ޓެކްނޮލޮޖީގެ ދުނިޔޭގެ އެންމެބޮޑު އެއް ކުންފުނި މައިކްރޯސޮފްގެ ކްލައުޑް ޚިދުމަތް ބޭނުންކޮށްގެން އިސްރާއީލުން ޣައްޒާ އަދި ހުޅަނގު އައްސޭރީގެ ފަލަސްތީނު ރައްޔިތުންނަށް ޖާސޫސުކުރާ ކަމަށް ތުހުމަތުކޮށް 'ދަ ގާޑިއަން' ނޫހުން ޝާއިޢުކުރި ރިޕޯޓަކާ ގުޅިގެން ތަހުގީގެއް ފަށައިފިއެވެ.
މި ތަހުގީގު ފެށި މައިގަނޑު ސަބަބަކީ 'ދަ ގާޑިއަން' ނޫހުން ޝާއިޢުކުރި އެ ރިޕޯޓުގައި އިސްރާއީލުގެ ޖާސޫސީ އިދާރާ ކަމަށްވާ ޔުނިޓް 8200 އިން، މައިކްރޯސޮފްޓްގެ ސީއީއޯ ސަތިޔާ ނަޑެއްލާ އާއެކު ހެދި އެއްބަސްވުމެއްގެ ދަށުން، އެ ކުންފުނީގެ އަޒޫރީ ކްލައުޑް ޕްލެޓްފޯމްގެ ތެރެއިން ޚާއްޞަ، ވަކިކުރެވިފައިވާ ސަރަޙައްދެއް ބޭނުންކުރަމުން ދިޔަކަަމަށް ބުނެފައި އޮތުމެވެ.
މި ވަކި ނިޒާމުގެ ތެރެއިން، ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނުގެ އެތައް މިލިއަން ރައްޔިތުން ކުރާ ފޯން ކޯލްތައް ކޮންމެ ދުވަހަކު ރެކޯޑްކޮށް، އެއްކޮށް ރައްކާކުރާ ނިޒާމެއް ޤާއިމުކޮށްފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.
މިދިޔަ ހުކުރު ދުވަހު މައިކްރޯސޮފްޓުން ބުނެފައިވަނީ، އެ ނޫހުގެ ރިޕޯޓުގައި ހުރި ތުހުމަތުތަކަކީ ވަރަށް ސީރިއަސް ތުހުމަތުތަކެއް ކަމަށާއި، އެ ކަންކަމަށް ފުރިހަމަ އަދި އަވަސް ތަހުގީގެއް ހިންގަން ޖެހޭ ކަމަށެވެ.
މި ތަހުގީގު ހިންގުމުގެ މަސައްކަތް ބަލަހައްޓާނީ އެމެރިކާގެ ޤާނޫނީ ފާމެއް ކަމަށްވާ ކޮވިންޓަން އެންޑް ބާލިންގް އިންނެވެ. މީގެ އިތުރުން، ޣައްޒާ އާއި ހުޅަނގު އައްސޭރީގެ އާންމުންނަށް ފުޅާ ދާއިރާއެއްގައި ޖާސޫސުކޮށް، އެއްކުރާ ފޯން ކޯލްތަކުގެ ޑޭޓާ ރައްކާކުރުމަށް އަޒޫރީ ބޭނުންކުރާނަމަ، އެއީ އެ ކުންފުނީގެ ޚިދުމަތުގެ ޝަރުތުތަކާ ޚިލާފުވުން ކަމަށް ވެސް މައިކްރޯސޮފްޓުން ވަނީ ބުނެފައެވެ.
މިއީ މައިކްރޯސޮފްޓަށް މިފަދަ ތުހުމަތުތަކެއް ކުރެވުނު ފުރަތަމަ ފަހަރެއް ނޫނެވެ. ފާއިތުވި ދެ އަހަރު ދުވަހު، އިސްރާއީލުގެ ހަނގުރާމައަށް އެހީތެރިވަމުންދާ ކަމުގެ ތުހުމަތުތައް އެ ކުންފުނީގެ އެތެރެއިންނާއި ބޭރުން ވަނީ ތަކުރާރުކޮށް ކުރެވިފައެވެ.
ކުންފުނީގެ އަމިއްލަ މުވައްޒަފުން އިސްރާއީލާއެކު ވެފައިވާ އެއްބަސްވުންތަކާ ދެކޮޅަށް މުޒާހަރާކޮށް، ކުންފުނީގެ އެކި ހަރަކާތްތަކަށް ހުރަސްއަޅާފައިވެއެވެ. އެގޮތުން، ކުންފުނީގެ 50 ވަނަ އަހަރީ ދުވަހުގެ ހަފްލާގައި، އެ ކުންފުނީގެ މުވައްޒަފަކު، އޭއައިގެ ވެރިޔާއަށް "ހަނގުރާމައިން ފައިދާ ނަގާ މީހެއް" އަދި "ނަސްލު ނެތިކޮށްލުމަށް އޭއައި ބޭނުންކުރާ މީހެއް" ކަމަށް ގޮވާފައިވެއެވެ.
މިއީ މިއަހަރުގެ ތެރޭގައި މި މައްސަލައާ ގުޅިގެން މައިކްރޯސޮފްޓުން ހިންގާ ދެވަނަ ޤާނޫނީ ތަހުގީގެވެ. މެއި މަހު ހިންގި ފުރަތަމަ ތަހުގީގަށްފަހު ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ޣައްޒާގެ މައްސަލައިގައި މީހުންނަށް ގެއްލުންދިނުމަށް އެ ކުންފުނީގެ ޓެކްނޮލޮޖީ ބޭނުންކުރިކަމުގެ ހެއްކެއް ލިބިފައިނުވާ ކަމަށެވެ.
މި މައްސަލައިގައި ތުހުމަތުގެ އިނގިލި ދިއްކުރެވެނީ ހަމައެކަނި މައިކްރޯސޮފްޓަކަށް ނޫނެވެ. އެމޭޒަން އަދި ގޫގުލް ފަދަ ޓެކްނޮލޮޖީގެ އެހެން ބޮޑެތި ކުންފުނިތަކަށް ވެސް އިސްރާއީލުގެ އަސްކަރީ ހަރަކާތްތަކަށް އެހީތެރިވާ ކަމުގެ ތުހުމަތު ކުރެވިފައިވެއެވެ.
މިދިޔަ ޖުލައި މަހު އދ.ގެ ގްރޫޕަކުން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، މައިކްރޯސޮފްޓް، އެލްފަބެޓް (ގޫގުލްގެ މައި ކުންފުނި)، އަދި އެމޭޒަން އިން އިސްރާއީލު ސަރުކާރަށް އެ ކުންފުނިތަކުގެ ކްލައުޑް އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީއަށް ފުޅާ ދާއިރާއެއްގައި ވަދެވޭނެ ގޮތް ހަދައިދީފައިވެއެވެ.
މީގެ ސަބަބުން، ޑޭޓާ މެނޭޖުކުރުމާއި، ނިންމުންތައް ނިންމުމާއި، ޖާސޫސުކުރުމުގެ ޤާބިލްކަން އިސްރާއީލަށް އިތުރުވެގެން ގޮސްފައިވާ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.