ދިއްލީ ފްލަޑް އެލާޓް: ޔަމުނާ ކޯރުގެ ފެންގަނޑު ވަރަށް ބޮޑަށް އުފުލިއްޖެ

ދިއްލީގައި ފެންބޮޑުވެދާނެ ކަމުގެ އިންޒާރު ވަނީ ދީފައި. ފޮޓޯ/ޕީޓީއައި

އުތުރު އިންޑިއާއަށް ބޯކޮށް ވާރޭ ވެހެމުންދާއިރު، ދިއްލީގެ ޔަމުނާ ކޯރުގެ ފެންގަނޑު އުފުލިއްޖެއެވެ.

މިއީ 2023 ވަނަ އަހަރަށްފަހުން ކޯރުގެ ފެންގަނޑު މިހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރެވެ.

އިއްޔެ ހަވީރު ހަތަރެއް ޖެހުމާ ހަމައަށް އެ ފެންގަނޑު 206.03 މީޓަރަށް އުފުލިފައިވާ ކަމަށް އިރިގޭޝަން އެންޑް ފްލަޑް ކޮންޓްރޯލް (އައި އެންޑް އެފްސީ) ޑިޕާޓްމަންޓުން ހިއްސާކުރި ހިސާބުތަކާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ފެންގަނޑު އެހާ ބޮޑަށް އުފުލެން މެދުވެރިވީ، ހަރިޔާނާގެ ހަތްނިކުންޑް ބެރޭޖުން ދޫކުރާ ފެނުގެ މިންވަރު އިތުރުވުމުން ކަމަށާއި، އޭގެ ސަބަބުން ދިއްލީގެ ފެނުގެ ލެވެލަށް ސީދާ އަސަރު ކުރާ ކަމަށްވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ފެން ބޮޑުވެދާނެ ކަމުގެ އިންޒާރާ ގުޅިގެން 10،000 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

ދިއްލީގެ ފެނުގެ ލެވެލް މަތިވުމުން ސަރުކާރުން މިހާރު ވަނީ ފްލަޑް ރެސްޕޮންސް ޕްލޭނެއް އެކުލަވާލާފައެވެ. އިރިގޭޝަން އެންޑް ފްލަޑް ކޮންޓްރޯލް މިނިސްޓަރު ޕަރްވޭޝް ވަރްމާ ވަނީ ޑިޕާޓްމަންޓުތަކުގެ އޮފިޝަލުންނާއި ޑިސްޓްރިކްޓް މެޖިސްޓްރޭޓުންނާ ބައްދަލުކޮށް ފްލަޑް ރެސްޕޮންސް ޕްލޭންތައް މުރާޖާކޮށްފައެވެ.

ފެންބޮޑުވެދާނެ ކަމަށް އައި އެންޑް އެފްސީ ޑިޕާޓްމަންޓުން ވަނީ 58 ބޯޓު، 675 ލައިފް ޖެކެޓް، 5،67،200 އީސީ (އީކޯ) ކޮތަޅު، 14،370 އޮނު ދަނޑިއާއި، 24 ޖަނަރޭޓަރު ފަދަ އާލާތްތައް ހޯދާފައެވެ. މީގެ އިތުރުން 82 މޮބައިލް ޕަމްޕް ވެސް އެކި ސަރަހައްދުތަކުގައި ތަންތަނުގައި ބަހައްޓާފައިވާ ކަމަށް މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.

ދިއްލީގެ ހާލަތު މިއަދު ގޯސްވެދާނެ ކަމަށާއި ފެނުގެ ލެވެލް އިތުރަށް މައްޗަށް ގޮސް 206.90 މީޓަރަށް އަރާނެ ކަމަށް ބެލެވޭ ކަމަށް މީޑިއާތަކުން ބުނެއެވެ.

comment ކޮމެންޓް