ހިތުގެ ބަލީގައި އުޅެން ޖެހޭ ހާލަތު ބަޔާންކޮށް 'ޓައިނީ ހާޓްސް އޮފް މޯލްޑިވްސް' އިން ފާތިމަތު ހިޝްމަތާއި އަލީ މުއާޒުގެ ދަރިފުޅު, މުހައްމަދު ކިޔާން އަލީ މުއާޒްގެ ވާހަކަ ހިމަނައި، ހުށަހެޅި ޕެޓިޝަން ކުޑަ ދުވަސްކޮޅެއްގެ ތެރޭ ވަރަށް ބޮޑަށް ކުރި ހޯދައިފިއެވެ.
ހިތުގެ ބަލިތަކުން ރައްކާތެރިވުމާ ގުޅޭ ގޮތުން ހޭލުންތެރިކުރުމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ވޯލްޑް ހާޓް ފެޑެރޭޝަނުން، މި އަހަރުގެ ދުނިޔޭގެ ހިތުގެ ދުވަހާ ގުޅުވައި ވަނީ 'ޑޯންޓް މިސް އަ ބީޓް'ގެ ނަމުގައި ކެމްޕޭނެއް ފަށައިފައިފައެވެ. މި މަހުގެ 29ވަނަ ދުވަހު ފާހަގަކުރާ އެ ދުވަހާ ގުޅުވައި އިފުތިތާހުކުރި ކެމްޕޭނުގައި ގޮވާލަނީ، ހިތުގެ ބަލިތަކުން ރައްކާތެރިކުރުމުގެ މަސައްކަތަށާއި ފަރުވާއަށް ސަރުކާރުތަކުން އެހީ ފޯރުކޮށްދިނުމަށެވެ.
އެ ކެމްޕެއިންގެ ދަށުން، ޗޭންޖް.އޯގްއާ ގުޅިގެން ވޯލްޑް ހާޓް ފެޑެރޭޝަނުން ވަނީ 10 ޕެޓިޝަނެއް އެކުލަވާލައިފައެވެ. އޭގެ ތެރޭގައި، ކިޔާންގެ ވާހަކަ ކިޔައިދޭ ޕެޓިޝަން އާންމުކޮށްފައިވަނީ މީގެ 10 ދުވަސް ކުރިންނެވެ.
އެ ޕެޓިޝަންގައި މިހާރު ވެސް މީހުން ސޮއިކުރަމުން އަންނައިރު، މިހާތަނަށް ސޮއިކުރި މީހުންގެ އަދަދުވަނީ 570އަށް އަރައިފައެވެ.
ޓައިނީ ހާޓްސްގެ ޗެއާޕާސަން އަދި ހިންނަވަރު ދާއިރާގެ ކުރީގެ މެންބަރު ޖީހާން މަހުމޫދު "ސަން"އަށް ވިދާޅުވީ އެ ޕެޓިޝަނުގައި ބޭރު ގައުމުތަކުގެ މީހުން ވެސް ސޮއިކޮށްފައިވާއިރު، ދިވެހީންގެ ތަރުހީބު ބޮޑުކަން ފާހަގަވާ ކަމަށެވެ.
އެ ޕެޓިޝަނަށް އިތުރަށް ވެސް މީހުންގެ ސަމާލުކަން ލިބޭނެކަމުގެ އުއްމީދު އޮތްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ވޯލްޑް ހާޓް ފެޑެރޭޝަންގެ އަމާޒަކީ، އދ.އިން ބާއްވާ، ގައިންގަޔަށް ނާރާ ބަލިތަކާ ގުޅޭ މަތީ ފަންތީގެ ބައްދަލުވުމުގައި އެ ޕެޓިޝަންތައް ހިއްސާކުރުން ކަމަށެވެ. އަދި ހިތުގެ ބަލިތައް މަދުކުރުމަށް ދައުލަތްތަކުން ޚަރަދުނުކުރާކަން ފާހަގަކޮށް، ސްކްރީނިން ފަދަ ކަންކަމަށް ސަރުކާރުތަކުން ޚަރަދުކުރަން ގޮވާލުން ކަމަށް ޖީހާން ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ރާއްޖެ ހިމެނޭހެން ދައުލަތްތަކުން ސްކްރީނިންއަށް ޚަރަދެއް ނުކުރޭ، ދިވެހިރާއްޖޭގައި ސިސްޓެމެޓިކްކޮށް ނުކުރޭ ހިތުގެ ސްކްރީނިންއެއް ސަރުކާރުގެ ފަރާތުން، ޕްރިވެންޝަންއަށް އެންމެ މުހިންމު ކަންތައް ސްކްރީނިން އެއީ، އެކަމަކު އެކަމަށް އިންވެސްޓެއް ނުކުރޭ،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ހިތުގެ ބަލިތައް ހުންނަ މީހުންނަށް ފަރުވާ ކަށަވަރުކޮށްދިނުމަށް، ޚާއްސަކޮށް ރަށްރަށުގައި ދިރިއުޅޭ މީހުންގެ ފަރުވާއަށް ސަރުކާރުން އިންވެސްޓް ނުކުރާކަމުގެ ކަންބޮޑުވުން ޖީހާން ފާޅުކުރެއްވިއެވެ.
