ސީރިއާގެ ކުރީގެ ރައީސް އަސަދު ހައްޔަރު ކުރުމަށް ފްރާންސުގެ އަމުރެއް

ސީރިއާގެ ކުރީގެ ރައީސް ބައްޝާރު އަލް އަސަދު. އަސަދު ހައްޔަރުކުރުމަށް ފްރާންސުން ވަނީ އަމުރެއް ނެރެފައި. ފޮޓޯ/ރޮއިޓާސް

ސިރިއާގެ ހުޅަނގުގައި އޮންނަ ހޮމްސް ގައި ހުންނަ ޕްރެސް ސެންޓަރަކަށް 2012 ވަނަ އަހަރު ދިން ބޮމުގެ ހަމަލާއެއްގެ މައްސަލައަކާ ގުޅިގެން އެ ގައުމުގެ ކުރީގެ ރައީސް ބައްޝާރު އަލް އަސަދާއި ކުރީގެ އިސް ހަތް އޮފިޝަލުން ހައްޔަރު ކުރުމުގެ އަމުރެއް ފްރާންސްގެ ކޯޓަކުން ނެރެފިއެވެ.

ހޮމްސް އަކީ ސީރިއާގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު ބާޣީންގެ ބޮޑު ބާރުގަދަ ތަނެކެވެ. އެ ސަރަހައްދުގައި 2011 އިން 2014 އަށް އަސަދު ސަރުކާރުގެ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.

ކޯޓުން އަމުރު ނެރުނީ "އިންފޯމަލް ޕްރެސް ސެންޓަރަށް" 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު ދިން ހަމަލާގައި އެމެރިކާގެ މަޝްހޫރު ނޫސްވެރިޔާ މާރީ ކޮލްވިން އާއި ފްރާންސްގެ ފޮޓޯގްރާފަރު ރެމީ އޮޗްލިކް މަރުވެ އިތުރު ދެ ނޫސްވެރިއަކާއި ތަރުޖަމާނަކަށް ޒަޚަމްވެފައިވާ މައްސަލައާ ގުޅިގެންނެވެ.

އިންޓަނޭޝަނަލް ފެޑެރޭޝަން ފޯ ހިއުމަން ރައިޓްސް އިން ބުނީ ކުރީގެ ހަތް އޮފިޝަލުންގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ އެ މަރުކަޒަށް ދިން ހަމަލާގައި ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކުގައި ބައިވެރިވި ކަމުގެ ތުހުމަތެވެ.

ފްރާންސްގެ ކޯޓުތަކަށް އިންސާނިއްޔަތާ ދެކޮޅަށް ކުރާ ކުށްތަކުގެ މައްސަލަތައް ހުށަހެޅުމުގެ ހުއްދަ ފްރާންސުން ދެއެވެ.

އިންސާނީ ހައްގުތަކާ ބެހޭ އެހެން ޖަމިއްޔާއެއް ކަމަށްވާ ސީރިއަން ސެންޓާ ފޯ މީޑިއާ އެންޑް ފްރީ އެކްސްޕްރެޝަން އިން ބުނީ ފްރާންސްގެ ޝަރުއީ ތަހުގީގުން އެނގިފައިވާ ގޮތުގައި އެ ހަމަލާ ގަސްތުގައި ބޭރުގެ ނޫސްވެރިންނަށް އަމާޒުކޮށްފައިވާ ކަމަށެވެ.

"ބާބް އަމްރުގައި ހުންނަ ނުރަސްމީ ނޫސްވެރިންގެ މަރުކަޒަށް ދިން ހަމަލާއަކީ ސީރިއާގެ ވެރިކަމުގެ ޖަރީމާތައް މީޑިއާތަކުން ކަވަރުކުރާ މިންވަރު ހަނިކޮށް، ސިޓީއާއި ގައުމު ދޫކޮށް ދިއުމަށް މަޖުބޫރު ކުރުމަށްޓަކައި ބޭރުގެ ނޫސްވެރިންނަށް އަމާޒުކޮށް ދިން ހަމަލާއެއްކަން ޝަރުއީ ތަހުގީގުން ސާފުކޮށް ސާބިތުވި," ސީރިއާގެ ސެންޓާ ފޯ މީޑިއާ އެންޑް ފްރީޑަމް އޮފް އެކްސްޕްރެޝަންގެ ޖެނެރަލް ޑިރެކްޓަރު މާޒެން ދަރުވިޝް ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ.

ސީރިއާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް، ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ހަނގުރާމަވެރިން އެ ގައުމުގެ ވެރިރަށް ދިމިޝްޤަށް އަރައިގަނެ ރައީސް ބައްޝާރް އަލް-އަސަދުގެ އާއިލާގެ ބައިގަރުނުވީ ވެރިކަން ވައްޓާލީ މިދިޔަ އަހަރު ޑިސެމްބަރު މަހުއެވެ.

އޭގެފަހުން ފިލައްވައިގެން ވަޑައިގެން އުޅުއްވަނީ ރަޝިޔާގައެވެ.

ބައްޝާރުގެ މައްޗަށް ވަނީ ހަނގުރާމައިގެ ދުވަސްވަރު ސީރިއާގެ އެތެރޭގައި ކެމިކަލް ހަތިޔާރު ބޭނުންކުރުމާއި މަޖުބޫރުކޮށްގެން ކުރުދީން އެ ގައުމުން ބޭރުކުރުން ފަދަ އިންސާނީ ޙައްގުތަކާ ޚިލާފު އެތައް ކަމެއްގެ ތުހުމަތުތަކެއް ކޮށްފައެވެ.

comment ކޮމެންޓް