ނޭޕާލުގެ މަސްރަޙުން ފެނިގެން މިދަނީ 2022 ވަނަ އަހަރު ސްރީލަންކާގެ މަސްރަހަށާއި 2024 ވަނަ އަހަރު ބަންގްލަދޭޝްގެ ސިޔާސީ މަސްރަހުން ފެނިގެންދިޔަ މަންޒަރުތަކެވެ.
މުޒާހަރާތަކާއި ހަމަނުޖެހުންތައް ފެށެން މެދުވެރިވި އަސާސީ ފެކްޓާތަކުގައި މި ތިން ގައުމުގެ ހާލަތުގައި މާބޮޑު ތަފާތެއް ނެތެވެ. މި ތިން ގައުމުގައި ވެސް އެ ގައުމުތަކުގެ ސަރުކާރުތަކާ ދެކޮޅަށް އާންމު ރައްޔިތުން ނުކުމެ މުޒާހަރާ ކުރަންފެށީ ދާދި އެއްގޮތް ސަބަބުތަކަކާ ގުޅިގެންނެވެ.
ކޮންމެ ގައުމެއްގައިވެސް ކޮންމެވެސް ޓްރިގާ ފެކްޓާއެއްގެ ސަބަބުުން މުޒާހަރާތައް ފެށުނީއެވެ. ދެން ދުވަހެއް ދުވަހަކަށް މުޒާހަރާތައް ވަރުގަދަވެ ސަރުކާރުގެ އިސްވެރިން އިސްތިއުފާ ދެއްވަން މަޖުބޫރުވާ ހިސާބަށް ކަންތައްތައް ދިޔައީއެވެ. އަދި ސަރުކާރުގެ އިސްވެރިންގެ ގެތަކަށްވެސް ހަަމަލާދިނީއެވެ. ބަންގްލަދޭޝްއާއި ނޭޕާލްގައި މިކަން ކުރިޔަށް ދިޔައީ އެތައް ބަޔަކު މަރުވެ ބޮޑު ލޭއޮހޮރުވުމެއްގެ ތެރެއިންނެވެ. ސްރީލަންކާގައި ތަންތަނުގައި ހުޅުޖަހައި ރޯކުރިނަމަވެސް ސަލާމަތީ ބާރުތަކުން ބަޑިޖަހައި މީހުންމެރުންފަދަ ޖަރީމާތައް ނުހިންގައެވެ.

2022 ވަނަ އަހަރު ލަންކާގެ ވެރިކަން ވައްޓާލި މުޒާހަރާ---
ސްރީލަންކާގެ މުޒާހަތާތަކުގައި ޒުވާނުން އިސްކޮށް ނުފެނުނު ނަމަވެސް ބަންގްލަދޭޝް އާއި ނޭޕާލްގެ މުޒާހަރާތަކުގައި އިސްކޮށް އުޅުނީ ޒުވާނުންނެވެ. މުޒާހަރާތައް ރޭވުމާއި މެނޭޖްކުރުމާ އަދި ކޮޅެއްގައި ޖެހެންދެން މުޒާހަރާތަކާއި އިހުތިޖާޖްތައް ދެމެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވީ ޒުވާނުންނެވެ.
ސްރީލަންކާގައި ޒުވާނުން ހިމެނޭގޮތަށް މުޅި ރައްޔިތުންނެވެ. ސްރީލަންކާގައި މުޒާހަރާތައް ފެށުނީ ގައުމު މާލީ ގޮތުން ބަނގުރޫޓްވެ އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރު އެއްކޮށް ނުކުޅެދުމުންނެވެ. ބަންގްލަދޭޝްގައި މުޒާހަރާތައް ފެށީ ސަރުކާރު ވަޒީފާތަކަށް މީހުން އިޚްތިޔާރު ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. ކޯޓާ ނިޒާމުގެ ސަބަބުން ވަކިބަޔަކަށް ފުރުސަތު ލިބިފައި އަނެއްބަޔަކު މަހުރޫމްވާތީއެވެ. ނޭޕާލްގައި މުޒާހަރާތައް ފެށީ ރަޖިސްޓްރީގެ މައްސަލަ ތަކަކާ ގުޅިގެން ސޯޝަލް މީޑިއާ މަނާކުރުމުންނެވެ.
