ރާއްޖޭގައި ޒަކާތް ނެގުމަށް އިތުރު އިދާރާއެއް އުފެއްދުމުގެ ކުރިން ވިސްނާލަން ޖެހޭ ކަމަށާއި، ޒަކާތް ބަލައިގަތުމަށް އެންމެ ރަނގަޅު ގޮތަކީ ގައުމީ ޓެކްސް އިދާރާ މީރާ މެދުވެރިކޮށް ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެއެވެ.
ޒަކާތް ދެއްކުން ގާނޫނީ ގޮތުން ލާޒިމުކުރާ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ބަލައިގެންފައެވެ. މި ބިލު ގާނޫނަކަށްވާ ހިސާބުން "މޯލްޑިވްސް ޒަކާތު ހައުސް"ގެ ނަމުގައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ނެގުމުގެ އިދާރީ އެންމެހާ ކަންކަން ރާވައި، ޒަކާތް ލިބޭ މީހުންގެ ދަފްތަރު ބެލެހެއްޓުމާއި ޒަކާތް ލުއިފަސޭހަކޮށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުން ފަދަ މަސްއޫލިއްޔަތުތައް އަދާކުރުމަށް ސަރުކާރުގެ އިދާރާއެއް އުފެދިގެން ދާނެ ކަމަށް ވެސް ބިލުގައި ވެއެވެ. އެ ތަން ހިންގާނީ މިނިސްޓަރުގެ ލަފާގެ މަތިން ޑިރެކްޓަރު ޖެނެރަލަކު ކަމަށް ބިލުގައިވެއެވެ.
މިކަމާ ގުޅިގެން "އެކްސް"ގައި ޝަމްހީދު ކުރެއްވި ޕޯސްޓެއްގައި ވަނީ، ސައުދީ އަރަބިއްޔާ ފަދަ އިސްލާމީ ގައުމުތަކުގައި އަމަލުކުރާ އުސޫލަކީ ޓެކުހާއި ޒަކާތުގެ ފައިސާ އެ ގައުމުގެ ޓެކްސް އޮފީހުން ބަލައިގަތުން ކަމަށެވެ. މިހާރު ވެސް ދައުލަތުގެ އިދާރާއެއްގެ ގޮތުގައި މީރާ އޮންނަ ކަމާއި، މީރާއިން ޒަކާތު ފައިސާ ބަލައިގަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
"މިހާރު ވެސް ދައުލަތުގެ މުއައްސަސާއެއްގެ ގޮތުގައި މީރާ ހިނގަމުންދާއިރު، އަދި މިހާރު ވެސް ޒަކާތުގެ ފައިސާ ބަލައިގަންނަމުންދަނީ އެ އިދާރާއިން ކަމަށްވާހިނދު، ޒަކާތް ނެގުމަށް އިތުރު އިދާރާއެއް އުފެއްދުމަކީ ވިސްނާލަންޖެހޭ ކަމެއް،" ޝަމްހީދު ލިޔުއްވާފައިވެއެވެ.
އިތުރަށް އޭނާ ލިޔުއްވިގޮތުގައި، އަލަށް އުފައްދާ "ޒަކާތު ހައުސް"އަށް ޒަކާތު ފައިސާއިން ބޮޑު ބައެއް ހޭދަކުރުމަކީ ދައުލަތުގެ ވަސީލަތްތައް އިސްރާފުވާނެ ކަމެކެވެ.
"މި ކަމާމެދު ފުންކޮށް ވިސްނައި، އެންމެ ޚަރަދު ކުޑަ އަދި ފައިދާ ބޮޑު ގޮތަކަށް ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކެން" ޝަމްހީދުގެ ޕޯސްޓުގައި ވެއެވެ.
ޝަމްހީދު ކުރެއްވި ޕޯސްޓަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ރައްދުދެއްވައިފައެވެ. ޝަހީމް ލިޔުއްވާފައިވާ ގޮތުގައި ޒަކާތާއި ޓެކުހަކީ ވަކި ދެ އެއްޗެއް ކަމަށް ވާތީ، އިސްލާމީ ގައުމުތަކުން އަންނަނީ ޒަކާތަށް ވަކި މުއައްސަސާތަކެއް ހަދަމުންނެވެ. އަދި، ރާއްޖޭގައި މިހާރު އޮންނަ ގޮތުން ޒަކާތު ފައިސާ އާއި ޓެކްސް ފައިސާ ހުންނަނީ އެއް "ކަންވާރެއް"ގައި ކަމަށް އެ ޕޯސްޓުގައި ލިޔުއްވާފައި ވެއެވެ.
އޭނާ ލިޔުއްވިގޮތުގައި ޒަކާތު ފައިސާ އޭގެ ހައްގުވެރިންނަށް ލިބުމުގައި ދަތިތައް ހުރެއެވެ.
ޒަކާތް ދެއްކުން ގާނޫނީ ގޮތުން ލާޒިމުކުރާ ބިލުގެ މަގުސަދުގެ ގޮތުގައި ބަޔާންކޮށްފައިވަނީ، އިސްލާމީ ޝަރީއަތުގައި ޒަކާތް ޝަރުއުކޮށްފައިވާ މަގުސަދުތައް ހާސިލްކުރެވޭނެ ގޮތެއްގެ މަތިން ރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ އޮނިގަނޑެއްގެ ދަށުން ހިންގުމެވެ.
މި ބިލުގައި ޒަކާތުގެ ގޮތުގައި ބަލައިގަންނާނެ ބާވަތްތަކާއި، ބަލައިގަންނާނެ ގޮތް ބަޔާންކޮށްފައިވެއެވެ. އެގޮތުން ފިތުރު ޒަކާތާއި މުދަލުގެ ޒަކާތް ބަލައިގަންނާނެ ގޮތްތަކާއި ޒަކާތު ފައިސާ ލިބޭނެ މީހުންގެ ތަފުސީލު ވެސް ހިމަނައިފައިވެއެވެ.
ބިލު ގާނޫނަކަށްވާތާ ދެ މަސްތެރޭ ޒަކާތު ކައުންސިލްގެ ނަމުގައި ކައުންސިލެއް އުފައްދަން ޖެހޭނެ ކަމަށް ބިލުގައި ވެއެވެ. ބިލުގައިވާ ގޮތުން އެ ކައުންސިލްގައި ތިއްބަވާނީ އިސްލާމިކް މިނިސްޓަރާއި، ޑިރެކްޓަރު ޖެނެރަލަކާއި، އެމްއެމްއޭއިން ކަނޑައަޅާ މުވައްޒަފަކާއި، ޤުރުއާނާ ބެހޭ މަރުކަޒުގެ މުވައްޒަފަކާއި، ފިނޭންސް މިނިސްޓްރީގެ މުވައްޒަފަކާއި، ފަތުވާދޭ މަޖިލީހުގެ މުވައްޒަފަކާއި، މިނިސްޓްރީގެ މުވައްޒަފެއްގެ އިތުރުން، ޒަކާތުގެ ކަންކަން ދަންނަ ދެ މާހިރުންނެވެ.