ނޭޕާލުގައި މިވަގުތު ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ގައުމުގެ މަސްރަޙު އާންމު ހާލަތަށް އަނބުރާ ރުޖޫޢަވަންދެން، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް ނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
ނޭޕާލްގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކެއް މަނާ ކުރުމާ ގުޅިގެން، ސަރުކާރާ ދެކޮޅަށް ކޮރަޕްޝަނުގެ ތުހުމަތުތައްކޮށް ބޮޑެތި މުޒާހަރާތަކެއް ދަނީ ކުރަމުންނެވެ.
އެ މުޒާހަރާތަކުގައި އިއްޔެ 19 މީހަކު މަރުވެފައިވާއިރު، މިއަދު މުޒާހަރާގެ ބައިވެރިން ވަނީ ގައުމުގެ ލީޑަރުންނާއި ސަރުކާރުގެ ބައެއް އިމާރާތްތަކުގައި ވެސް ރޯކޮށްފައެވެ.
އެ މައްސަލައިގައި އެ ގައުމުގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ އާއި ރައީސް ރާމް ޗަންދްރަ ޕުޑެލް އިސްތިއުފާ ދެއްވާފައިވާއިރު، މުޅި ގައުމުގައި ވަނީ ހަލަބޮލިކަން އުފެދިފައެވެ.
އެ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ފޮރިން މިނިސްޓްރީގެ ބަހެއް ހޯދަން "ސަން"އިން މެންދުރުން ފެށިގެން މަސައްކަތް ކުރި ނަމަވެސް ބަހެއް ލިބިފައިނުވެއެވެ. އަދި މިއަދު ހަމަނުޖެހުންތައް ގޯސްވެ، ކަތަމަންޑޫ އެއާޕޯޓު ބަންދުކުރުމުން ބައެއް ގައުމުތަކުން އެލާޓްތައް ނެރުނު ނަމަވެސް، ރާއްޖޭން އޮތީ މިހާތަނަށް އެފަދަ އެލާޓެއް ނުނެރެއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް ސެނެޓު ބައްދަލުވުމަށް ފަހު: ޕީޕީއެމްގެ ނައިބު ރައީސްކަމަށް އޭނާ ވަނީ އިންތިޚާބުކޮށްފައި --- ފޮޓޯ/ ޕީޕީއެމް
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، މި ނާޒުކު ދަނޑިވަޅުގައި ނޭޕާލުގެ ކަމާބެހޭ އިދާރާތަކުންނާއި، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުންނާއި އެ މިނިސްޓްރީން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށާއި، ހަމަނުޖެހުން ހިނގާ ސަރަޙައްދުތަކާ ދުރުހެލިވެ، ރައްކާތެރިކަމަށް އިސްކަންދިނުމަށް އެދިފައެވެ.
މީގެއިތުރުން، ކަތަމަންޑޫގެ ގިނަ ސަރަޙައްދުތަކެއްގައި ކާފިއު އިޢުލާންކޮށްފައިވާތީ، ކަތަމަންޑޫގައި ދިރިއުޅޭ ހުރިހާ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގުމައްޗަށް ނުނިކުތުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، ނޭޕާލުގައި ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ގައުމުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކޮށް، ބޭނުންވާ ލުއިފަސޭހަތައް ހަމަޖައްސައިދިނުމަށް އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުންނާއި އެ މިނިސްޓްރީން މަސައްކަތްކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
"އަދި ހަމައެއާއެކު، ނޭޕާލުގެ މަސްރަޙު އިތުރަށް ގޯސްވެއްޖެނަމަ، ނޭޕާލުގައި ތިއްބެވި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އަރުވަމެވެ." އެ ބަޔާނުގައިވެއެވެ.
ނޭޕާލުގައި ތިބި ދިވެހީންގެ ކަންކަން ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށާއި އެ ގައުމުގެ ހާލަތު ބަދަލުވަމުންދާ ގޮތުން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އެއީ +919910040786 ނަންބަރަށެވެ.
މީގެ އިތުރުން، އެ މިނިސްޓްރީގެ ހޮޓްލައިން ނަންބަރު ކަމަށްވާ 7983400 އަށް ވެސް ގުޅޭނެ ކަމަށް ބަޔާނުގައިވެއެވެ.
ނޭޕާލްގައި މުޒާހަރާ ކުރަނީ ކީއްވެ؟
ނޭޕާލުގައި މުޒާހަރާތައް ފެށީ، އެ ގައުމުގައި ސައްހަ ނޫން މައުލޫމާތާއި ނަފުރަތު ފެތުރުވުން ހުއްޓުވުމަށް ކަމަށް ބުނެ، 26 ސޯޝަލް މީޑިއާ ޕްލެޓްފޯމް މަނާކުރުމާ ގުޅިގެންނެވެ. އެގޮތުން ސަރުކާރުން މަނާކުރަން ނިންމި ޕްލެޓްފޯމްތަކުގެ ތެރޭގައި ޒުވާނުން އެންމެ ގިނައިން ބޭނުންކުރާ އެޕްތަކުގެ ތެރޭގައި ހިމެނޭ އިންސްޓަގްރާމް، ޔޫޓިއުބް، އެކްސް އަދި ފޭސްބުކް ހިމެނެއެވެ.
މުޒާހަރާތައް ފެށީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މަނާ ކުރުމާ ދެކޮޅަށް ނަމަވެސް، މިހާރު ޒުވާނުންގެ ގޮވާލުންތައް ވަނީ އިތުރުވެފައެވެ. އެގޮތުން، ފާއިތުވި އަހަރުތަކުގައި ސަރުކާރުތަކުން ހިންގައިފައިވާ ކޮރަޕްޝަނާ މެދު ނުރުހޭ ކަމަށް ބުނެ، މިހާރު އޮތް ސަރުކާރުގެ އިސްތިއުފާއަށާއި އަދަބު ދިނުމަށް ގޮވާލަމުންދެއެވެ.