ކޮރަޕްޝަންގެ ދައުވާއަކަށް އެއްބަސްވެފައިވާ, ރާއްޖޭގައި ގިނަ ރިސޯޓްތަކެއް ހިންގާ ހޮޓެލް ޕްރޮޕަޓީ ލިމިޓެޑް (އެޗްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރު އަދި ބިލިއަނަރު އޮންގް ބެންގް ސެންގް 23،400 ޑޮލަރުން ޖޫރިމަނާކޮށްފިއެވެ.
އޮންގްގެ މައްޗަށް ދައުވާ ކުރީ، އޭނާގެ ކުންފުންޏަކުން ސިންގަޕޫރުގެ ޓްރާންސްޕޯޓް މިނިސްޓްރީއާއެކު ވިޔަފާރީގެ މުއާމަލާތްތަކެއް ކުރަމުން ދަނިކޮށް، މިނިސްޓަރަށް އަގުބޮޑު ހަދިޔާތަކެއް ދިން މައްސަލައެއްގައެވެ. އޭގެ ތެރޭގައި އޮންގްގެ ޚަރަދުގައި ޓްރާންސްޕޯޓު މިނިސްޓަރު ސުބްރަމާނިއަމް އިސްވަރަން ގަތަރަށް ގެންދިޔަ ދަތުރެއް ހިމެނެއެވެ.
އުމުރުން 81 އަހަރުގެ އޮންގް އިއުތިރާފުވެފައި ވަނީ އިންސާފަށް ހުރަސްއެޅުމަށް އެހީވުމުގެ ދައުވާއަކަށެވެ.
އޮންގްގެ މައްޗަށް ހަތް އަހަރުގެ ޖަލު ހުކުމެއް ކުރެވެން އޮތް ނަމަވެސް އޭނާގެ ވަކީލުން ވަނީ އޭނާއަކީ ބޯން މެރޯ ކެންސަރު ޖެހި، ބަލިކަށިވެފައިވާ މީހެއްކަން ފާހަގަކޮށް، އަދަބު ލުއިކޮށްދިނުމަށް އެދިފައެވެ. އަދި ޕްރޮސެކިއުޓަރުން ވެސް ވަނީ އެކަމަށް އެއްބަސްވެ، މައްސަލައިގައި ކުރެވެން އޮތް އެންމެ ބޮޑު ޖޫރިމަނާއެއް ކުރަން އެއްބަސްވާ ކަމަށް ބުނެފައެވެ.
އިސްވަރަން ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވީ 2021އިން ފެށިގެން ކަމަށްވާއިރު، އޮންގްއާ ދެކޮޅަށް ދައުވާކޮށްފައިވާ މައްސަލަ ހިނގައިފައިވަނީ 2022ގައެވެ. އެގޮތުން އެ އަހަރުގެ ޑިސެންބަރު މަހުގެ ކުރީކޮޅު އޮންގްއާއެކު ގަތަރަށް ވަޑައިގަތުމަށް އިސްވަރަންއަށް އޭނާ ދައުވަތު ދިން ކަމަށް ޕްރޮސެކިއުޓަރުން ވިދާޅުވިއެވެ.
އެ ދައުވަތު ދިންއިރު، ދެ މީހުން ދަތުރުކުރާނީ އޮންގްގެ ޕްރައިވެޓް ޖެޓުގައި ކަމަށާއި ދަތުރުގެ ހުރިހާ ޚަރަދެއް ވެސް ހަމަޖައްސާނީ އޮންގް ކަމަށް އޭނާ އަމިއްލައަށް ބުނި ކަމަށް، ކޯޓަށް ހުށަހަޅައިފައިވާ ލިޔެކިޔުމުގައިވެއެވެ.
އެ ދައުވަތު ގަބޫލުކުރައްވައި ޑިސެންބަރު 10، 2022ގައި އިސްވަރަން، އޮންގްއާއެކު އޭނާގެ ޕްރައިވެޓް ޖެޓުގައި ދޯހާއަށް ވަޑައިގަތެވެ. އެ ދަތުރަށް 7،700 ޑޮލަރު އެރިއެވެ.
