ތިނަދޫ ސިޓީގައި ތަރައްގީކުރަމުން އަންނަ 200 ރޯހައުސްއަށް ކުރިމަތިލާން ހައުސިން މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.
ޖަނަވަރީ 28ގައި ތިނަދޫ ކައުންސިލުން ވެސް ވަނީ އެ ތަންތަނަށް ކުރިމަތިލާން ހުޅުވާލައިފައެވެ. އެކަމަކު، އެއީ ހުއްދަ ނުނަގާ ކުރި އިއުލާނެއް ކަމަށް ބުނެ، މިނިސްޓްރީން ފެބްރުއަރީ އެކެއްގައި ވަނީ އިއުލާނު ބާތިލުކުރަން އަންގާފައެވެ.
މިނިސްޓްރީން މިއަދު ވަނީ 200 ރޯހައުސްއަށް ކުރިމަތިލާން ހުޅުވާލައިފައެވެ.
އެގޮތުން، ހިޔާވަހި ޕޯޓަލް މެދުވެރިކޮށް މިއަދުން ފެށިގެން ނޮވެންބަރު ހަތްވަނަ ދުވަހުގެ 23:59 އާ ހަމައަށް ރޯހައުސްތަކަށް ކުރިމަތިލެވޭނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ވަނީ ބުނެފައެވެ.
މިނިސްޓްރީން ހެދި އުސޫލުގައި ވާގޮތުން ތިނަދޫގައި ހަދާ ރޯހައުސްތަކަށް ކުރިމަތިލެވޭނީ އެ ސިޓީގެ ރައްވެއްސަކަށް ނުވަތަ އެ ތަނަށް ހިޖުރަކޮށްގެން މެދުނުކެނޑި ދިރިއުޅެމުން އަންނަތާ 10 އަހަރުވެފައިވާ 18 އަހަރުން މަތީގެ މީހުންނަށެވެ.
މީގެ އިތުރުން، ރޯހައުސްތަކަށް އެދޭ މީހާއަކީ އެއްމެދު އިމާރާތަކުން 600 އަކަފޫޓުގެ ނުވަތަ އެއަށްވުރެ ބޮޑު ތަނެއް ގަނެފައިވާ ނުވަތަ ގަންނަން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ މީހަކަށް ވެގެންނުވާނެއެވެ. އަދި، އެހެން ރަށަކުން ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ތެރެއިން ފުލެޓެއް ނުވަތަ ހައުސިން ޔުނިޓެއް ލިބިފައިވާ މީހަކަށް ވެސް ރޯހައުސްތަކަށް އެދި ކުރިމައްޗެއް ނުލެވޭނެއެވެ.
ރޯހައުސްއަށް ކުރިމަތިލާ މީހުންނަށް ޕޮއިންޓް ދިނުމުގައި އާއިލާގެ ކުޑަބޮޑު މިނާއި ދިރިއުޅޭ ހާލަތަށް ބަލާއިރު، ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ބަލަހައްޓާ މީހުންނާއި އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ މީހުންނާއި މައިންބަފައިން ބަލަހައްޓަމުން އަންނަ މީހުންނަށް އިސްކަންދޭނެ ކަމަށް އުސޫލުގައިވެއެވެ.
ތިނަދޫ ރޯހައުސް މަޝްރޫއަކީ ސަރުކާރުން ހިންގާ މަޝްރޫއެއް ކަމަށާއި އެ އިއުލާނު ބާތިލުކުރަން އެންގީ ސަރުކާރުން ކަނޑައަޅާ އިޖުތިމާއީ މިންގަނޑެއްގެ ތެރެއިން ލިބޭ ފަރާތްތައް ކަނޑައެޅުމަކީ މުހިންމު ކަމަކަށް ވާތީ ކަމަށް މިނިސްޓަރު އަބްދުﷲ މުއްތަލިބު ކުރިން ވިދާޅުވިއެވެ. އެހެންނަމަވެސް، އެކަން ކައުންސިލުން ނުކުރާތީ މިނިސްޓްރީން އެ އިއުލާނު ބަލައި ނުގަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ތިނަދޫ ރޯހައުސްތައް އިމާރާތްކުރަން ފެށީ މިދިޔަ ސަރުކާރުގައި 2022 ވަނަ އަހަރެވެ.