ރައީސަށް މަރުހަބާ ދަންނަވަން ފަނޑިޔާރުންނަށް ނުކުމެވޭ ގޮތަށް ހުއްދަ ދީފި

ރައީސް މުއިއްޒު ހދ. ކުމުންދޫއަށް ވަޑައިގެންނެވިއިރު ރަށުގެ ރައްޔިތުން މަރުހަބާ ކިޔަނީ: ރައީސަށް މަރުހަބާ ދަންނަވަން ފަނޑިޔާރުންނަށް ނުކުމެވޭ ގޮތަށް ހުއްދަ ވަނީ ދީފައި -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކައި އެ ރަށެއްގައި ތިއްބަވާ ފަނޑިޔާރުންނަށް ނުކުމެވޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ނިންމައިފިއެވެ.

އިތުބާރުހުރި މަސްދަރަކުން 'ސަން'އަށް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

މިފަހުން ރައީސް ވަނީ އަތޮޅުތެރޭގެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ސިލްސިލާ ދަތުރުފުޅުތަކެއް ކުރައްވައިފައެވެ. އެ ދަތުރުފުޅުތަކުގައި އެމަނިކުފާނު ވަނީ ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތައް ހިމެނޭހެން ހުރިހާ އިދާރާތަކަކާ ބައްދަލުކުރައްވައިފައެވެ.

ޖޭއެސްސީއިން މިއަދު ބޭއްވި ބައްދަލުވުމެއްގައި އެކަމާ ގުޅޭގޮތުން މަޝްވަރާކޮށް ނިންމާފައިވަނީ، ފަނޑިޔާރުންނާއި ކޯޓުތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުން އެގޮތަށް ރައީސަށް މަރުހަބާ ދެންނެވުމަށް ނުކުތުމާއި ބައްދަލުކުރެއްވުމަކީ ރަނގަޅު ކަމެއް ކަމަށެވެ.

ހަމައެއާއެކު އެގޮތަށް މަރުހަބާ ދެންނެވުމަށް ނުކުމެ ރައީސާއި ބައްދަލުކުރެއްވުމުގައި ފަނޑިޔާރުން ހިފަހައްޓަންޖެހޭ ސުލޫކީ ހަމަތައް ހިފަހައްޓަންޖެހޭނެ ކަމަށް ކަނޑައަޅާފައިވެއެވެ.

އެފަދައިން ހުއްދަކުރިއިރު، ފަނޑިޔާރުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ގާނޫނާއި ގަވާއިދުތަކުން މަނާ ކަމެކެވެ.

ކަން އެހެން އޮތްއިރު މި ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާކަމުގެ ފާޑުކިޔުންތައް ބޮޑެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދަކީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ހުއްޓުވުމެވެ. އެގޮތުން، ހުވާކުރެއްވި ދުވަހު ވެސް އެ މަނިކުފާނު ވަނީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން މި ހިނދުން މި ނިންމީ ކަމަށް ވިދާޅުވެފައެވެ.

އެކަމަކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑިގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ބަލަމުން އަންނަނިކޮށް، ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރުމުން ވެސް މީގެ ކުރިން ސަރުކާރަށް ފާޑުކިޔުން އަމާޒުވިއެވެ. އޭރު ވަކިކުރި ފަނޑިޔާރުން ވަނީ މި ސަރުކާރުން ޝަރީއަތަށް ނުފޫޒު ފޯރުވާ ކަމަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.

އެކަމަކު، ރައީސް މުއިއްޒު އެ ވާހަކަތައް ދޮގުކުރައްވައެވެ.

comment ކޮމެންޓް