ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުޑަ ކުދިން ބަލަހައްޓާ, ހުޅުމާލެ، ފިޔަވަތީގައި އޮންނަތާ 10 އަހަރަށްވުރެ ގިނަ ދުވަސްވީ ކުއްޖަކު އިއްޔެ މަރުވެއްޖެއެވެ.
އިތުބާރުހުރި މަސްދަރުތަކުން "ސަން" އަށް މައުލޫމާތު ދިން ގޮތުގައި, އުތުރުގެ ރަށަކަށް ނިސްބަތްވާ އުމުރުން 15 އަހަރުގެ އެ ކުއްޖާއަކީ މީގެ 10 ވަރަކަށް އަހަރު ކުރިން ދައުލަތުގެ ބެލުމުގެ ދަށަށް ނެގިއިރު ވެސް އެނދުމަތިކޮށްގެން ފަރުވާ ދެމުން ދިޔަ ކުއްޖެކެވެ.
ނުކުޅެދުންތެރިކަން ހުންނަ އެ ކުއްޖާ އިއްޔެ ގުދުރަތީ މަރަކުން މަރުވިއިރު ޖަނާޒާ ބާއްވާފައި ވަނީ ރޭގައެވެ.
އެނގިފައިވާ ގޮތުގައި މި ކުއްޖާއަކީ ކުޑަކުދިންގެ ހިޔާގައި ބަލަހައްޓާތާ އެންމެ ދުވަސްވީ އެއް ކުއްޖާއެވެ. އެ ތަނުގެ ކަންކަމާ ހަވާލުވެ ތިބި މީހުން އަބަދުވެސް ވަރަށް ލޯތްބާއި އަޅާލުން އެ ކުއްޖާއަށް ދިނެވެ. މީގެ ކުރިން ދައުލަތުގެ ބެލުމުގެ ދަށުން އިންޑިއާއަށް ފަރުވާއަށް ވެސް އެ ކުއްޖާ ގެންގޮސްފައިވާކަން ވަނީ އެނގިފައެވެ.
އެ ކުއްޖާގެ ޖަނާޒާގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ފަސްޓް ލޭޑީ, ފަޒްނާ އަޙްމަދުގެ އިތުރުން ކުރީގެ ޖެންޑާ މިނިސްޓަރު އައިޝަތު މުޙައްމަދު ދީދީ އާއި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުاللهގެ އިތުރުން، ކުރިން ހިޔާގެ އިންޗާޖަކަށް ހުންނެވި ޒީނާ ގާސިމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިކަން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓުން އިސްވެ ހާމަ ކޮށްފައި ނުވާއިރު, މިކަމާ ގުޅިގެން އެ މިނިސްޓްރީގެ ބަހެއް ހޯދުމަށް "ސަން" އިން ވަރަށް މަސައްކަތް ކުރި ނަމަވެސް މިހާތަނަށް ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.