އިޒްރޭލުން ޤަތަރުގެ ވެރިރަށް ދޯހާއަށް ދިން ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ ހަމަޖެހުން ގާއިމްކުރުމަށް ކުރެވޭ މަސައްކަތަށް އިތުރަށް ހުރަސްއެޅިގެން ދާނެ ކަމަށް، ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ޤަތަރަށް އިޒްރޭލުން ދިން ހަމަލާތައް ކުށްވެރިކޮށް ނެރުނު ބަޔާނެއްގައި ފޮރިން މިނިސްޓްރީން ބުނީ، ޤަތަރުގެ ވެރިރަށް ދޯހާއަށް އިޒްރޭލުން ދިން ހަމަލާއަކީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު، އަދި ޤަތަރުގެ ސަލާމަތާއި، ސިޔާދަތީ މިނިވަންކަމަށް އަރައިގަތުމުގެ ފިނޑި އަމަލެއް ކަމަށެވެ.
އަދި އިޒްރޭލުގެ މިފަދަ ޣައިރުގާނޫނީ އަމަލުތަކުގެ ސަބަބުން މެދުއިރުމަތީގެ ހަމަޖެހުން ގާއިމްކުރުމަށް ކުރެވޭ މަސައްކަތަށް އިތުރަށް ހުރަސްއެޅި، މަސްރަހު އިތުރަށް ހޫނުވެ، އެ ސަރަހައްދުގައި ސުލްހަވެރި ހައްލެއް ހޯދުމަށް ކުރާ މަސައްކަތަށް އަސަރުކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ، ޤަތަރުގެ ސަރުކާރާއި ރައްޔިތުންނާއެކު ރާއްޖޭން ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ޤަތަރަށް އިޒްރޭލުން ދިން ހަމަލާއާ ގުޅިގެން، އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް އިޒްރޭލަށް މަޖުބޫރުކުރުވުމަށް ވަގުތުން އަޅަންޖެހޭ ފިޔަވަޅު އަޅަން ބާރު އެޅުމަށް ބޭރު ގައުމުތަކަށް ގޮވާލައްވައިފައެވެ.
އިޒްރޭލުން ގަތަރުގެ ދޯހާއަށް ހަމަލާދިނީ ދޯހާގައި ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ އޮފިޝަލުންނަށް އަމާޒުކޮށް ކަމަށް، އިޒްރޭލުން ބުނެފައިވެއެވެ.
އިޒްރޭލުން ބުނީ ހަމަލާ އަމާޒުކުރި، ހަމާސްގެ މެންބަރުންނަކީ އެ ޖަމާއަތުގެ ހަރަކާތްތަކުގައި އަހަރުތަކެއް ވަންދެން އިސްކޮށް ތިބި ބައެއް ކަމަށާއި، ހަމާސް ބަލިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
މި ހަމަލާ ދީފައި މިވަނީ އިސްރާއީލުގެ ސިފައިންގެ ވެރިޔާ، އީޔަލް ޒަމީރު ގައުމުން ބޭރުގައި ދިރިއުޅޭ ހަމާސްގެ ލީޑަރުން އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދެއްވިތާ ދުވަސްތަކެއް ފަހުންނެވެ. އަދި އެމެރިކާއިން ހުށަހެޅި ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމެއް އިސްރާއީލުން ބަލައިގަތް ކަމަށް ޚާރިޖީ ވަޒީރު ގިޑިއަން ސާރު ވިދާޅުވިތާ ގަޑިއެއްހާއިރު ފަހުންނެވެ.
ހަމާސްގެ ބައެއް އޮފިޝަލުންނާ ހަވާލާދީ އަލް-ޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އިޒްރޭލުން ހަމަލާތައް އަމާޒުކުރީ އެމެރިކާއިން ހުށަހަޅާފައިވާ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ދިޔަ ހަމާސްގެ އޮފިޝަލުންނަށެވެ.
އެކަމަކު އިޒްރޭލުން ހަމަލާދިނީ މީހުން ދިރިއުޅޭ ހިސާބަކަށް ކަމަށް، އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވެއެވެ.
ރާއްޖޭގެ އިތުރުން ސައޫދީ އަރަބިއްޔާ އާއި ޔޫއޭއީން ވަނީ އިޒްރޭލުން ޤަތަރަށް ދިން ހަމަލާތަކަކީ ފިނޑި އަމަލެއް ކަމަށް ސިފަކޮށް އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.