންތަކާ ގުޅުވައި، އާންމު ފަރުދަކު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅި ސުވާލެއްގައިވަނީ، އިންޑިއާއާއި ރާއްޖެއާ ދެމެދު ހަދައިފައިވާ އަސްކަރީ އެއްބަސްވުންތަކާއި އެ އެއްބަސްވުންތަކަށް އަމަލުކުރާނެ މުއްދަތު ހާމަކުރުމަށް އެދިފައެވެ. އަދި އޭގެ ތެރެއިން އެއްވެސް އެއްބަސްވުމެއްގެ މުއްދަތު އިތުރުކޮށްފައިވާނަމަ، އެކަމަށް ސޮއިކުރި ތާރީޚާއި އެއްބަސްވުން ދަންމާލާ މުއްދަތާއި އިތުރު ތަފުސީލު ހާމަކުރުމަށް އޭނާ އެދިފައިވެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ރަސްމީކޮށް މަރުހަބާ ދެންނެވުން: މިއީ ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅެއް -- ފޮޓޯ/ ރައީސް އޮފީސް
އެ ސުވާލަށް ދިން ޖަވާބުގައި ޑިފެންސް މިނިސްޓްރީން ބުނީ، ކުރީ ސަރުކާރުގައި، 2018އިން 2023އާ ހަމައަށް ދިފާއީ ދާއިރާއިން އިންޑިއާއާއި ރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުންތައް އެކުލަވާލައިފައިވާ ގޮތުން، އެއްބަސްވުންތައް ހާމަކުރުން މަނާވާ ގިތަށް އެ އެއްބަސްވުންތަކުގެ ތެރެއަށް 'ކޮންފިޑެންޝާލިޓީ ކޮލޯޒް'އެއް ހިމަނައިފައިވާ ކަމަށެވެ.
ދިފާއީ ދާއިރާގެ އެއްބަސްވުންތައް އައުކުރުމަށް ކުރެވޭ މުއާމަލާތްތަކަކީ ވެސް ދެ ގައުމުން ވެސް ސިއްރު މައުލޫމާތުގެ ގޮތުގައި ދެ ފަރާތުގެ ދެމެދުގައި ބަދަލުކުރެވިފައިވާ މައުލޫމާތު ކަމުގައިވާތީ، ދިފާއީ ދާއިރާގެ މިފަދަ އެއްބަސްވުންތަކުގެ މައުލޫމާތު އާންމުކޮށް ހާމަކުރެވޭނީ ދެ ގައުމުގެ ރުހުން ވެސް އެކަމުގައި އޮވެގެން ކަމަށް މިނިސްޓްރީން ބުންޏެވެ.
އެފަދަ މައުލޫމާތުތަކަކީ ގައުމީ ސަލާމަތާ ވެސް ގުޅުންހުރި މައުލޫމާތު ކަމުގައިވާތީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނަށް ރިއާޔަތް ކުރާއިރު ވެސް، އެ މައުލޫމާތު ހާމަނުކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން ގާނޫނުން އެ މައުލޫމާތު ހާމަނުކުރުމަށް ބާރުލިބިދޭ މާއްދާތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ:
- އެ މައުލޫމާތެއް ދޫކޮށްފި ކަމުގައިވާނަމަ، ސިއްރު ނުހިފެހެއްޓިކަމުގެ ދައުވާ ސަރުކާރުގެ މައްޗަށް އުފުލިދާނެ މައުލޫމާތު.
- އެހެން ދައުލަތަކާއެކު ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާއަކާއެކު އޮތް ގުޅުމެއްގެ ތެރެއިން، ނުވަތަ އެއްބަސްވުމެއްގެ ތެރެއިން ނުވަތަ ދެކެވެމުންދާ ވާހަކަތަކެއްގެ ތެރެއިން، ނުވަތަ ބަދަލުކުރެވެމުންދާ ލިޔެކިޔުމެއްގެ ތެރެއިން ހޯދާފައިވާ ނުވަތަ ލިބިފައިވާ ނުވަތަ އެނގިފައިވާ މައުލޫމާތު ކަމަށްވުމާއެކު އަދި އެ މައުލޫމާތު ހާމަކުރުމަކީ އެ ދައުލަތަކާއެކު ނުވަތަ އެ ޖަމްއިއްޔާއަކާއެކު ދިވެހިރާއްޖެއިން ގާއިމްކޮށްފައިވާ ގުޅުމަށް ނުރަނގަޅު އަސަރުކުރާނެ ކަމަކަށްވުން ނުވަތަ ނުރަނގަޅު އަސަރުކޮށްފާނެ ކަމެއްކަމަށް ބެލެވުން.
- ގައުމީ ސަލާމަތަށް ނުރައްކާވެދާނެފަދަ ކަމެއް ގާނޫނުއަސާސީގައި މާނަކޮށްފައިވާ ދާއިރާގެ ތެރޭގައި ހިމެނޭ މައުލޫމާތެއް ދޫކުރުމުން ފޫނުބެއްދޭފަދަ ގެއްލުމެއް ފޯރާނެކަމުގެ ބިރު އޮތްކަމަށް ވާނަމަ، އެފަދަ މައުލޫމާތެއް ދޫނުކުރުމުގެ އިހްތިޔާރު ދައުލަތުގެ އިދާރާއަށް ލިބިގެންވޭ.
އިންޑިއާއާއެކު ހެދި އެއްބަސްވުންތައް ބަދަލުކުރި ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫންވަނީ އެ މަސައްކަތް އެހާތަނަށް ނުނިމޭ ކަމަށް ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ އެއްބަސްވުންތަކަށް ބަދަލު ގެނައުމުގެ މަސައްކަތް 'ހައި ލެވެލް ކޯޑިނޭޝަން ކޮމިޓީ'އަކުން ކުރާކަމަށާއި ނަމަވެސް އޭނާ އެ ކޮމިޓީގައި ހިމެނިވަޑައިނުގަންނަވާ ކަމަށެވެ.
މި ސަރުކާރުން ކެމްޕޭން ތެރޭގައި އެންމެ ބާރަށް ކުރީ މި ގައުމުގައި އެތައް ހާސް އިންޑިއާ ސިފައިންނެއް ހަތިޔާރާ އެކު ހަރަކާތްތެރިވާކަމުގެ ތުހުމަތެވެ. އެ ކަން ކުރަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް އިންޑިއާއާ އެކު ހަދާފައިވާ އެއްބަސްވުންތައް ބޭނުންކޮށްގެން ކަމަށް އޭރު ތުހުމަތުކުރިއެވެ.
އެކަމަކު، ސަރުކާރުން ވަނީ ރާއްޖޭގައި ތިބީ އިންޑިއާގެ 74 ސިފައިން ކަމަށް ބުނެފައެވެ. އެއަށް ފަހު، ޣައްސާން ވެސް ވަނީ އެ މީހުން ހަރަކާތްތެރިވީ ހަތިޔާރާނުލައި ކަމަށް ވެސް އިއުތިރާފުވެލައްވައިފައެވެ.
މި ސަރުކާރާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވި ނަމަވެސް ރައީސް އެ ގައުމަށް ދެ ދަތުރުފުޅެއް ކުރައްވައި، ދެ ގައުމުގެ ގުޅުން ރަނގަޅު ކުރަން މަސައްކަތް ކުރައްވައިފައިވެއެވެ. އަދި ރާއްޖޭގެ މިނިވަން ދުވަހާ ގުޅުވައި، މިދިޔަ ޖުލައި 26ގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ވެސް ވަޑައިގަތެވެ.