ނަމަވެސް މިއީ މުޒާހަރާތައް ފެށެން މެދުވެރިވި ޓްރިގާ ފެކްޓާތަކެވެ. ހަގީގީ މައްސަލަތައް މި ތިން ގައުމުގައިވެސް ދާދި އެއްގޮތެވެ. އެއީ ކޮރަޕްޝަނާއި ފަސާދަ އާންމު ވެފައިވުމެވެ. ފަގީރުކަމާއި ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ބޮޑުވެގެން ދިޔުމެވެ.
ދިރިއުޅުމުގެ އެންމެ އަސާސީ ބޭނުންތައް ފުއްދޭނެ ގޮތެއް އާންމު ރައްޔިތުންގެ ގިނަބަޔަކަށް ނެތުމެވެ. މުއްސަނދިންނާއި ފަގީރުންގެ ތަފާތު އިންތިހާއަށް ބޮޑުވުމެވެ. ސިޔާސީ ގޮތުން ނުފޫޒު ގަދަ މީހުންނާއި އެ މީހުންގެ އާއިލާތަކާއި މުއްސަނދިންނަށް އެކަނި ތަނަވަސްކަމާއި ކަންކަން ފަހިކޮށްފައި އޮންނަ އޮތުމެވެ. މިނޫން މީހުން ނުވަތަ އާދައިގެ އާންމުން އުޅެންޖެހިފައިވާ ދަތި ހާލަތުގެ ސަބަބުންނެވެ.

ބަންގްލަދޭޝްގައި ވެރިކަން ވައްޓާލި މުޒާހަރާގެ ތެރެއިން---
ވަޒީފާ ނުލިބުމާއި އާމްދަނީ ލިބޭނެ މަގުތައް ނެތުމުންނެވެ. ފަގީރުކަން އާންމުވެ އިންތިހާއަށް މައްޗަށް ދިޔުުުމުގެ ސަބަބުންނެވެ. ޑިމޮކްރެޓިކް ވެރިކަމެއް އޮތަސް ގުޑް ގަވަނެންސް ނެތުމެވެ. ރައްޔިތުންގެ ވޯޓަކުން ވެރިކަން ކުރިޔަސް ރައްޔިތުންގެ ވޯޓަކާއި ނުލައި ޚުދުމުޚްތާރުކޮށް ވެރިކަން ކުރާ ގައުމުތަކަށްވުރެވެސް ރައްޔިތުން އުޅެންޖެހިފައިވާ ހާލަތު ގޯސްވުމުންނެވެ. ދަތިކަމާއި ފަގީރުކަން ބޮޑުވެ އެކަމަށް ހައްލު ނުލިބި ދިގުދެމިގެން ދިޔުމުންނެވެ.
މިހުރިހާ މައްސަލަތަކުގެ ތެރެއިންވެސް މައިގަނޑު މައްސަލައެއްގެ ގޮތުގައި ބެލެވެނީ ފަގީރުކަމެވެ. ސްރީލަންކާ، ބަންގްލަދޭޝް އަދި ނޭޕާލް އަކީ ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ލިސްޓުގެ ކުރީގައިވާ ދެގައުމެވެ. ސްރީލަންކާއަކީ މި ދެ ގައުމާ އެއްވަރަށް ފަގީރު ގައުމެއް ނޫންނަމަވެސް އެއީވެސް އިގްތިސާދީ ގޮތުން މެދުފަންތީގެ ލިސްޓުގައިވެސް ނުހިމެނޭ ގައުމެވެ.
ގައުމީ އާމްދަނީން ބޮލަކަށް ޖެހޭ މިންވަރަށް ބަލާއިރު ސްރީލަންކާގައި އަހަރަކު ބޮލަކަށް ޖެހެނީ ގާތްގަނޑަކަށް ހަތަރު ހާސް ދުއްސައްތަ ޑޮލަރެވެ. ބަންގްލަދޭޝްގައި ބޮލަކަށް ޖެހެނީ ގާތްގަނޑަކަށް ދެހާސް ހަސަތޭކަ ޑޮލަރެވެ. ނޭޕާލްގައި ބޮލަކަށް ޖެހެނީ ގާތްގަނޑަކަށް އެއްހާސް ހަތަރު ސަތޭކަ ޑޮލަރެވެ.
މިއީ މި ގައުމުތަކުގެ ގައުމީ އާމްދަނީ އާބާދީގެ މައްޗަށް ބަހާލުމުން ބޮލަކަށް ޖެހޭ މިންވަރުކަމަށް ވިޔަސް ހަގީގަތުގައި މިވަރުވެސް އަހަރެއްގެ މައްޗަށް މި ގައުމުތަކުގެ ގިނަ ބަޔަކަށް ނުލިބެއެވެ. މުއްސަނދިންނާއި ފަގީރުންގެ ތަފާތު އިންތިހާއަށް ބޮޑެވެ. މެދުފަންތީގެ މީހުންނާއި ފަގީރުންގެ ތަފާތުވެސް އެހާ ބޮޑެވެ.
ނޭޕާލަށް ބަލާއިރު އާންމު ފަގީރުކަމުގެ ނިސްބަތް އުޅެނީ ސާޅީސް އިންސައްތައާ ގާތުގައެވެ. އާދަޔާ ޚިލާފު ފަގީރުކަން, ނޫނީ އެބްސޮލިއުޓް ޕަވަޓީ ވިހި އިންސައްތައާ ގާތުގައެވެ. ސްރީލަންކާއާއި ބަންގްލަދޭޝްގައި ފަގީރުންގެ ނިސްބަތް މިއަށްވުރެ ކުޑަތަންކޮޅެއް ދަށެވެ. ތަފާތުތަކެއް ހުރި ނަމަވެސް ކެއިން ބުއިން ފިޔަވައި ރައްޔިތުންގެ ދިރިއުޅުމަށް ބޭނުންވާ އަސާސީ ޚިދުމަތްތަކުގެ ފެންވަރު މިތިން ގައުމުގައިވެސް ވަރަށް ދަށެވެ.
މީގެ އަނެއްކޮޅަށް ބަލާއިރު މިސާލު ނަގަން ފަސޭހައީ އަޅުގަނޑުމެންނާއި ކައިރީގައިވާ ގަލްފުގެ އަރަބި ގައުމުތަކުންނެވެ. ގަލްފުގެ ގައުމުތަކަކީ އާއިލީ ވިރާސީ ޚުދު މުޚްތާރު ވެރިކަމުގެ ނިޒާމުތަކެއް އޮންނަ ގައުމުތަކެކެވެ. ޚުދު މުޚުތާރުކަމާއި ކޮރަޕްޝަނާއި ފަސާދައަށް ބަލާއިރު ސަހަލު އެއްގައުމުވެސް ނެތެވެ. ގުޑްގަވަނެންސް އެއް ޑިމޮކްރަސީ އެއް ނެތެވެ. އޮތީ ފަރުދީ ވެރިކަމެވެ.
ވެރިކަމުގެ އެއްވެސް ކަމެއްގައި ރައްޔިތެއްގެ ކައިރިން ހޭވެސް އަހާ ނުލައެވެ. މުއްސަނދިންނާއި ފަގީރުންގެ ތަފާތުވެސް ވަރަށް ބޮޑެވެ. ނަމަވެސް ތެލުގެ މުއްސަނދިކަން ލިބިފައި އޮތުމުގެ ނަތީޖާއެއްގެ ގޮތުންނާއި ރައްުޔިތުން ކޮންޓްރޯލް ކުރުމަށް ޓަކައި ރައްޔިތުންނަށް ހިލޭ ގިނަ ޚިދުމަތްތަކެއް ދޭތީ ފަގީރުންގެ ނިސްބަތް މި ގައުމުތަކުގައި ވަރަށް ދަށެވެ.

ގަލްފުގެ ގައުމުތަކުގައި ފަގީރުންގެ ގޮތުގައި ބެލެވޭ މަދުމީހުންގެ ހާލަތާއި ދިރިއުޅުމުގެ ފެންވަރުވެސް ދެކުނު އޭޝިއާއާއި އެފްރިކާގެ ގައުމުތަކުގެ މެދުފަންތީގެ މީހުންގެ ދިރިއުޅުމުގެ ހާލަތަށްވުރެ ބޮޑުތަނުން ރަނގަޅެވެ.
އަނެއްކޮޅުން ތައުލީމާއި ސިއްހީ ޚިދުމަތާއި ސޯޝަލް ހައުސިން ފަދަ ސަރުކާރުން ހިލޭ ފޯރުކޮށްދޭ ޚިދުމަތްތައް ގަލްފުގެ ގައުމުތަކުގައި ވަރަށް ގިނައެވެ. ނަތީޖާއެއްގެ ގޮތުން ފަގީރުންނަށްވެސް ދިރިއުޅުމުގެ ހުރިހާ ބޭނުންތަކެއް ފަސޭހަކަމާއެކު ފުދެއެވެ.
ސްރީލަންކާ، ބަންގަލްދޭޝް އަދި ނޭޕާލް ފަދަ ދެކުނު އޭޝިއާގެ ގިނަ ގައުމުތަކުގައި ތައުލީމާއި ސިއްހީ ޚިދުމަތާއި ސޯޝަލް ހައުސިން ފަދަ ޚިދުމަތްތައް ކޮންމެވެސް ވަރަކަށް ހިލޭ ފޯރުކޮށްދިން ނަމަވެސް ފަގީރުންގެ އާބާދީ ބޮޑުވެފައި ފަގީރުންގެ ނިސްބަތް އިންތިހާއަށް މަތިކަމުން އެ ޚިދުމަތްތަކުގެ މާބޮޑު އަސަރެއް ފަގީރުންގެ ދިރިއުޅުމަކަށް ނުކުރެއެވެ. އެއަށްވުރެ އާންމު ހާލަތާއި ގައުމުގެ މަދަނީ އިންފްރާސްޓްރަކްޗާ ބަލިކައްޓެވެ.
ގަލްފުގެ ގައުމުތައް ފަދަ ތެލުގެ މުއްސަނދި ގައުމުތަކުގައި ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާ ނުކުރަނީ ހަމައެކަނި އެކަން މަނާކޮށްފައިވާތީއެއް ނޫނެވެ. މިސްރާއި ސޫރިޔާ، ލީބިޔާ އަދި ތޫނިސްފަދަ އަރަބި ގައުމުތަކުގެ ރައްޔިތުން 2011 ވަނަ އަހަރު އެ މީހުންގެ ދަރިއުޅުމަށް ދަތިވުމުން މަގުތަކަށް ނުކުމެ މުޒާހަރާކޮށް ސަރުކާރުތައް ވައްޓާލީ އެ ގައުމުތަކުގައި މުޒާހަރާތައް މަނާކޮށްފައިވަނިކޮށެވެ. މުޒާހަރާތައް ހުއްޓުވަން ބާރުގެ ބޭނުންކޮށް މީހުން މަރަމުން ދަނިކޮށެވެ.
ދެހާސް އެގާރަ ވަނަ އަހަރު, އަރަބި ރަބީއުގައި ބިރުކަނޑާލާފައި ރައްޔިތުން މަގުތަކަށް ނުކުމެ މިދެންނެވި ހަތަރު ގައުމުގެ ތެރެއިން ތިން ގައުމެއްގެ ސަރުކާރުތައް ވައްޓާލިއެވެ. ސޫރިޔާގައި ސަރުކާރު ވައްޓާނުލެވުމުން ދިޔައީ ލޭއޮހޮރުވުން ބޮޑު ދާޚިލީ ހަނގުރާމައަކެވެ. އެ ހަނގުރާމަ ދިގުލައިގެން ދިޔުމަށްފަހު 2024 ވަނަ އަހަރު ހަނގުރާމަވެރިން ނުކުމެ ސޫރިޔާގެ ސަރުކާރުވެސް ވަނީ ވައްޓާލާފައެވެ.
އެހެންކަމުން ކުރުގޮތަކަށް ދަންނަވާނަމަ ދެންނެވެން އަންނަނީ ގަލްފުގެ ގައުމުތަކުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ރައްޔިތުން މަގުތަކަށް ނުނިކުންނަނީ އެ ގައުމުތަކުގައި ކޮރަޕްޝަން ނެތިގެންނޫން ކަމުގައެވެ. ނަމަވެސް ދިރިއުޅުމުގެ ހާލަތު އެންމެންނަށް ރަނގަޅު ވުމުންނެވެ. ފަގީރުން އިންތިހާއަށް މަދުވެފައި ފަގީރުން ކަމަށް ބެލެވޭ މީހުންނަށްވެސް ދިރިއުޅުމުގެ އަސާސީ ބޭނުންތައް ރަނގަޅަށް ފުދޭތީއެވެ.

