އަމީނީމަގު ތާރުގަނޑުގައި ހުރި 'މުލިހިތައް', އެންމެ ފަހުން ރަނގަޅުކުރަން ފަށައިފި

އަމީނީމަގުގެ ތާރުގައި ހުރި މުލިހިތައް ނަގައި ސާފުކުރަން ފެށީ ރޭގެ ވަގުތެއްގައި --- ސަން ފޮޓޯ: އަހްމަދު ސާއިލް އަލީ

ޒަމާނީ ފެންވަރަށް ތާރުއަޅައި މިދިޔަ އަހަރު އަލުން ހުޅުވި އަމީނީމަގުގެ ތާރުގަނޑުގައި 'މުލިހި'ތަކެއްހެން ފޮޅި ހަލާކުވެފައި ހުރި ތަންތަން ރަނގަޅުކުރަން ރޭ ފަށައިފިއެވެ.

އަމީނީމަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަކަށް ރަނގަޅުކުރީ މިދިޔަ އެމްޑީޕީ ސަރުކާރުގައެވެ. މި ސަރުކާރު ހަވާލުވިއިރު ނުނިމި އޮތީ ފުޑް ކޯޓުން ފެށިގެން އިރުމައްޗަށް، ދިރާގު މައި އޮފީހާ ދިމާއަށްވާ ގޮތަށް އޮތް ސަރަހައްދެވެ.

މި ސަރުކާރުން ނިންމި އަމީނީމަގުގެ ސަރަހައްދުގެ ތެރެއިން އެންމެ ބޮޑަށް މި މައްސަލަ ކުރިމަތިވެފައިވަނީ ދިވެހިރާއްޖޭގެ އަޑާއި ވިޔަފާރިވެރިންގެ މިސްކިތް ހުންނަ ސަރަހައްދުގައެވެ. އެ ސަރަހައްދުގެ އެކި ހިސާބުތަކުގެ ތާރު ވަނީ 'މުލިހިތަކެއް'ހެން ފޮޅި ހަލާކުވެފައެވެ.

https://www.sun.mv/210039

އެހެންވެ، އަމީނީމަގުގެ ތާރުގަނޑު ރަނގަޅުކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ން ފެށީ ރޭގެ ވަގުތެއްގައެވެ.

މިކަމާ ގުޅިގެން "ސަން"އިން ސުވާލުކުރުމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް މިއަދު ވިދާޅުވީ، މި ވަގުތު ކުރަނީ މުލިހިތައް ކަނޑާލައި، އެ ތަނުގައި އިތުރު ތާޅު އެޅުމަށް ފަހު މަގު އެއްވަރުކުރުމުގެ މަސައްކަތް ކަމަށެވެ. މަސައްކަތް ރާވާފައި އޮތް ގޮތުން ހަލާކުވެ ނުރައްކާކޮށް ހުރި ހުރިހާ ސަރަހައްދެއް ރަނގަޅުކުރެވޭނީ މި މަހުގެ މެދުތެރޭގައި ނުވަތަ، މި މަސް ނިމުމުގެ ކުރިން ކަމުގައި ނަޒީމް ވިދާޅުވިއެވެ.

އަމީނީ މަގުގައި ހުރި އަޑިގުޑަންތައް ރަނގަޅުކުރަނީ: މި މަސައްކަތް މަސް ނިމުމުގެ ކުރިން ނިންމާލާނެ -- ސަން ފޮޓޯ/ އަހުމަދު ސާއިލު އަލީ

"އެންމެ ނުރައްކާކޮށް ހުރި އެއްޗެހި ރަނގަޅުކުރަން ޓާގެޓްކޮށްފައި. މި އޮތީ ކޮންމެ ވީކެންޑެއްގައި އެ މަސައްކަތް ކުރާ ކަހަލަ ގޮތަކަށް،" އޭނާ ވިދާޅުވިއެވެ.

މިއީ ރެއާއި ދުވާހު އެތައް ބަޔަކު އާއްމުކޮށް ދުއްވާ މަގަކަށްވާއިރު, މިގޮތަށް ތާރުގަނޑު އުފުލިފައި ހުރުމަކީ ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމެކެވެ. އެ ތަންތަނަށް ވެހިކަލް އަރައި ވެއްޓުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ޚާއްސަކޮށް ރޭގަނޑަށް، އަނދިރިވެއްޖެ ނަމަ ކުއްލިއަކަށް 'މުލިއްސަކަށް' އެރިފައި ވެއްޓުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.

މީގެ އިތުރުން، ނުރައްކާތެރި އެކްސިޑެންޓުތަކަށް މަގުފަހިވާން އެއީ ހުޅުވިފައި އޮތް ވަރަށް ބިރުބޮޑު ދޮރެކެވެ.

މީގެ ގާތްގަނޑަކަށް ދެ މަސް ކުރިން ވެސް އަމީނީ މަގުގެ އެކި ސަރަހައްދުތަކާއި މާލޭގެ މަގުތަކުގައި އަޑިގުޑަންތައް ގިނަވެގެން ކަންބޮޑުވުން އިތުރުވިއެވެ. އެކަމަކު، މިހާތަނަށް ވެސް މައްސަލައަށް ހައްލެއް ލިބޭ ގޮތެއް ނުވެއެވެ.

comment ކޮމެންޓް