ގއ. އަތޮޅު ކޮލަމާފުއްޓަށް ނިސްބަތްވާ "ކޮލަމާ" ބޯޓު ގެއްލިގެން ހޯދަމުން ދަނިކޮށް، މިއަދު ބޯޓު ފެނިގެން ކެޕްޓަންއަށް ފަރުވާ ދިނުމަށް ގއ. ވިލިނގިލި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެފިއެވެ.
"ފޭސްބުކް"ގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން، ކޮލަމާ ބޯޓު ލ. އަތޮޅުން ގއ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް، ހުވަދޫ ކަނޑަށް ދިޔަ ފަހުން އެއްވެސް ޚަބަރެއް ނުވެއެވެ. އެހެންވެ، ބޯޓާ ގުޅޭ މައުލޫމާތެއް ލިބިފައިވާނަމަ އެ މައުލޫމާތު ހިއްސާކުރުމަށް، ޕޯސްޓުގައި އެދިފައިވެއެވެ.
ކޮލަމާފުށީގެ ކައުންސިލަރު ރިޔާޒް ހުސައިން "ސަން"އަށް ވިދާޅުވީ، އެ ބޯޓުގައި ތިބީ ބިދޭސީ ފަޅުވެރިންނާއި ދިވެހި ކައްޕިއެއް ކަމަށެވެ.
"އޭގަ ތިބި ބޭރު މީހުން، ދިވެއްސަކަށް ހުންނާނީ ބޯޓުގެ ވެރިމީހާ، ކައްޕިއަކަށް ހުންނާނީ، އޭނައަކާ ނުގުޅޭ، އޭނައަށް ކޮންމެ ވެސް ގެއްލުމެއް ލިބުނު ވާހަކަ ބޭރު މީހުން (ފަޅުވެރިން) ބުނަނީ،" އޭނާ ވިދާޅުވިއެވެ.
ފުލުހުން މިއަދު ބުނީ އެ ހާދިސާއާ ގުޅޭ މައުލޫމާތު ލިބުނީ މިއަދު 13:25ހާއިރު ކަމަށާއި، ބޯޓު ހޯދުމުގެ މަސައްކަތް ކުރަނިކޮށް އެކެފަރަ ސަރަހައްދުން ފެނިފައިވާ ކަމަށެވެ. ބޯޓު ފެނުމާއެކު ކެޕްޓަންއަށް ފަރުވާ ދިނުމަށް ގއ. ވިލިނގިލި ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
ފުލުހުން ބުނީ، އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނި ކަމަށެވެ.
ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު އަލީ ޝަމީމް 'ސަން'އަށް ވިދާޅުވީ، ކޮލަމާ ބޯޓު ފެނުމުން، މީހުން ނަގަން ދޯންޏެއް ދިޔަ ކަމަށާއި، ކެޕްޓަން ދޯންޏަށް ނެގިއިރު ވެސް މަރުވެފައިވާ ކަމަށެވެ.
"އެކެފަރު ކޮޅާ ގާތްގަނޑަކަށް ހަތަރު ވަރަަކަށް މޭލު ބޭރުން ބޯޓު ކައިރިއަށް ގޮސް އަޅުގަނޑުމެން މިއައީ [ހަށިގަނޑު] ނަގައިގެން. އަޅުގަނޑުމެން ނެގިއިރު ވެސް ނިޔާވެފައި އޮތީ," ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ، އެ މީހާ ރޭ ނިޔާވި ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެ މީހާއަށް އެއްވެސް އަނިޔާއެއް ލިބިފައިވޭތޯއާއި ސިއްހީ މައްސަލައެއް ހުންނަ ކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައިނުވެއެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.