އަނެއްކާވެސް ޒުންނަވާރު މީހަކަށް ލަނޑެއް ދިން މައްސަލައެއް

ޒުންނަވާރު ސަލީމް

ބާ ކައުންސިލުން ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީ ހިމެނޭ ސިއްކަ ގާނޫނާއި ގަވައިދާ ހިލާފަށް ބޭނުންކުރި މައްސަލައިގައި ކުރިން ޖޫރިމަނާކޮށްފައިވާ ވަކީލު ޒުންނަވާރު ސަލީމް، ކްލަޔަންޓަކަށް ލަނޑެއް ދިން މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެއެވެ.

މީގެ ކުރިން ވެސް ބާ ކައުންސިލުން ފިޔަވަޅު އަޅާފައިވާ، އަދި ވަގު ސެޓްފިކެޓްތަކެއްގެ މައްސަލައިގައި ޖިނާއީ ހުކުމެއް އިއްވާފައިވާ ޒުންނަވާރު، މި ފަހަރު ލަނޑު ދިނީ، އަންހެން ކްލަޔަންޓަކަށެވެ. އެއީ ގާނޫނީ ހިދުމަތް ދިނުމަށް އަންހެން ކްލަޔަންޓަކާއެކު ހެދި އެއްބަސްވުމަކަށް ފަހު ފައިސާ ނަގައި، އެކަމަކު އެ ކްލަޔަންޓް ގުޅުމުން ފޯނު ވެސް ނުނަގައި އުޅުނު މައްސަލައިގައެވެ.

މި މައްސަލަ އަންހެން މީހާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުންވަނީ ޒުންނަވާރަށް އެ އަންހެން މީހާ ދިން 5،000 ރުފިޔާއާއި ސިޓީއެއް ލިޔުމަށް ޗާޖު ކުރި 1،000 ރުފިޔާ ހިމެނޭހެން ޖުމްލަ 6،000 ރުފިޔާ އަނބުރާ ރައްދު ކުރުމަށް ހުކުމްކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ޒުންނަވާރު ޝަރީއަތަށް ޖަވާބުދާރީވީ ނަމަވެސް، ހުކުމް ކުރުމުގެ މަޖިލީހަށް ޒުންނަވާރު ހާޒިރުވެފައެއް ނުވެއެވެ. އެހެންވެ ސިވިލް ކޯޓުން އިއްޔެ މި ހުކުމް ކުރީ ޒުންނަވާރުގެ ޣައިރު ހާޒިރުގައެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ ޒުންނަވާރު، އޭނާގެ ކްލަޔަންޓާއެކު ވެފައިވާ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައިފައެވެ. އަދި ކްލަޔަންޓް، ޒުންނަވާރަށް ދިން އެޑްވާންސް 5،000 ރުފިޔާއާއި ސިޓީއެއް ލިޔުމަށް ޗާޖު ކުރި، 1،000 ރުފިޔާ 10 ދުވަހުގެ ތެރޭގައި ދައްކައި ހަލާސް ކުރުމަށް ސިވިލް ކޯޓުގެ ގާޒީ ހާފިޒާ އަބްދުއްސައްތާރު ކުރި ހުކުމުގައި އަންގާފައިވެއެވެ.

ރެކޯޑްތައް ދައްކާ ގޮތުން، ޒުންނަވާރުގެ ފަރާތުން ކްލަޔަންޓުންނަށް އެކި ފަހަރު މަތިން މި ފަދަ އެތައް މައްސަލައެއް ދިމާވެފައިވެއެވެ. މީގެ ދުވަސްކޮޅެއް ކުރިން ވެސް، ލ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ އަންހެނަކަށް ޒުންނަވާރު ލަނޑުދިން މައްސަލައެއް ހައިކޯޓުގެ ޝަރީއަތެއްގައި ފާހަގަވިއެވެ.

"މިކަމުގައި އަޅުގަނޑު ވަރަށް ގިނަ ލާރިވެސް ހަރަދު ކޮށްފިން. އެއްލައްކައަށްވުރެ ގިނަ ރުފިޔާ އަޅުގަނޑު އަތުން ހިނގައްޖެ މިކަމުގައި. އަޅުގަނޑަކީ ނިކަމެތި ފަގީރެއް. ކޮންމެ ފަހަރަކު ވަކީލެއް ނުނެގޭނެ. އަޅުގަނޑު ވަރަށް ބައިވަރު ހަރަދުކޮށްގެން ދެ މީހުން ނެގީ. އޭނާ އަހަރުމެންނަށް ދޯކާ ދިނީ. އޭނާ ބުނީ ހައިކޯޓަށް ވަދެ އިސްތިއުނާފްކޮށްފައި އޮންނާނެ ކަމަށް. އެކަމަކު ހައިކޯޓަށް ނުވަންނަކަން މި އެނގުނީ. ލައްކަ ލާރި އަހަރުމެން އަތުން ކައިފި އެސޮރު، ވަކީލު. އަހަރުމެން ނެގީ ޒުންނަވާރު ސަލީމްއާ އެ ސޮރު އަންހެނުން،" ހައިކޯޓުގެ ޝަރީއަތެއްގައި ލ. އަތޮޅަށް ނިސްބަތްވާ އަންހެނަކު ބުނެފައިވެއެވެ.

ކުރީގެ ރެކޯޑްތަކުން އެނގޭގޮތުގައި ބާ ކައުންސިލުން މީގެ ކުރިން ވެސް ވަނީ ބޮޑު އަދަދަކުން ޒުންނަވާރު ޖޫރިމަނާ ވެސް ކޮށްފައެވެ. އަދި ބާ ކައުންސިލުް އޭނާ ސަސްޕެންޑް ވެސް ކުރިއެވެ.

ޒުންނަވާރަކީ ފޭކް ސެޓްފިކެޓްތަކެއް ހުށަހަޅައިގެން ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދި މައްސަލަ ވެސް ކުރިން ޖެހުނު މީހެކެވެ. ޒުންނަވާރު ފޭކް ސެޓްފިކެޓްތަކެއް ހުށަހެޅިކަން އެނގުނީ 2013 ވަނަ އަހަރު އޭސީސީން ކުރި ތަހުގީގަކުންނެވެ. އޭނާ ވަނީ ގާނޫނީ ވަކީލަކަށް ވުމަށް ސައްހަނޫން ބެޗެލާ އޮފް ލޯ ސެޓްފިކެޓެއް ހުށަހަޅައިފައެވެ. އޭގެ ފަހުން 2020 ވަނަ އަހަރުގެ ތެރޭގައި އޭނާ ވަނީ ގާނޫނީ ދާއިރާއިން ކިޔެވުމަށް ފަހު ގާނޫނީ ވަކީލުކަމުގެ ހުވާކޮށްފައެވެ.

comment ކޮމެންޓް