ޖުމްލަ 11،787 ޑްރޯން ބޭނުންކޮށްގެން ޖައްވުގައި ދައްކާލި މަންޒަރު، ރެކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ.
އެ ޑްރޯން ޝޯ ކުރިއަށްގެންދިޔައީ، ޗައިނާގެ ޗޮންގްކިންގް ބްރޯޑްކާސްޓިން މީޑިއާ ގްރޫޕް ކޯ ލިމިޓެޑާއި ޝެންޒެން ޑަމޯޑާ އިންޓެލިޖެންޓް ކޮންޓްރޯލް ޓެކްނޮލޮޖީންނެވެ.
ޖޫން މަހުގެ 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ އެއާ ޝޯއަކީ ޗައިނާގެ ހަތަރު ވަނަ މުނިސިޕަލްޓީގެ ގޮތުގައި ޗޮންގްޗިންގް ކަނޑައެޅި ފަހުން 28 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޝޯއެކެވެ.
ޝޯ އިންތިޒާމްކުރި ދެ ކުންފުނީގެ މަގުސަދަކީ ވެސް ޗޮންގްޗިންގްގެ ކުރިއެރުން ދުނިޔެއަށް ދައްކާލައި، އިގުތިސާދާއި ސަގާފީ އަދި ފަތުރުވެރިކަމުގެ ސިނާއަތް ޕްރޮމޯޓު ކުރުން ކަމުގައި ޗައިނާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
އެ އެއާ ޝޯ ވަރަށް ގިނަ ބަޔެއްގެ މެދުގައި މަގުބޫލުވިއެވެ. އެ ޝޯގައި ޑްރޯންތަކުން ކޯމަހާއި ގަހާއި ފަރުބަދަތަކާއި އިތުރު މަންޒަރުތައް ދައްކުވައިދިނެވެ.
ޝޯ ނިމުމުން ހުރިހާ ޑްރޯންތަކެއް ބިމަށް ޖެއްސި މަންޒަރުވެސް ވަރަށް ހިތްގައިމު ކަމަށް ގިނަ ބަޔަކު ބުނެއެވެ.