ޔޫސުފުގެފާނު ފަދައިން ރަސޫލާ ވެސް މަޢާފުކުރެއްވިއެވެ.

މަޢާފުކުރެއްވުމުގައި ޔޫސުފުގެފާނު ދެއްކެވީ އެންމެ ރިވެތި ނަމޫނާއެވެ. އެ ނަމޫނާގެ ފުރިހަމަކަމުން، މި އުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ވެސް އެ ނަމޫނާއިން ފިލާވަޅު ލިބިވަޑައިގެންނެވިއެވެ. އެ ކަލޭގެފާނާ އެންމެ ބޮޑަށް ޢަދާވާތްތެރިވި މުޖުރިމުންނަށާއި ޣައްދާރުންނަށް ވެސް އެއްވެސް ޝަރުޠަކާނުލައި މަޢާފުދެއްވިއެވެ.

އާދޭހެވެ! ތިޔަ ހީކުރެވުނީ ރަނގަޅަށެވެ. އިސްލާމްދީނަށާއި އެ ދީނުގެ ނަބިއްޔާއަށާއި އެ ނަބިއްޔާއަށް ތަބާވި މުސްލިމުންނަށް އިންތިހާއީ ވޭނާއި އަނިޔާ ދިނުމުގައި އަޒާބުގެ މަތިން އަޒާބު ދެއްކި އެންމެންނަށް މައްކާ ފަތަޙަކުރެއްވި ދުވަހު އެކަލޭގެފާނު މަޢާފު ދެއްވިއެވެ. ހިޖުރައިން 8ވަނަ އަހަރުގެ ރަމަޟާންމަހުގެ 20ވަނަ ދުވަހު މައްކާ ފަތަޙަކުރައްވައި އެ ރަށަށް ވެދެވަޑައިގެންނެވީ ނުހަނު މަޑުމޮޅިކަމާ އެކު ހިތްޕުޅުތިރިކުރައްވާ ހާލުކޮޅުގައެވެ.

އިތުރު އެކަލޭގެފާނު މައްކާއަށް ވެދެވަޑައިގަތް މަންޒަރު ދުށް ބޭބޭކަލުން ރިވާކުރައްވާ ގޮތުގައި އެކަލޭގެފާނު މަޑުމޮޅިކަމާ އެކު އެކަލޭގެފާނުގެ އިސްތަށިފުޅު ތިރިކުރައްވައިގެން ސަވާރީގައި އިންނެވިއިރު އެކަލޭގެފާނުގެ އިސްތަށިފުޅު ސަވާރުވެވަޑައިގެން އިންނެވި އަހުގައި ޖެހޭ ހިސާބަށް ތިރިކުރައްވައިފައި ވެއެވެ. އިބުނު އިސްޙާޤު ރިވާކުރައްވާ ގޮތުގައި "މައްކާ ފަތަޙަކުރެއްވި ދުވަހު ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ތަވާޟުޢުވެރިކަމާ އެކު މައްކާއަށް ވެދެވަޑައިގެންނެވިއިރު އެކަލޭގެފާނުގެ ކަނދުރާފުޅު ހުރީ އިސްދަށަށް ހެޖި ތިރިވެފައެވެ." މި ކަމުން ދައްކައިދިނީ އިތުރު އެކަލޭގެފާނުގެ ހިތްޕުޅުގެތިރިކަމާއި ނަފުސުފުޅުގެ މަޑުމޮޅިކަމާއި ޚުލްޤުފުޅުގައި ހުންނެވި ފުރިހަމަ ކަމެވެ.