"[ޕެޓިޝަން ހުށަހަޅަނީ] އދ. ޒަރިއްޔާއަކަށް ބޭނުންކޮށްގެން މި ލޮބީކުރަނީ ހުރިހާ ދައުލަތްތަކުން ވެސް ކޮމިޓްވާން، ހިތުގެ ބަލިތަކުގެ ފަރުވާއަށާއި ރައްކާތެރިކަމަށް ޓަކައި، އެހެންވީމަ އެކަމަށް ދައުލަތްތަކުން ކުރާ ޚަރަދު މިހާރަށްވުރެ އިތުރުކުރަން ޕެޓިޝަނުން މި ޕުޝް ކުރަނީ،" އޭނާ ވިދާޅުވިއެވެ.
"މީގެ ޒަރިއްޔާއަކަށް ޓައިނީ ހާޓްސް ވުމަކީ ލިބޭ ވަރަށް ބޮޑު ފަޚުރެއް."
ތުއްތު ކިޔާންގެ ވާހަކައާއި ޓައިނީ ހާޓްސްގެ އުފެދުން
ދެހާސް އަށްވަނަ އަހަރު، ކިޔާން އުފަންވީ ފެންނަ ފެނުމަށް ސިއްހަތު ރަނގަޅު ކުއްޖެއް ގޮތުގައެވެ. އެކަމަކު، އެކަން ބަދަލުވާން ނެގީ ކުޑަ ދުވަސްކޮޅެކެވެ. ކިޔާންގެ ތުންފަތާއި ނިޔަފަތިތަކާއި ހަށިގަނޑު ނޫފައިގެންވާކަން ނަރުހަކަށް ފާހަގަވިއެވެ. އެއީ، ތުއްތު ކިޔާންގެ ހިތުގެ މައްސަލައެއް އުޅޭކަން އެ ދެމަފިރިންނަށް އެނގުނު ހިސާބެވެ.
އެކަމަކު، ކޮންޖެނިޓަލް ހާޓް ޑިފެކްޓް (ސީއެޗްޑީ)އަކީ އެ ދެމަފަރިން ދަންނަ ބައްޔަކަށް އޭރު ނުވާތީ ތިބެވުނީ އެފަދަ ކަމަކަށް ތައްޔާރުވެގެން ނޫނެވެ. އެ ނުރައްކާތެރި ބައްޔާ ކުރިމަތިލާނެ ގޮތެއް ނޭނގުނެވެ.
އުމުރުން އޭރު އެންމެ ފަސް ދުވަހުގެ ކިޔާންގެ ބައްޔަށް ފަރުވާ ކުރަން އެ ދެމަފިރިން އިންޑިއާއަށް ގޮސް ހިތުގެ އޮޕަރޭޝަނެއް ކުރިއެވެ. އޭގެފަހުން، ކިޔާން ރާއްޖެ ގެނެވުނީ އޭގެ މަހަކަށްވުރެ ގިނަ ދުވަސް ފަހުންނެވެ. އެ އޮޕަރޭޝަނަށް ފަހު، ކިޔާންގެ ހާލު ރަނގަޅުވިއެވެ. އެހިސާބުން އަނެއްކާވެސް އެ އާއިލާއަށް ހިނިތުންވުމާ އުޖާލާކަން ގެނުވިއެވެ. ނަމަވެސް، އެ ހިނިތުންވުން ދެމިއޮތީ ކުޑަ ދުވަސްކޮޅަކަށެވެ.
ކުއްލިއަކަށް ކިޔާންގެ ހާލަތު ގޯސްވެ، ކުއްލި ފަރުވާއަށް ބޭނުންވިއެވެ. އޭރު އެ ފަރުވާ ރާއްޖޭން ދެވޭކަށް ނެތެވެ. އެހެންވެ، އެ ދެމަފިރިންނަށް އަނެއްކާވެސް ޖެހުނީ އިމަޖެންސީ ފްލައިޓެއްގައި ތުއްތު ކިޔާން ގޮވައިގެން އިންޑިއާއަށް ދާށެވެ.
ނަމަވެސް، އޭރު ވަގުތު ފާއިތުވެ، މާބޮޑަށް، ލަސްވެއްޖެއެވެ. ފަރުވާ ހޯދާތާ ތިން މަހާ ގާތްވެފައި ވަނިކޮށް، ތުއްތު ކިޔާން މި ދުނިޔެ ދޫކުރީއެވެ.
އެ ހިތާމައިގެ ތެރެއިން އެ ދެމަފިރިން ހިތްވަރު ލިބިގަނެ، ބޭނުންވީ އެހެން އާއިލާތައް ހިތުގެ ބައްޔަށް ހޭލުންތެރިކުރާށެވެ. ލަހުން ބަލި ދެނެގަނެވިގެން އެހެން ފުރާނައަށް ގެއްލުނަ ނުދިނުމަށް މަސައްކަތް ކުރާށެވެ.
އެ އުންމީދުގައި ކިޔާންގެ ފުރަތަމަ އުފަން ދުވަހު، ޓައިނީ ހާޓްސް އޮފް މޯލްޑިވްސް ރަޖިސްޓްރީ ކުރިއެވެ. އެއީ، ޖުލައި އަށެއް، 2009ގައެވެ.
މިއަދު ޓައިނީ ހާޓްސް މޯލްޑިވްސްއަކީ ހިތުގެ ބައްޔަށް މީހުން ހޭލުންތެރިކުރުމުގައި މެދުނުކެނޑި މަސައްކަތްކުރާ ޖަމިއްޔާއެކެވެ. އެކަމަށްޓަކައި، އެތައް ވަގުތެއް ހޭދަކޮށް، އަގު ނުކުރެވޭފަދަ މަސައްކަތްތަކެއް ކޮށްދީފިއެވެ. 16 އަހަރު ހޭދަކުރީ ހިތުގެ ބަލީގައި އެހެން ފުރާނައެއް ގެއްލުނަ ނުދިނުމަށެވެ.