އިސްވަރަން ދޯހާގެ ފޯ ސީޒަންސް ހޯޓެލްގައި އެއް ރޭ ހޭދަކުރެއްވިއިރު، އެ ޒިޔާރަތަށް 4،4737.63 ޑޮލަރު ހޭދަވިއެވެ. ޖެހިގެން އައި ދުވަހު، އޮންގްގެ ޚަރަދުގައި އިސްވަރަށް ސިންގަޕޫރަށް ވަޑައިގަތީ 5،700 ޑޮލަރުގެ ބިޒްނަސް ކްލާސް ޓިކެޓެއްގައެވެ.
ސިންގަޕޫރުގެ ގާނޫނުގައި އޮންނަނީ، މިނިސްޓަރަކަށް ހަދިޔާއެއް ލިބިއްޖެ ނަމަ، އެ ހަދިޔާއެއްގެ ފުރިހަމަ އަގު ސަރުކާރަށް ދައްކަން ޖެހޭނެ ކަމަށެވެ. އަދި މިނިސްޓަރުން ވިޔަފާރީގެ މުއާމަލާތްތައް ކުރާ ބަޔެއްގެ އަތުން އެއްވެސް އެއްޗެއް ލިބިއްޖެ ނަމަ އެކަން އަންގަން ޖެހޭނެ ކަމަށް ވެސް ކަނޑައަޅައިފައިވެއެވެ.
އިސްވަރަން އެގޮތަށް އަމަލު ނުކުރައްވައި ހުންނަވަނިކޮށް، ޖެހިގެން އައި އަހަރު، ސިންގަޕޫރުގެ ކޮރަޕްޝަނުގެ މައްސަލަތައް ބަލާ ބިއުރޯއިން އޮންގްގެ ޕްރައިވެޓް ޖެޓާ ގުޅުންހުރި މައުލޫމާތުތަކެއް ހޯދިއެވެ. އެކަން އެނގުމުން، މެއި 18، 2023 އާއި އެ މަހުގެ 23 ވަނަ ދުވަހާ ދެމެދުގެ މުއްދަތެއްގައި އޮންގް، އިސްވަރަންއަށް ގުޅައި ވާހަކަދެއްކިއެވެ.
އެއަށްފަހު އިސްވަރަން އެދިވަޑައިގަތީ، އޮންގްއާއެކު އޭނާ ދޯހާއަށް ކުރެއްވި ދަތުރުގެ ބިލް ސިންގަޕޯ ޖީޕީ މެދުވެރިކޮށް ފޮނުވައިދިނުމަށެވެ. އަދި އެ ބިލް ފޮނުވުމުން، އިސްވަރަން ވަނީ، ބިޒްނަސް ކްލާސް ޓިކެޓަށް ޚަރަދުވި ފައިސާ ދެއްވައިފައެވެ.
ޕްރޮސެކިއުޓަރުން ވިދާޅުވާ ގޮތުގައި މައްސަލަ ފެންމަތިވުމުން އިސްވަރަން އެ ފައިސާ ދެއްކެވީ އިންސާފަށް ހުރަސްއެޅުމުގެ ގޮތުންނެވެ. އަދި އެކަން ފަހިކޮށްދިނުމުން އޮންގް ވެސް ކުށްވެރިވާ ކަމަށް ދެކޭތީ އޭނާއަށް ވެސް ދައުވާކުރީއެވެ.
އޮންގްއާ ގުޅުންހުރި މުއާމަލާތްތަކުގެ ސަބަބުން އިސްވަރަންގެ މައްޗަށް ވަނީ 27 ދައުވާއެއް ކޮށްފައެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހު މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވައިފައެވެ.
އޮންގްގެ އެޗްޕީއެލްއިން ރާއްޖޭގައި އަށް ރިސޯޓެއް ހިންގާއިރު، ކޮވިޑްގެ ދުވަސްވަރު އެ ކުންފުނިން ރާއްޖެއަށް އެހީ ފޯރުކޮށްދީފައިވެއެވެ. އެގޮތުން 15 ވެންޓިލޭޓަރާއި 100,000 މާސްކް ވެސް އެ ކުންފުނިން ވަނީ ހަދިޔާ ކޮށްފައެވެ.