ފާއިތުވި އަހަރުތަކަކީ ބޮލީވުޑްއިން ހޮރޯ ކޮމެޑީ ޖޯންރާގެ ގިނަ ފިލްމުތަކެއް ސިނަމާތަކަށް ގެނެސްދިން އަހަރެކެވެ.
މި ޓްރެންޑް ބޮލީވުޑްގައި މިހާރު ވެސް އޮތްއިރު މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަން ވަރަށް ވަރުގަދަ ހޮރޯ ކޮމެޑީއަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމުފެއާ ރިޕޯޓުތައް ބުނާގޮތުން އަޖޭ ވަނީ މިދިޔަ މަހު ކަންނާޑާ ބަހުރުވައިން ގެނެސްދިން "ސޫ ފްރޮމް ސޯ"ގެ ޑައިރެކްޓަރު ޖޭޕީ ތުމިނާދު އުފައްދާ ހޮރޯ ކޮމެޑީއަކަށް ސޮއިކޮށްފައެވެ. ރިޕޯޓުތައް ބުނާގޮތުން ފިލްމުގެ ޕްލޮޓު އަޖޭއަށް ވަރަށް ބޮޑަށް ކަމުގޮސްފައިވާއިރު އެކްޓަރު މިހާރު އިންތިޒާރުކުރަނީ ފިލްމުގެ ފުރިހަމަ ސްކްރިޕްޓެއް ލިބޭނެ އިރަކަށެވެ.
ރިޕޯޓުތައް ބުނާގޮތުން މި ފިލްމު ޕްރޮޑިއުސްކުރާނީ ޖޭޕީގެ އަމިއްލަ ފިލްމު ކުންފުނި ކޭވީއެންއިނެވެ. ކޭވީއެންއިން އަންނަނީ މަޝްހޫރު ކަންނާޑާ ފިލްމު "ކޭއެފްޖީ"ގެ އެކްޓަރު ޔަޝްގެ ކުރިއަށް އޮތް ފިލްމު "ޓޮކްސިކް" ވެސް ޕްރޮޑިއުސްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ފިލްމު "ސަން އޮފް ސަރުދާރު 2"ގެ ޕޯސްޓަރެއްގައި އެކްޓަރު އަޖޭ ދޭވްގަން--ފޮޓޯ/ބޮލީވުޑްހަންގާމާ
ކޭވީއެންއިން މިހާރު ވެސް އަންނަނީ ހިންދީ ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ، މިހާރު ޝޫޓިން ފަށާފައިވާ ޑައިރެކްޓަރު ޕްރިޔާދަރުޝަންގެ ފިލްމު "ހައިވާން" އަދި އަޖޭއާ އެކު އުފައްދާ މި ހޮރޯ ކޮމެޑީ ފިލްމެވެ.
މިހާތަނަށް ހޮރޯ ކޮމެޑީގެ ފުރިހަމަ ފިލްމަކުން އަޖޭ ލީޑް ރޯލުން ފެނިފައިނުވާއިރު ދާދިފަހުން އެކްޓަރު ވަނީ ބަތަލާ ކާޖޮލް ލީޑް ރޯލް ކުޅުނު ފިލްމު "މާ"ގައި ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.
އަންހެނުން ކާޖޮލްގެ ކެރިއަރުގެ ފުރަތަމަ ބިރުވެރި ފިލްމު ގެނެސްދިނީ ޖިއޯ ސްޓޫޑިއޯސްއާއި އަޖޭގެ އަމިއްލަ ފިލްމު ކުންފުނި ދޭވްގަން ފިލްމްސް ގުޅިގެންނެވެ.
ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެ ފިލްމު ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރަމުން އަންނަ އެކްޓަރުގެ އެންމެ ފަހުން ރިލީޒްކުރި ފިލްމަކީ "ސަން އޮފް ސަރުދާރު 2"އެވެ.