ބައެއް ނޫސްވެރިން ވީ 'އުލުބައިންދަން' ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހް ގޮވާލެއްވި މައްސަލަ ތަހުގީގުކުރުމަށް ޓަކައި ފުލުހުން ގާނޫނީ ލަފައެއް ހޯދަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގައި އެދުނުތާ ދެ ހަފުތާއެއްހައި ދުވަސްވީއިރު ވެސް އެ ލަފައާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަނުކޮށް ސިއްރުކޮށްފިއެވެ.
މީޑިއާ ކޮންޓްރޯލްކުރާ ބިލަށް ބަހުސްކުރައްވަމުން ފަލާހް ވަނީ 'ނޫސްވެރިން އުލުބައިންދަންވީ' [އަނިޔާވެރި ގޮތުގައި މަރުގެ އަދަބު ދޭންޖެހޭ] ކަމަށް ވިދާޅުވެފައެވެ.
އެ މައްސަލަ ވަނީ ފުލުހަށް ވެސް ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ)ގެ ފަރާތުން ހުށަހަޅާފައެވެ. ފަލާހްގެ އެ އަމަލާމެދު ކަންބޮޑުވާކަމަށް, ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް ވަނީ ބުނެފައެވެ.
އެއާއެކު މި ކަމާ ގުޅޭގޮތުން ފުލުހުން ބުނީ ފަލާހު، މަޖިލީހުގެ ތަޅުމުގައި ދައްކަވައިފައިވާ ވާހަކައަކާ ގުޅިގެން އެމްޖޭއޭއިން ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގު ކުރުމާމެދު ގާނޫނީ ލަފައަކަށް އެދި، މިދިޔަ މަހުގެ 28ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފައިވާ ކަމަށެވެ.
އޭގެ ފަހުން، މިހާރު ދެ ހަފުތާއެއްހައި ދުވަސްވީއިރު، މި ހަފުތާ ތެރޭ "ސަން"އިން އެކިފަހަރު މަތިން ވަނީ މިހާރު އެ އޮފީހުން، ފުލުހުންނަށް އެއްވެސް ލަފައެއް ދީފައިވޭތޯ އެ އޮފީހުގެ މީޑިއާ އޮފިޝަލަށް ސުވާލު ފޮނުވައިފައެވެ. ނަމަވެސް ހަފުތާއެއްވީއިރު އަދިވެސް ޖަވާބެއް ނުދެއްވައެވެ.
މި މައްސަލައިގައި "ސަން"އިން ފުލުހުންނާ ސުވާލުކުރުމުން، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، "އަދި އެއްވެސް އަޕްޑޭޓެއް" ނެތް ކަމަށެވެ.
ނޫސްވެރިންނަށް މަރުގެ އަދަބު ދޭން ފަލާހު ގޮވައިލެއްވި މައްސަލަ ވަރަށް ބޮޑަށް ވަނީ ހޫނުވެފައެވެ.
ފަލާހުގެ މައްސަލަ ތަހުގީގު ކުރަން ލަފާ ހޯދާ ކަމަށް ފުލުހުން އިއުލާންކުރުމުން އޭނާ ވަނީ އޭނާ ދެއްކެވި ވާހަކަ ދިފާއުކުރައްވައިފައެވެ. އެގޮތުން "އުލު ބެއިންދުން" ބޭނުންކުރަނީ ބަސްނާހާ މީހުން ބިމަށް ވުރެ މަތީ ތަނަކަށް އެރުވުމަށް ކަމަށް ވިދާޅުވެ، އޭނާ ދެއްކެވި ވާހަކަ ދިފާއު ކުރައްވާފައެވެ.
އެމައްސަލައާ ގުޅިގެން ތަކުރާރުކޮށް، އެތައް ނޫސްވެރިންނެއް ސުވާލުކުރުމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ، އެ މައްސަލަ ބަލާނެ ކަމަށް ވިދާޅުވެފައެވެ.
މި މައްސަލައިގައި، ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނީ ލަފައަކަށް އެހުމުން ބައެއް ސިޔާސީ ބޭފުޅުންގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފައެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވަނީ އެެއީ ކުރަންޖެހޭ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.