މި އާ ޚިލާފަށް ސްރީލަންކާ، ބަންގަލްދޭޝް، އަދި ނޭޕާލް ފަދަ ގައުމުތަކުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން އާންމުން މަގުތަކަށް ނުކުންނަ މައިގަނޑު ސަބަބަކީ ދިރިނޫޅެވޭވަރަށް ފަގީރުކަން އިންތިހާއަށް ބޮޑުވުމެވެ. އާބާދީގައި ފަގީރުންގެ ނިސްބަތް އިންތިހާއަށް ބޮޑުވުމުންނެވެ. ދިރިއުޅުމުގެ އެންމެ އަސާސީ ބޭނުންތައް ވެސް ނުފުއްދޭ ނިސްބަތް މަތިކަމުންނެވެ. އާންމު ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވުމުގެ ސަބަބުންނެވެ.
ސްރީލަންކާ، ބަންގަލްދޭޝް، އަދި ނޭޕާލް ފަދަ ގައުމުތަކުގައި މިކަން މިގޮތަށް ދިމާވެފައިވަނީ ގުޑްގަވަނަންސް ނެތުމާއި ކޮރަޕްޝަނުގެ ސަބަބުންކަމަށްވުން އެކަށީގެންވެއެވެ. ނަމަވެސް އާބާދީގެ ބޮޑުބައެއްގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުނަމަ އަދި ރައްޔިތުންގެ ގިނަ ބައެއްގެ ދިރިއުޅުމުގެ އަސާސީ ބޭނުންތައް ރަނގަޅަށް ފުދޭނަމަ ގުޑްގަވަނަންސް ނެތަސް އަދި ކޮރަޕްޝަން އޮތަސް ރައްޔިތުން މިގޮތަށް މަގުތަކަށް ނުކުމެ ސަރުކާރުތައް ވައްޓާލާ ހިސާބަށް ކަންކަން ނުދާނެއެވެ.
ސިޔާސީ ޕާޓީއަކުން ސިޔާސީ ބޭނުމެއްގައި، ނޫނީ ވަކިކަމެެއް ބޭނުންވެގެން އެކްޓިވިސްޓުންތަކެއް މަގުތަކަށް ނުކުމެ މުޒާހަރާތަކެއް ޖެއްސިނަމަވެސް ރައްޔިތުންގެ ބޮޑު ޕަސެންޓެއް ސަރުކާރު ދެކެ އިންތިހާއަށް ރުޅިއައިސްފައި ނެތްނަމަ ސްރީލަންކާ، ބަންގަލްދޭޝް، އަދި ނޭޕާލް ފަދަ ގައުމުގައި ކަންހިނގައި ދިޔަގޮތަށް ކަންކަން ހިނގާނެކަމަށް ނުބެލެވެއެވެ. ނަމަވެސް އާންމުންގެ ގިނަ ބައެއްގެ ދިރިއުޅުމަށް އާދަޔާ ޚިލާފަށް ދަތިވެފައިވާނަމަ ނޫނީ ވަކިކަމެއްގެ ސަބަބުން ރައްޔިތުންގެ ގިނަ ބަޔަކު ސަރުކާރު ދެކެ ރުޅިއައިސްފައިވާ ހާލަތެއް އޮތްނަމަ މިފަދަ ޓްރިގާ ފެކްޓާ އަކުން ބޮޑު ކަމެއް ހިނގުމަކީ ދުރުކަމެއް ނޫނެވެ.
ސްރީލަންކާ، ބަންގަލްދޭޝް، އަދި ނޭޕާލް ފަދަ ދެކުނު އޭޝިއާގެ ގައުމުތަކުގައި ކޮރަޕްޝަން އިންތިހާއަށް ބޮޑެވެ. މިއީ ނިސްބަތުން ދުނިޔޭގެ ފަގީރު ގައުމުތައް ނަމަވެސް ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އާދަޔާ ޚިލާފަށް ދަށަށް ދިޔުމުގެ ފަހަތުގައިވަނީ ވެރިންގެ ކޮރަޕްޝަނާއި ފަސާދަކަން ރައްޔިތުންގެ ގިނަ ބަޔަކަށް އިހުސާސް ކުރެވުމަކީ ސްރީލަންކާ، ބަންގަލްދޭޝް، އަދި ނޭޕާލް ފަދަ ގައުމުތަކުގައި ރައްޔިތުން މަގުތަކަށް ނުކުމެ ވެރިން މަގާމުން ވަކިވުމަށް މަޖުބޫރުކުރިވި މައިގަނޑު ސަބަބުކަމުގައި ބެލެވުމުގެ ފުރުސަތު އެބައޮތެވެ.