ސަރުކާރުގެ އިސްވެރިން ކުރާ ވައްކަންތަކުގެ ވާހަކަ މީޑިއާއިން ތިލަކޮށްދޭން ޖެހޭ ކަމަށާއި އެ ކަމަކީ ދީނީ ކާޑު ބޭނުންކޮށްގެން ހުއްޓުވޭނޭ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރަށާއި މީޑިއާތައް ރެގިއުލޭޓްކުރާ ކޮމިޝަނަށް ވަރަށް ބޮޑަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް, ސަރުކާރާ ގުޅުން ބޮޑު, ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުން އަބްދުލްޣަފޫރު ވިދާޅުވީ، މި ބިލަކީ މީޑިއާގެ މިނިވަންކަން ގެއްލުވާލައި ނޫސްވެރިންގެ ހައްގުތައް ނިގުޅައިގަތުމަށް މި ސަރުކާރުން ހުށަހަޅާފައިވާ ބިލެއް ކަމަަށެވެ.
ދީން ބޭނުންކޮށްގެނެއް މި ގައުމުގައި ކުރާ ވައްކަމެއް ނުހުއްޓުވޭނެ، ހުއްޓާކަށް ފުރުސަތެއް ނުދޭނަން، އެކަމެއް ނުކުރެވޭނެ، ވައްކަން ކުރީމާ އެ ވާހަކަ މީޑިއާގައި ދައްކަންޖެހޭ،އަބްދުލްޣަފޫރު މޫސާ، ހަނިމާދޫ ދާއިރާގެ މެންބަރު
އޭނާ ވިދާޅުވީ، އެންމެ ފުރަތަމަ ވައްކަމަށް އޮތް އަދަބުގެ ވާހަކަދެއްކުން މާ މުހިންމު ކަމަށެވެ. ސަރުކާރުން ކުރާ ވައްކަންތައް ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ދިފާއުކުރަން އެއްވެސް މަސައްކަތެއް ނުކުރުމަށް ގޮވާލައްވައި އަބްދުލްޣަފޫރު ވިދާޅުވީ، ދިވެހިރާއްޖެ މިއަދު މި ދެމިއޮތީ ނޫސްތަކާއި ސޯޝަލް މީޑިއާގެ ސަބަބުންނެވެ.
"ވައްކަންކުރީމާ އެ ވާހަކަދައްކަން ޖެހޭ، އެ ވާހަކަދައްކާނެ އިއްޒަތްތެރި ރައީސް، ދިވެހި ރައްޔިތުންގެ ގައުމެއް މިއީ، މި ގައުމު ނޮޅާ ވީދާ ކާކަށް މި ވަގުންގެ އަތް މައްޗަކަށް ދުލެއް ނުކޮށްލެވޭނެ އިއްޒަތްތެރި ރައީސް. އެކަން ކޮށްގެން ނުވާނެ އިއްޒަތްތެރި ރައީސް،" މިހާރު މި އޮތް ސަރުކާރަށާއި ސަރުކާރުގެ އިސްވެރިންނަށް އިޝާރާތްކުރައްވައި އަބްދުލްޣަފޫރު ވިދާޅުވިއެވެ.
އެހެންކަމުން ސަރުކާރުގެ ވެރިން ވައްކަންކުރުމުން އެ ވާހަކަދެއްކުމަކީ ފަރުދީ ޒިންމާއެއް ކަމަށާއި މީޑިއާތަކުން ވައްކަމާއި ކޮރަޕްޝަންގެ ވާހަކަތައް ގެނެސްދެނީ ވައްކަމާއި ކޮރަޕްޝަންގެ އަމަލުތައް ސަރުކާރުން ހިންގާތީ ކަމުގައި އަބްދުލްޣަފޫރު ވިދާޅުވިއެވެ. ނަމަވެސް، އެ ވާހަކަ ދައްކާތީ ގޯސްވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ފަހަރު 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލެޝަން ގާނޫނު' އުފެއްދުމުގެ ގޮތުން ހުށަހެޅި އެ ބިލުގައި ވާގޮތުން މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފައްދަންޖެހެއެވެ.
އެ ކޮމިޝަން އުފައްދަނީ ރައީސުލްޖުމްޙޫރިއްޔާއަށް ބާރުތަކެއް ލިބޭ ގޮތަށެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްޙޫރިއްޔާ އައްޔަނުކުރާ ތިން މެންބަރުން ހިމެނޭނެއެވެ. ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިޚާބުކުރާ މެންބަރުންނެވެ. އޭގެ ތެރެއިން ކޮމިޝަންގެ ރައީސް އައްޔަނުކުރައްވާނީ ވެސް މަޖިލީހަށް ހުށަހަޅުއްވައިގެން ރައީސުލްޖުމްޙޫރިއްޔާއެވެ.
ނަމަވެސް، ކުރިން ކޮމިޝަންގެ ރައީސާއި ނައިބުރައީސް ވެސް އައްޔަނުކުރާނީ ކޮމިޝަންގެ ތެރެއިން ނަގާ ވޯޓަކުންނެވެ.
މި ބިލުގައި މީޑިއާގައި މަސައްކަތްކުރާ މީހުންނާއި ނޫސްވެރިންނާ މެދު އަޅާނެ ހަރުކަށި ފިޔަވަޅުތަކެއް ވަނީ ކަނޑައަޅައިފައެވެ. ބޮޑެތި ޖޫރިމަނާތަކުގެ އިތުރުން ކޮމިޝަނުން މީޑިއާއެއްގެ މައްޗަށް ބަލާ މައްސަލައަކާ ގުޅިގެން އެ މައްސަލައެއް ބަލާ ނުނިމެނީސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ވެސް ކޮމިޝަނަށް ވަނީ ލިބޭގޮތަށެވެ.
އަދި ފަހުން، އެ މައްސަލަ ކޯޓު މަރުހަލާއަށް ގެންދިޔުމަށް ފަހު، އެ ނޫހެއްގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ ކަމަށް ބުނެފައިވެއެވެ. ހަމައެއާއެކު ކޮމިޝަނުން ބަލަމުންދާ މައްސަލައިގެ ތެރެއިން އެ ނޫހެއްގެ ވެބްސައިޓް ބްލޮކްކޮށް، ނުވަތަ ޓީވީއެއްނަމަ ބްރޯޑްކާސްޓިން ހުއްޓުވުމުގެ ބާރު ވެސް ކޮމިޝަނަށް ލިބިދެއެވެ.
މީގެ ކުރިން ހަންނާން ހުށަހެޅުއްވި ބިލު ނޫސްވެރިންނާއި އެތައް ބައެއްގެ ފާޑުކިއުން އަމާޒުވުމުގެ ސަބަބުން ވަނީ އަނބުރާ ގެންދަވައިފައެވެ.