ސިވިލް ސާވިސްގެ ޚިދުމަތުގެ މުއްދަތު ގުނާ ގޮތަށް ގެނައި ބަދަލު ބާތިލުކޮށްފި

ވެލާނާގެ: ސިވިލް ސާވިސް މުވައްޒަފުންގެ މުއްދަތު ގުނާ ގޮތަށް ގެނައި ބަދަލުވަނީ ބާތިލުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިވިލް ސާވިސްއަށް ޚިދުމަތްކުރި މުއްދަތު ގުނާއިރު ދައުލަތުގެ އެހެން އިދާރާއެއްގައި ނުވަތަ ކުންފުންޏެއްގައި ޚިދުމަތްކުރި މުއްދަތު ވެސް ގުނާ ގޮތަށް ގެނައި ބަދަލު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން މިއަދު ބާތިލުކޮށްފިއެވެ.

ސީއެސްސީން ކުރިން ވަނީ ވަޒީފާއިން ރިޓަޔާކުރާއިރު ޚިދުމަތުގެ މުއްދަތު ގުނާއިރު ސަރުކާރުގެ މައި ހިއްސާ އޮންނަ ކުންފުނިތަކާއި ދައުލަތުގެ އެހެން އިދާރާތަކުގައި ޚިދުމަތްކުރި މުއްދަތު ގުނަން ނިންމާފައެވެ.

އެހެންވެ، އެ ފަދަ ވަޒީފާގެ ރިކޯޑު އޮތް މުވައްޒަފުން ތަޖުރިބާގެ ބަޔަށް އަޕްޑޭޓްކުރަން ސިވިލް ސާވިސް ކޮމިޝަނުން އެދުނެވެ.

އެކަމަކު، ސިވިލް ސާވިސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ ސާކިއުލާ ބާތިލުކޮށްފައިވާ ކަމަށެވެ. ސަބަބެއްގެ ގޮތުން ބުނެފައިވަނީ ސަރުކާރުގެ އެހެން އިދާރާތަކާ މަޝްވަރާކުރުމެވެ. އިތުރު އެއްވެސް ތަފުސީލެއް ނުދެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ނާސިހު ހިމެނޭހެން ތިން ބޭފުޅުން އެ ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރައްވާފައެވެ.

ސީއެސްސީގައި މި ވަގުތު ތިއްބެވި މެންބަރުންގެ ތެރެއިން ނާސިހާއި މުހައްމަދު ފަރުސަތާއި ފާތިމަތު ޝަރީފްގެ މެންބަރުކަން މި މަހުގެ ތިންވަނަ ދުވަހަށް ވަނީ ހަމަވެފައެވެ.

އެެހެންވެ، އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ނާސިހުގެ ނަން ހިމެނޭހެން ހަ ނަމެއް ރައީސް މަޖިލީހަށް ފޮނުއްވީ މި މަހުގެ 17 ވަނަ ދުވަހެވެ.

އެ ކޮމިޝަނަށް އައްޔަންކުރެއްވީ، ނާސިހުގެ އިތުރުން، ޑރ. ޙުސައިން ފާއިޒާއި ޑރ. ދީބާ މޫސާއެވެ.

comment ކޮމެންޓް