ޤަތަރަށް އިޒްރޭލުން ދިން ހަމަލާތައް ކުށްވެރިކުރައްވައި އިޒްރޭލަށް ފިޔަވަޅު އަޅަން ރައީސް ގޮވާލައްވައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު: އިޒްރޭލުން ގަތަރަށް ދިން ހަމަލާ ކުށްވެރިކުރައްވައި އިޒްރޭލަށް ފިޔަވަޅު އަޅަން ވަނީ ގޮވާލައްވައިފަ -- ފޮޓޯ/ ރައީސް އޮފީސް

އިޒްރޭލުން ގަތަރުގެ ވެރިރަށް ދޯހާއަށް ދިން ހަމަލާތައް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

ދޯހާއަށް އިޒްރޭލުން ދިން ހަމަލާއަކީ ފިނޑި އަމަލެއްގެ ގޮތުގައި ސިފަކުރައްވައި ރައީސް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ބައިނަލްއަގުވާމީ ގާނޫނާއި ގަވައިދުތަކާ ޚިލާފަށް ދިން ހަމަލާއެއް ކަމަށެވެ. އަދި މި ހަމަލާއަކީ މިނިވަން ގައުމެއްގެ ސިޔާދަތަށް އަރައިގަތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް ރައީސް ވިދާޅުވީ، ރާއްޖެއިން ތިބީ ގަތަރާއެކު ކަމަށެވެ. އެއާއެކު ރައީސް ވަނީ، އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ގައުމުތަކުން އިޒްރޭލަށް ފިޔަވަޅު އެޅުމަށް ގޮވާލައްވައިފައެވެ.

އިޒްރޭލުން ގަތަރުގެ ދޯހާއަށް ހަމަލާދިނީ ދޯހާގައި ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ އޮފިޝަލުންނަށް އަމާޒުކޮށް ކަމަށް، އިޒްރޭލުން ބުނެފައިވެއެވެ.

އިޒްރޭލުން ބުނީ ހަމަލާ އަމާޒުކުރި، ހަމާސްގެ މެންބަރުންނަކީ އެ ޖަމާއަތުގެ ހަރަކާތްތަކުގައި އަހަރުތަކެއް ވަންދެން އިސްކޮށް ތިބި ބައެއް ކަމަށާއި، ހަމާސް ބަލިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

މި ހަމަލާ ދީފައި މިވަނީ އިސްރާއީލުގެ ސިފައިންގެ ވެރިޔާ، އީޔަލް ޒަމީރު ގައުމުން ބޭރުގައި ދިރިއުޅޭ ހަމާސްގެ ލީޑަރުން އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދެއްވިތާ ދުވަސްތަކެއް ފަހުންނެވެ. އަދި އެމެރިކާއިން ހުށަހެޅި ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމެއް އިސްރާއީލުން ބަލައިގަތް ކަމަށް ޚާރިޖީ ވަޒީރު ގިޑިއަން ސާރު ވިދާޅުވިތާ ގަޑިއެއްހާއިރު ފަހުންނެވެ.

ހަމާސްގެ ބައެއް އޮފިޝަލުންނާ ހަވާލާދީ އަލް-ޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އިޒްރޭލުން ހަމަލާތައް އަމާޒުކުރީ އެމެރިކާއިން ހުށަހަޅާފައިވާ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ދިޔަ ހަމާސްގެ އޮފިޝަލުންނަށެވެ.

އެކަމަކު އިޒްރޭލުން ހަމަލާދިނީ މީހުން ދިރިއުޅޭ ހިސާބަކަށް ކަމަށް، އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވެއެވެ.

ރާއްޖޭގެ އިތުރުން ސައޫދީ އަރަބިއްޔާ އާއި ޔޫއޭއީން ވަނީ އިޒްރޭލުން ޤަތަރަށް ދިން ހަމަލާތަކަކީ ފިނޑި އަމަލެއް ކަމަށް ސިފަކޮށް އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

comment ކޮމެންޓް