ޕެންޝަން ނިޒާމަށް ބޮޑު ބަދަލެއް, ޕެންޝަން ލިބޭ މީހަކު ވަޒީފާއަށް ނުކުތުމުން މެދުކަނޑާލަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ޕެންޝަން ނިޒާމު އިސްލާހު ކުުރުމަށް ފިޔަވަޅެއް ވަނީ އިއުލާންކުރައްވައިފައި -- ފޮޓޯ/ ރައީސް އޮފީސް

ޕެންޝަން ލިބޭ މީހަކު ވަޒީފާއަށް ނުކުތުމުން ޕެންޝަން މެދުކަނޑާލާ ގޮތަށް، އެ ނިޒާމަށް ބަދަލުގެންނަން މަސައްކަތް ކުރަން ފަށައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާންކުރައްވައިފިއެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތުގެ ވަޒީފާތަކުން ރިޓަޔާ ކުރާ މީހުންނަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކައި ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އެ މަސައްކަތުގެ ތެރެއިން، ވަޒީފާއިން ރިޓަޔާވުމުން ޕެންޝަން ލިބޭ މީހަކު، އަލުން ވަޒީފާއަށް ނުކުތުމުން، އެ ވަޒީފާގައި ހުންނަ މުއްދަތަށް ޕެންޝަން މެދުކަނޑާލަންޖެހޭ ގޮތަށް ބަދަލެއް ގެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެގޮތުން ދައުލަތުގެ ވަޒީފާއަކުން ރިޓަޔަވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހުކުރެވިގެންދާނެ," ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ދަރަނި ބޮޑުވެ، ދަރަނި އަދާނުކުރެވިދާނެ ކަމުގެ ބިރު އޮތް ކަމަށް ބޭރުގެ އިދާރާތަކުން ބުނާތާ ދިގު މުއްދަތެއް ވެއްޖެއެވެ.

ދަރަނި ނުދެއްކިދާނެކަމުގެ ބިރު އޮތުމުން، އިގުތިސާދަށް އޮތް ނުރައްކާ ފާޅުކޮށް ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. އެ ގޮތުން، މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން 'ސީއޭއޭ2'އަށް ދަށްކޮށްފައެވެ. އޭގެ ކުރިން މިދިޔަ އޮގަސްޓު މަހުގެ 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކޮށްފައެވެ.

ރާއްޖޭގެ ހާލަތު ރަނގަޅު ކުރުމަށް ބޭރުގެ މާލީ އިދާރާތަކުން އެންމެ ގިނައިން ދެމުން އަންނަ ލަފައަކީ ދައުލަތަށް ބުރަ ބޮޑުވެފައި އޮތް ޑަބަލް ޕެންޝަނާއި ސަބްސިޑީ އިސްލާހުކޮށް، ސަރުކާރުން ޚަރަދުތައް ކުޑަ ކުރުމަށެވެ.

މި ސަރުކާރުން އެ ލަފަޔާ އެއްގޮތަށް ޕެންޝަނަށް ބަދަލު ގެންނަން މަސައްކަތް ފަށައި، މި އަހަރު ސަބްސިޑީ އިސްލާހުކުރަން ބަޖެޓުގައި ވެސް ހިމެނިއެވެ. ނަމަވެސް އެ ފިޔަވަޅުތައް އަޅައިފައިނުވެއެވެ.

https://sun.mv/199769

ރައީސް މުއިއްޒުގެ ސަރުކާރުން ޕެންޝަން ނިޒާމު އިސްލާހު ކުރުމަށްޓަކައި، ސަރުކާރުގެ ވަޒީފާތަކުގެ ތެރެއިން 'ޑަަބަލް ޕެންޝަން' ލިބޭ އިދާރާތަކުން އަލަށް ރިޓަޔާވާ މީހުންނަށް ކޮންމެ މަހަކު ދެމުން އަންނަ އެލަވަންސް ކަނޑާލަން މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ނިންމިއެވެ. އެ ބަދަލު ގެންނަކަން ސަރުކާރުގެ އިދާރާތަކަށް ވެސް އެންގިއެވެ.

އެހެންނަމަވެސް އެ ނިންމުން އިއުލާންކުރިތާ މާ ގިނަ ދުވަހެއް ނުވެ ރައީސް އެ ނިންމުން ބަދަލުކުރެއްވިއެވެ. ސަރުކާރުން ބުނީ، އެއީ ޕެންޝަނަށް ގެންނަ ބަދަލާ މެދު މުވައްޒަފުންގެ ކަންބޮޑުވުން އޮތުމުން ކަމަށެވެ.

ޕެންޝަން އިސްލާހު ކުރަނީ އެ ނިޒާމު މިހާރު އޮތް ގޮތުން ޚަރަދު ނުޖެހޭތީ ކަމަށް މީގެ ކުރިން ފިނޭންސް މިނިސްޓްރީން ބުނެފައިވާއިރު، މި އަހަރު ވެސް ރިޓަޔަމެންޓަށް ދޭ ފައިސާއާއި ޕެންޝަނަށް ކުރި ޚަރަދު ވަނީ މިދިޔަ އަހަރަށްވުރެ އިތުރުވެފައެވެ. އަދި ބަޖެޓުކުރި ޖުމްލަ ފައިސާގެ ތެރެއިން 79 ޕަސެންޓު ވަނީ، ބާކީ ހަތަރު މަސް އޮއްވައި ޚަރަދުކޮށްފައެވެ.

https://sun.mv/210847

މި އަހަރުގެ ބަޖެޓު އެކުލަވާލިއިރު ސަބްސިޑީ އިސްލާހުކޮށް، ޚަރަދު ކުޑަކުރަން ރޭވި ނަމަވެސް، އެ އިސްލާހުތައް ގެނެސްފައިނުވެއެވެ. އަދި ސަބްސިޑީތަކަށް ކަނޑައެޅީ 1.86 ބިލިއަން ރުފިޔާ ނަމަވެސް މިހާރު އެ އަދަދު ފަހަނައަޅައި ގޮސް، ޚަރަދު ވަނީ 2.05 ބިލިއަނަށް އަރައިފައެވެ. އެއީ ބަޖެޓަށް ވުރެ 10 ޕަސެންޓު އިތުރު އަދަދެކެވެ.

ސަބްސިޑީއަށް ބަދަލު ނުގެންނަން ރައީސް ނިންމެވީ، ރައްޔިތުންނަށް ދެމުންދާ އެއްޗަކުން އެއްޗެއް އުނިކޮށްގެން ފައިސާ ސަލާމަތް ކުރުމަށް ބޭނުންފުޅުނުވާ ކަމަށް ވިދާޅުވެއެވެ.

comment ކޮމެންޓް