މައްކާ ފަތަޙައިގެ ދުވަހު އެކަލޭގެފާނު މައްކާއަށް ވެދެވަޑައިގެންނެވީ އާރެއްބާރެއް ނެތް ނިކަމެއްޗެއްގެ ގޮތުގައެއް ނޫނެވެ. އެ ދުވަހު އެކަލޭގެފާނު މައްކާއަށް ވެދެވަޑައިގެންނެވީ ﷲ ދެއްވި މަތިވެރި ކާމިޔާބާ އެކު ހުރިހާ ބާރެއްގެ މައްޗަށް އަމުރުހިންގަވަން ހުންނެވި ކޮމާންޑަރުގެ ހައިޘިއްޔަތުންނެވެ. އެހެނަސް އަމުރުވެރި ޚުދުމުޚުތާރު ވެރިއެއްގެ ސިފަ ދޫކުރައްވައި މާތް ﷲއަށް ޝުކުރުވެރިވާ ހާލު ހުރިހާ ބާރެއްގެ ވެރި އިލާހަށް ޙަމްދުކުރައްވަމުނެވެ. މައްކާއަށް ވެދެވަޑައިގެންނެވީ ދެކޮޅުވެރިކަމާއި ޢަދާވަތްތެރިކަން ދޫކުރައްވައިފައެވެ. ނުހަނު މަޑުމައިތިރިކަމާއި ޞުލްޙަވެރިކަމާ އެކުއެވެ.

އަނިޔާވެރި މުޝްރިކުންގެ މައްޗަށް އިތުރު އެކަލޭގެފާނަށާއި މުސްލިމުންގެ މައްޗަށް ބާރުދެއްވައި ﷲ تعالى ވަނީ މި ފަތަޙައަށް، ބަޔާންވެގެން ވާ ފަތަޙައިގެ ނަމުން ނަންދެއްވައިފައެވެ. އެ އިލާހު ވަޙީކުރައްވައިފައި ވެއެވެ: ﴿إِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا﴾ ‎(الفتح: ١)‏ މާނައީ: [ހަމަކަށަވަރުން ފާޅުވެ ބަޔާންވެގެންވާ ފަތަޙަ އަކުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފަތަޙަ ދެއްވީމެވެ.]

މި މަތިވެރި ދުވަހު އެއްވެސް މީހަކަށާއި އެއްވެސް މީހެއްގެ މުދަލަކަށް އަދި ގޯތިގެދޮރަކަށް ވެސް ގެއްލުން ދިނުމެއް ނެތި މައްކާގެ އަހުލުވެރިންގެ މައްޗަށް މުސްލިމުން ގަދަކަން ހޯއްދެވިއެވެ. އަދި މާތް ﷲގެ ޝިޢާރު މަތިވެރިކުރައްވައި ތަކުބީރުގެ އަޑުން މުޅި މައްކާ ގުގުމައިލެއްވިއެވެ. ﷲއާ ޝިރުކު ކުރާ މީހުންނާއި ތަކެތި ނިކަމެތިކުރެއްވިއެވެ. އެ ގޮތުން ގެފުޅުގެ ވަށައިގެން ބެހެއްޓިފައިވާ 360 ބުދު، މުހާޖިރުންނާއި އަންޞާރުން ޖޯޝާއި ފޯރީގައި ތަޅުއްވާ ސުންނާފަތިކުރެއްވިއެވެ. އެކަން ކުރައްވަމުން ގެންދެވީ ކީރިތި ޤުރުއާނުގެ މި އާޔަތް ވިދާޅުވަމުންނެވެ. ‎﴿وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ إِنَّ الْبَاطِلَ كَانَ زَهُوقًا﴾ ‎(الإسراء: ٨١) މާނައީ: [އަދި ކަލޭގެފާނު ވިދާޅުވާށެވެ! ޙައްޤު ތެދުގޮތް އަތުވެއްޖެއެވެ. އަދި ބާޠިލްގޮތް ނެތި ފިލައިހިނގައްޖެއެވެ. ހަމަކަށަވަރުން، ބާޠިލަކީ، ނެތިވެ ފިލައިދަނިވި އެއްޗެއް ކަމުގައި ވިއެވެ.]

މައްކާފަތަހައިގެ ދުވަހު މުޅިންވެސް ފެނިގެންދިޔައީ މާތް ﷲގެ ކަލިމަ މަތިވެރިކުރައްވަން ކުރެއްވި މަސައްކަތްޕުޅެވެ. އަނާނިއްޔަތު ކުރިއަރުވަން މަސައްކަތް ކުރެއްވި އެއްވެސް ޞަޙާބީއެއް ފެނިވަޑައިގެންފައެއް ނުވެއެވެ. ޙުދު ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ވެސް އަމިއްލަ ނަފުސުފުޅު ކުރިޔަށް ނެރުއްވައި ތިމާއާށް ހޯއްދެވުނު ކާމިޔާބެއް ކަމުގައި ދެކިވަޑައިނުގަންނަވައެވެ. އެހެނަސް މިއީ ﷲގެ ޙަޟްރަތުން ލިބިވަޑައިގެންނެވި ނަޞްރެއް ކަމުގައި ދެކެވަޑައިގެންނެވިއެވެ.

