އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ނަން، އެންވަޔަރަންމަންޓަލް ރެޖިއުލޭޓަރީ އޮތޯރިޓީ(އީއާރުއޭ)އަށް ބަދަލުކުރުމަށް ފަހު، އެ އިދާރާއަށް ވެރިޔަކު ހޯދުމަށް މިއަދު އިއުލާންކޮށްފިއެވެ.
ކުރިން މިނިވަން އިދާރާއެއްގެ ގޮތުގައި އޮތް އީޕީއޭ ސީދާ އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށުން ހިންގާ ގޮތަށް ބަދަލުކޮށް އެ އިދަރާގެ ނަން އިއާރުއޭއަށް ބަދަލުކުރީ މިދިޔަ އަންގާރަދުވަހުއެވެ.
ސިވިލް ސާވިސް ކޮމިޝަނުން މިއަދު ކުރި އިއުލާންގައި ބުނީ އެންވަޔަރަންމަންޓަލް ރެޖިއުލޭޓަރީ އޮތޯރިޓީގެ ޗީފް އެޑްމިނިސްޓްރޭޓާގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާކަމަށެވެ.
މި އިއުލާނުގައި ބުނި ވާގޮތުގައި، އީއާރުއޭގެ ޗީފް އެޑްމިނިސްޓްރޭޓަރުގެ މުސާރައަކީ 35،500 ރުފިޔާއެވެ.
ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި:
- މަޤާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް ހަތެއްގެ ސަނަދެއް ހާސިލުކޮށްފައިވުން އަދި ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން ހައަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން
- މަޤާގާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް ނުވައެއްގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު؛ ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން ހަތަރު އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
މި މަގާމުގެ އަސާސީ މުސާރައަކީ މަހަކު 20،500 ރުފިޔާކައެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާ ދެއެވެ. އެހެންކަމުން އިނާޔަތްތަކާއެކު މުސާރައިގެ ގޮތުގައި ޖުމްލަ 35،500 ރުފިޔާ ލިބޭނެއެވެ.
މަގާމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 26ވަނަ ދުވަހުގެ މެންދުރު ފަހު 02:00ގައިކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެއެވެ.
އީޕީއޭ އީއާރުއޭއަށް ބަދަލުކުރުމުގެ ކުރިން އެ އިދާރާގެ ވެރިއެއްގެ ގޮތުގައި ކަނޑައިޅާފައި ހުންނަނީ ޑިރެކްޓަރެކެވެ. އެ މަގާމުގައި ހުންނެވީ އިބްރާހިމް ނައީމްއެވެ.
އީޕީއޭއަށް ގެނައި ބަދަލުތަކާ ގުޅިގެން، ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި، ކުރީގެ ބައެއް، ވެރިންނާއި މިނިސްޓަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރައީސް އޮފީހުން ބުނެފައިވަނީ އީޕީއޭއިން މިހާތަނަށް ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކަކީ ރާއްޖޭގެ ތިމާވެށްޓާ ބެހޭ ކަންކަން ރެގިއުލޭޓުކުރުމާ ގުޅުންހުރި މަސައްކަތްތަކެއް ކަމަށެވެ. އެ އިދާރާއަށް ގެނައި ބަދަލުގެ މައިގަނޑު މަގުސަދަކީ އިދާރާއިން ކުރާ މަސައްކަތްތަކާ ވީހާވެސް ގުޅުންހުރި ނަމެއް ހަމަޖެއްސެވުމުގެ އިތުރުން، އެ އިދާރާގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ހަލުވިކުރުން ކަމަށް ކުރިން ރައީސް އޮފީހުން ބުންޏެވެ.