ތެލަސީމިއާ ބަލި މީހުންނަށް ޚާއްސަކޮށް އޮރެންޖު ހިޔާގައި "ތެލެސީމިއާ ޕޭޝަންޓް ކެއާ ސެންޓަރު" މިއަދު ހުޅުވައިފިއެވެ.
މި ސެންޓަރު ހުޅުވައިދެއްވީ، މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމެވެ.
ތެލަސީމިއާ ޕޭޝަންޓު ކެއާ ސެންޓަރު ހުޅުވައިދެއްވުމަށް ފަހު ހަލީމް ވިދާޅުވީ، މި ސެންޓަރަކީ މެޑިކަލް އޮފިސަރުންނާއި، ޕަބްލިކް އޮފިސަރުންނާއި، ކައުންސިލަރުންގެ ޓީމެއް ހިމެނޭ ގޮތަށް އިންތިޒާމު ކުރެވިގެން ހުޅުވި ސެންޓަރެއް ކަމަށެވެ.
ކުރިން އަތޮޅުތަކުގައި ދިރިއުޅޭ ތެލަސީމިއާ ޕޭޝަޓުންނަށް ޚާއްސަ ފަރުވާ ދިނުމަށް ބައިވަރު ދަތިތައް ހުންނަކަން ފާހަގަކުރައްވައި ހަލީމް ވިދާޅުވީ، މި ސެންޓަރުން އެމީހުންގެ ހާލު ބަލާނެ ކަމަށެވެ. އެގޮތުން އެ ސެންޓަރުން ކޮންމެ ތިން މަހަކުން ތެލަސީމިއާ ޕޭޝަންޓުންނަށް ގުޅައި، ހާލު ބެލުމަށް ވަނީ ހަމަޖެހިފައެވެ.

މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ސެންޓަރާ ގުޅޭ މައުލޫމާތު ދެނީ ---- ފޮޓޯ/ އެމްބީއެސް
އެގޮތުން ޑޮކްޓަރަށް ދެއްކުމުގައި ދައްޗެއް ދިމާވާނަމަ ނުވަތަ ލަފައެއް ބޭނުންވާ ހާލަތެއްގައި އެ ސަރަހައްދެއްގައި ހުންނަ އަތޮޅު ހޮސްޕިޓަލަކާ ގުޅިގެން އެ ސެންޓަރުން ޚިދުމަތް ފޯރުކޮށްދޭނެކަމަށް ހަލީމް ވިދާޅުވިއެވެ.
އިތުރަށް ހަލީމް ވިދާޅުވީ ތެލަސީމިއާ ކޮންޓްރޯލްކުރުމަށް ބޭނުންވާ އެންމެ ފަހުގެ ޓެސްޓުތައް ކުރެވޭނެ މެޝިނަރީއާއި އެކަމަށް ބޭނުންވާ މީހުން ހޯދުމަށް މިހާރު ބަޖެޓު ވަނީ ހަމަޖެހިފައި ކަމަށެވެ. އަދި ވީހާވެސް އަވަހަށް އެކަން ކުރުމަކީ އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ވަރަށް ގިނަ ދުވަސްވެ ހާލަތު ގޯސްވެފައިވާ ތެލެސީމިއާ ސެންޓަރު، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ އޮރެންޖު ހިޔާއަށް ބަދަލުކުރީ މިދިޔަ މެއި މަހުއެވެ.
އެ ސެންޓަރުގައި ގާއިމުކޮށްފައިވާ ބައެއް ޔުނިޓުތަކުގެ ތެރޭގައި އެނދުމަތިކޮށް ފަރުވާ ދޭންޖެހޭ އަދި ލޭ އަޅާ ބަލިމީހުންނަށް ޚާއްސަ ޖެނެރަލް ވޯޑެއް ހިމެނެއެވެ. އެ ވޯޑުގައި 12 އެނދު ގާއިމުކޮށްފައިވާއިރު، ތުއްތު ކުދިންނަށް ޚާއްސަ ހަ އެނދުގެ ވޯޑެއް ވެސް ހުރެއެވެ. އަދި އަންހެނުންނަށް ޚާއްސަ ހަތް އެނދުގެ ވޯޑެއް ވެސް ގާއިމުކޮށްފައިވެއެވެ.
ރާއްޖެއަކީ ނިސްބަތުން ތެލަސީމިއާ ޕޭޝަންޓުން ގިނަ ގައުމެކެވެ. އެގޮތުން ރާއްޖޭގައި ލޭ ބޭނުންވާ މިންވަރު ވެސް އެހެން ގައުމުތަކާ އަޅާބަލާއިރު އިތުރު ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)އިން މިދިޔަ އަހަރު ވަނީ ބުނެފައެވެ. އެމްބީއެސްއިން ބުނި ގޮތުގައި ރާއްޖޭގައި ބޭނުންކުރާ ލޭގެ ގާތްގަނޑަކަށް 70 އިންސައްތަ ބޭނުންކުރަނީ ތެލަސީމިއާއަށް ފަރުވާ ހޯދާ ފަރާތްތަކުންނެވެ.