އިތުރު އެކަލޭގެފާނު ވަޑައިގެން ކަޢުބާގެ ދޮރުކޮޅުމަތީ ހުންނަވައި ޙަދީޘްކުރެއްވިއެވެ. "މާތް ﷲ ފިޔަވައި އެހެން އިލާހަކު ނުވެއެވެ. އެއީ އެއްކައުވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ ވަޢުދުފުޅު ފުރިހަމަކުރެއްވިއެވެ. އެކަލާނގެ އަޅާއަށް ނަޞްރުދެއްވިއެވެ. އެކަލާނގެ އެއްކައުވަންތަވެގޮޑިގެން ވާ ހާލު، ދެކޮޅުވެރި ހުރިހާ ޖަމާޢަތްތަކެއް ބަލިކުރެއްވިއެވެ." ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އެ ޚުޠުބާ ކުރިޔަށް ގެންދަވަމުން ޙަދީޘްކުރެއްވިއެވެ. "އޭ ޤުރައިޝުންނޭވެ! ތިޔަބައިމީހުންނާ މެދު އަހުރެން ކޮން ގޮތަކަށް ކަންތައް ކުރައްވާނޭ ކަމުގައި ތިޔަބައިމީހުން ހީކުރަމުހެއްޔެވެ؟" އެބައިމީހުން ދެންނެވިއެވެ. "ކަލޭގެފާނު ހެޔޮ ކަމެއް ނޫނީ ނުކުރައްވާނެއެވެ. ކަލޭގެފާނީ ހެޔޮ ވެގެންވާ މާތް އަޚެކެވެ. ހެޔޮވެގެންވާ މާތް އަޚެއްގެ ދަރިކަލެކެވެ." ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. "ފަހެ ތިމަންކަލޭގެފާނު ވިދާޅުވާހުށީ ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންނަށް ވިދާޅުވިފަދައިންނެވެ." ﴿لَا تَثْرِيبَ عَلَيْكُمُ الْيَوْمَ يَغْفِرُ اللَّهُ لَكُمْ﴾ ‎﴿يوسف: ٩٢﴾‏ މާނައީ: "މިއަދު ތިޔަބައިމީހުންގެ މައްޗަކަށް މަލާމާތެއް ދެރަބަހެއް ނެތެވެ. ތިޔަބައިމީހުންނަށް ﷲ ފާފަ ފުއްސަވާށިއެވެ!" މީގެ އިތުރަށް ޙަދީޘްކުރެއްވީ "ތިޔަބައިމީހުންނީ މިނިވަނުންނެވެ. ތިޔަބައިމީހުން އެދޭ ކޮންމެ ތަނަކަށް ދާށެވެ."

ކަލެއްގެ ކަށަކުޅަދުންވަންތަކަމާއެވެ. އިލާހީ ތަރުބިއްޔަތުގެ މަތިވެރިކަމާއެވެ. އެ އިލާހުގެ އަޒަލިއްޔަތުގެ ޢިލްމުފުޅުގައި އިސްކުރައްވައި ފަސްކުރައްވާ ކަންކަމުގެ މޮޅުކަމާއި އޭގެ ތަރުތީބުގެ ފުރިހަމަކަމާއެވެ. ނަބިއްޔެއްގެ ކިބައިން އަނެއް ނަބިއްޔަކު ހިތްވަރުހޯއްދެވުމަށް އިރާދަކުރެއްވި ތަމްސީލުގެ ނަމޫނާވެރިކަމާއެވެ. سبحان الله!އެވެ. މިހިރީ އިލާހީ ދަރުބާރުން ކިޔައިދެއްވާ ފިލާވަޅެވެ. އިސްލާހުވާ މީހުންގެ ތެރެއިން އަޅަމެން ލައްވާންދޭވެ! آمين!

comment ކޮމެންޓް