މަކުނުދޫގައި އެއާޕޯޓު އެޅުމަކީ ޒަރޫރީ ކަމެއް، އުއްމީދަކީ ދެން ރަށަށް އަންނަވާއިރަށް ހުޅުވުން: ރައީސް

ރައީސް މަކުނުދޫގައި: މަކުނުދޫގައި އެއާޕޯޓު އެޅުމަކީ ޒަރޫރީ ކަމެއް، އުއްމީދަކީ ދެން ރަށަށް އަންނަވާއިރަށް ހުޅުވުން ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ހދ. މަކުނުދޫގައި އެއާޕޯޓެއް އެޅުމަކީ ޒަރޫރީ ކަމެއް ކަމަށާއި، އުއްމީދަކީ އެ މަނިކުފާނު ދެން އެ ރަށަށް ވަޑައިގަންނަވާއިރަށް އެއާޕޯޓު ތަރައްގީކޮށް ހުޅުވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މަކުނުދުއަށް ވަޑައިގެން ވިދާޅުވީ އެ ރަށުގެ ތަރައްގީއަށް އެންމެ މުހިންމު މަޝްރޫއަކީ އެއާޕޯޓް އެޅުން ކަމަށެވެ. އެގޮތުން އެ ރަށަކީ ވަރަށް އެކަހެރިކޮށް އޮތް ރަށެއްކަމާއި ރިޔާސީ އިންތިޚާބުގައި ވެސް އޭގެ ފަހުން ވެސް އެ މަނިކުފާނު ވެވަޑައިގަތް އެންމެ މުހިންމު ވައުދަކީ އެއާޕޯޓް އެޅުމުގެ ވައުދުކަން ރައީސް ފާހަގަކުރެއްވިއެވެ.

"ދަތުރުފަތުރު ކުރުމުގައި އެންމެ އުނދަގޫ އެއް ހިސާބު، އެހެންވީމަ ދުރުރާސްތާއަށް ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތުން ބަލާއިރުގައި މި ރަށުގައި އެއާޕޯޓެއް ގާއިމުކުރުމަކީ ޒަރޫރީ ކަމެއް، ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ގަބޫލުކުރަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެހެންވެ، އެ މަޝްރޫއު ކުރިއަށްގެންދިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އޭގެ ސަބަބުން ދަތުރުފަތުރުކުރުމަށް އެ ލިބޭ ކުރިއެރުމާއެކު މަކުނުދޫގެ އިގުތިސާދީ ތަރައްގީ މަތީ ހަރުފަތަކަށް ގެންދިޔުމަށް މަގުފަހިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މަކުނުދޫޫގައި ބިން ހިއްކުމާއި އެއާޕޯޓްގައި ބިނާރުތައް ގާއިމުކުރުމުގެ މަސައްކަތް މިއަދު އެމްޓީސީސީއާ ހަވާލުކޮށްފައިވާކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، އެ މަޝްރޫއުގެ ތެރެއިން 1800 މީޓަރަށް ރަންވޭ އޮންނަ ވަރަށް ބިން ހިއްކާނެ ކަމަށެވެ. އަދި ރަށުގެ ބޭނުމަށް 22 ހެކްޓަރުގެ ބިން ހިއްކައި އެއާޕޯޓުގެ ހުރިހާ ކަމެއް ފުރިހަމަ ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މަކުނުދޫ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކުރުން: އެ މަސައްކަތުގެ ތެރެއިން އެއާޕޯޓުގެ މަސައްކަތް ވެސް ކުރާނެ -- ފޮޓޯ/ ޕީއެސްއެމް

މީގެ އިތުރުން އެ މަޝްރޫއު ކުރިއަށްދާއިރުގައި އެއާޕޯޓާ ދެން ހަވާލުވާނެ ކުންފުނި ކަމަށްވާ އެމްއޭސީއެލްއިން މިހާރުން ފެށިގެން ސަރުކާރާއި އެމްޓީސީސީއާ ވަރަށް ގާތުން މަސައްކަތްތައް ކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ވީ އެންމެ އަވަހަކަށް އެ މަޝްރޫއު ކުރިއަށްގެންދަން ކަމަށެވެ.

"އަޅުގަނޑުގެ އުއްމީދަކީ އެއާޕޯޓު ނިންމައި އެއާޕޯޓު ހުޅުވަންދެން ނާންނަން، އެހެންވީމަ އެކަން ވީހާވެސް އަވަހަށް ނިންމާލެވުނީމަ އެހެންވީމަ ދެން އަޅުގަނޑަށް އާދެވޭނީ އެހެންވީމަ އަޅުގަނޑު ބަލާނަން ވީހާވެސް އަވަހަކަށް އެކަން ނިންމައިދެވޭތޯ،" ރައީސް ވިދާޅުވިއެވެ.

މަކުނުދޫ ބިން ހިއްކުމުގެ އިތުރުން އެ ރަށު މަގުހެދުމުގެ އެއްބަސްވުމުގައިވެސް މިއަދު ވަނީ ސޮއިކުރައްވާފައެވެ.

މަކުނުދޫގައި ބިން ހިއްކުމަކީ އެ ރަށުގެ ރައްޔިތުން އަބަދުވެސް އެދޭ ކަމަކަށްވާއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ވަނީ އެ ރަށުގައި ބިން ހިއްކުމުގެ މަސައްކަތް ފަށައިފައެވެ.

މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް 30 މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓެއް އޮންނަން ޖެހޭ ކަމަށާއި، އެކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް މީގެ ކުރިން ރައީސް ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް