ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ރައީސް މަރިޔަމް މުނާގެ ދައުރު އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ހަމަވާތީ، އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ބުނީ، ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަމަށް އެދި ހުށަހަޅާ ފޯމުތައް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން މެންދުރު 12 ޖަހަންދެން ބަލައިގަންނާނެ ކަމަށާއި، އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު އެ އޮފީހުގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.
ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 22ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ކަމަށް، ރައީސް އޮފީހުން ބުންޏެވެ.
މިވަގުތު ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުނާ، އެ މަގާމަށް އައްޔަންކުރެއްވީ ނޮވެމްބަރު 30، 2020ގައެވެ.
މީގެ ކުރިން ވަޒީފާދޭ ޓްރައިބިއުނަލްގެ މެންބަރުކަން ވެސް ކުރެއްވި މުނާ ވަނީ އޮސްޓްރޭލިއާގެ ކޯވާން ޔުނިވާސިޓީން 2007 ވަނަ އަހަރު ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްވައިފައެވެ.
މުނާގެ އިތުރުން، ހިއުމަން ރައިޓްސް ކޮމިޝަންގައި މިހާރު ތިއްބަވަނީ އިސްމާއީލް ހަބީބު، ސަމާއު އަހުމަދު ނަޖީބު، އަދި އިއްޔެ އެ ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވި އަހްމަދު މަޤްސޫމާއި މުހައްމަދު ޝަފީޤު މަހްމޫދެވެ. މީގެ ތެރެއިން މަޤްސޫމާއި ޝަފީޤު ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވީ ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސް މުއުމިނާ ވަހީދާއި މެންބަރު އާމިނަތު ޝިފާޢަތު އަބްދުއްރައްޒާޤްގެ ދައުރު އިއްޔެއަށް ހަމަވާތީއެވެ.