ރެއިން ފެށިގެން ޚަބަރުނުވި، ކޮލަމާ ބޯޓު ފެނިއްޖެ: ކައްޕިއަށް ފަރުވާދޭން ވިލިނގިއްޔަށް ގެންދަނީ

ކޮލަމާ ބޯޓު: ޚަބަރެއް ނުވެގެން އަންނަނީ ހޯދަމުން --

ލ. އަތޮޅުން ގއ. އަތޮޅަށް ދަތުރުކުރަމުން ދިޔަ، އެ އަތޮޅުގެ ކޮލަމާފުއްޓަށް ނިސްބަތްވާ "ކޮލަމާ" ބޯޓުގެ ޚަބަރެއް ނުވެގެން އުޅެނިކޮށް، އެ ބޯޓު ފެނިއްޖެއެވެ.

މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ, ކޮލަމާ ބޯޓު ފެނިފައިވާ ކަމަށާއި އެ ބޯޓު ފެނިފައިވަނީ މިއަދު މެންދުރު 1:35 ހާއިރު އެކެފަރަ ސަރަހައްދުން ކަމަށެވެ. އަދި، ބޯޓުގެ ކެޕްޓަނަށް ފަރުވާދޭން ގއ. ވިލިނގިލި ހޮސްޕިޓަލަށް ގެންދަން ވަނީ ނިންމާފައެވެ.

"ފޭސްބުކް"ގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން، ކޮލަމާ ބޯޓު ރޭ ދަންވަރުގެ ވަގުތެއްގައި ލ. އަތޮޅު ހުރަސްކޮށް، ހުވަދޫ ކަނޑަށް ދިޔަ ފަހުން އެއްވެސް ޚަބަރެއް ނުވެއެވެ. އެހެންވެ، ބޯޓާ ގުޅޭ މައުލޫމާތެއް ލިބިފައިވާނަމަ އެ މައުލޫމާތު ހިއްސާކުރުމަށް، ޕޯސްޓުގައި އެދިފައިވެއެވެ.

"ސަން"އިން ސުވާލުކުރުމުން ކޮލަމާފުށީގެ ކައުންސިލަރު ރިޔާޒް ހުސައިން ވިދާޅުވީ، ރަށުކޮޅުން ދޯންޏެއް ކޮލަމާ ބޯޓު އޮތް ސަރަހައްދަށް ދިޔަ ކަމަށާއި، އެ ބޯޓު މަޑުމަޑުން ދަތުރުކުރަމުން އަންނަ ކަމަށެވެ.

"އޭގަ ތިބި ބޭރު މީހުން، ދިވެއްސަކަށް ހުންނާނީ ބޯޓުގެ ވެރިމީހާ، ކައްޕިއަކަށް ހުންނާނީ، އޭނައަކާ ނުގުޅޭ، އޭނައަށް ކޮންމެ ވެސް ގެއްލުމެއް ލިބުނު ވާހަކަ ބޭރު މީހުން (ފަޅުވެރިން) ބުނަނީ،" އޭނާ ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ބުނީ ކޮލަމާ ބޯޓުގެ ކައްޕިއަށް ފަރުވާ ދިނުމަށްޓަކައި ފުލުހުންގެ ލޯންޗެއްގައި އެ ރަށަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ކޮލަމާ ބޯޓުގެ ކައްޕިއަށް ވީ ކިހިނެއްކަން ފުލުހުން ނުބުނެއެވެ.

comment ކޮމެންޓް