ގައުމީ ވާހަކަދެއްކުމުގެ މުބާރާތަށް ތައްޔާރުވުމުގެ މަޢުލޫމާތު ދަންފަޅިތައް ބާއްވައިފި

ވާހަކަދެއްކުމުގެ ދަންފަޅިތައް -- ފޮޓޯ/ އަލީ އަމީރު

އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ 38ވަނަ ޤައުމީ މުބާރާތަށް، ކުރިއަށްގެންދިޔަ މަޢުލޫމާތު ދިނުމުގެ ދަންފަޅިތައް ނިންމައިލައިފިއެވެ.

ދިވެހިބަހުގެ އެކެޑަމީން ބުނީ މި ދަންފަޅިތައް ކުރިއަށް ގެންދިޔައީ އިއްޔެ ތިން ދަންފަޅިއަކަށް ބަހައިލައިގެން ކަމަށެވެ.

އަދި މައުލޫމާތު ދިނުމުގެ ދަންފަޅިތަކަކީ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިކަން ހުރި ސްކޫލުތަކާއި ދަރިވަރުންނަށް އަމާޒުކޮށް، ވާހަކަދެއްކުންތެރިކަމަށް ދަރިވަރުން ތަމްރީންކުރުމަށް ބޭނުންވާ މަޢުލޫމާތު ދިނުމަށް ޓަކައި ކުރިއަށްގެންދިޔަ ދަންފަޅިތަކެއް ކަމަށް ވެސް އެކެޑަމީން ބުންޏެވެ.

މި ދަންފަޅިތަކުގައި ކިޔައިދިން ކަންކަމަކީ، ވާހަކަދެއްކުމަށް ތައްޔާރުވުމަށް ފުރަތަމަ އަޅަންޖެހޭ ފިޔަވަޅުތަކާއި، މައުޟޫއު މާނަކުރާ ގޮތާއި، އޮނިގަނޑު ރޭވުމުގައި ސަމާލުކަންދޭންވީ ކަންކަމާއި، މިސްރާބު ކަނޑައަޅާގޮތުގެ އިތުރުން، މުބާރާތުގައި ދަރިވަރުން ސަމާލުކަންދޭންވީ މުހިންމު ކަންކަމެވެ. ހަމައެއާއެކު މި އަހަރުގެ މުބާރާތަށް ގެނެވުނު ބަދަލުތައް ވެސް ވަނީ ކިޔައިދީފައެވެ.

މި ދަންފަޅިތަކުގައި ކިޔަވައިދެއްވީ މި ފަންނުގެ ތަޖުރިބާކާރު ބޭފުޅުން ކަމުގައިވާ ނަސީރު މުހައްމަދު، އަމީރް ޢަލީ، ހުސައިން ޞަލާހު ޔޫސުފް ކަމަށެވެ.

ވާހަކަދެއްކުމުގެ ގައުމީ މުބާރާތަކީ ވަރަށް ގިނަ ސްކޫލުތަކަކުން އިންތިޒާރުކުރާ ވާދަވެރި މުބާރާތެކެވެ. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތައް މިފަދައިން ކުރިއަށް ގެންގޮސްފައިވަނީ އަލަށެވެ.

comment ކޮމެންޓް