ކުރީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޔުގްނައުތަށް ފޮނުއްވި ސިޓީ ނުފޮނުއްވި ނަމަ، ގެއްލުނު ކަނޑުގެ މައްސަލައިގައި ސާފުކޮށް ރާއްޖެއަށް ކުރިއަށް ދެވެން އޮތް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދުގެ ސުވާލަށް ޖަވާބުދެއްވަމުން ޚަލީލް ވިދާޅުވީ، ކުރީ ސަރުކާރުން ދޫކުރި "ސިއްރު ސިޓީ"ގެ ސަބަބުން ރާއްޖޭގެ ކަނޑުން 45،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ގެއްލުނު ކަމަށާއި އެކަމުގެ ސަބަބުން ދެކުނުގެ މަސްވެރިކަމަށް ބުރޫ އަރާފައިވާ ކަމަށެވެ.
"ހަގީގަތަކީ އެ ސިޓީ ބޭރުނުވި ނަމަ، މިދިޔަ ސަރުކާރުން ދޫނުކުރިނަމަ، ކަނޑުގެ މައްސަލައާއި އޭގެ އިތުރުން ފޯޅަވަހި މައްސަލައަކީ ވަރަށް ސާފުކޮށް ދިވެހީންނަށް ކުރިއަށް ދެވެން އޮތް މައްސަލައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވޭ މައްސަލައެއް އެ މައްސަލައަކީ،" ޚަލީލް ވިދާޅުވިއެވެ.
އެހެންވެ، މިހާރު ކުރިއަށް ދަނީ ބޭރުގެ އެކި ގާނޫނީ ވަކީލުންނާ އެކީ މައްސަލަ އިތުރަށް މުރާޖައާކުރުމުގެ މަސައްކަތް ކަމުގައި އޭނާ ވިދާޅުވިއެވެ.
ހަމަ މިކަމާ ގުޅިގެން ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ޚަލީލް ވިދާޅުވީ، ގެއްލުނު ކަނޑުގެ މައްސަލައާއި ޗާގޯސްގެ މައްސަލައިން ރާއްޖެ ބޭރުވީ ކުރީ ސަރުކާރުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީގެ ސަބަބުން ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އޭރު އިދިކޮޅުގައި ތިއްބަވައިގެން ޕީޕީއެމް/ޕީއެންސީގެ ލީޑަރުން ވަނީ އެ ސިޓީ ހާމަނުކުރައްވާތީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ. އެކިއެކި ތުހުމަތުތައް ކުރައްވަނިކޮށް އެ ސިޓީ 'ލީކް'ވީ ރިޔާސީ އިންތިޚާބުގެ ތެރޭގައެވެ. އެކަމަކު، ފަހުން އޭރު ހުންނެވި ރައީސް ޞާލިޙް ވަނީ ސިޓީ 'ހާމަކުރެއްވި' ކަމަށް ވެސް ވިދާޅުވެފައެވެ.
މި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ކަނޑުގެ ސަރަހައްދުން ދޫކޮށްލި ބައި ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އެ މަނިކުފާނު މީގެ ކުރިން ވެސް ދެންނެވި ކަމަށެވެ. ނަމަވެސް، އެ މަސައްކަތަކީ ވަރަށް އުނދަގޫ، ކަވި މަސައްކަތެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން މިހާތަނަށް ބޭރުގެ މާހިރުންގެ އެހީއާއި ލަފާ ހޯދާފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މިހާރު ދެން މިދަނީ އެކަމާ ގުޅިގެން ދެން ހުރި މަރުހަލާތަކުގެ މަސައްކަތްތައް ކުރަމުން. އެ މަސައްކަތްތައް ފަށާފައި ވަނީ،" ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ އިމުގެ މައްސަލަ 58 އަހަރު ފަހުން، މިދިޔަ އަހަރު އިޓްލޮސްއިން ނިންމީ ރާއްޖެއިން އެދުނު ގޮތަށެވެ. އިޓްލޮސްއިން އޭޕްރީލް 28 ގައި ހުކުމް ކުރުމާ އެކު އޭރު އިދިކޮޅުގައި ތިބި ޕީޕީއެމް/ޕީއެންސީން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އަދި، ކަނޑުން ބައެއް "ވިއްކައިލީ" ކަމަށް ތުހުމަތުކޮށް، އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރަން ޖެހޭ ކަމަށް ތަކުރާރުކޮށް ގޮވައިލިއެވެ.
މިހާރުގެ ސަރުކާރުން ދެކެނީ އެ މައްސަލައިގައި ކުރީގެ ސަރުކާރުން ގެންގުޅުނު ސިޔާސަތަކީ ގާނޫނުއަސާސީއާއި ގާނޫނުތަކާ ފުށޫއަރާ، އަދި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ދެކޭ ކަމަށެވެ.
އިިނގިރޭސިން ޗާގޯސްގެ ރަށްތަކަށް ވެރިވެގަތީ 1965ވަނަ އަހަރު މޮރިޝަސް އެ ގައުމުގެ އިސްތިއުމާރުގެ ދަށުގައި އޮތްއިރެވެ. އަދި، ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ގާއިމުކޮށް ހިންގުމަށް ކުއްޔަށް ދީފައިވަނީ 2036ގެ ނިޔަލަށެވެ.
ނަމަވެސް، 2019ގައި މޮރިޝަސްއިން ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދައުވާ މޮރިޝަސްއާ އެއްކޮޅަށް ނިމި އެ ކޯޓުން ވަނީ ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތަށް އަންގައިފައެވެ.
އެ ރަށްތަށް އަނބުރާ މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުގެ ކިބައިން އދ.އިން ވެސް ވަނީ ތަކުރާރުކޮށް އެދިފައިވެއެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުމާ އެކު، ޗާގޯސްއާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން ވެސް ވަނީ އެ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނިންމުން ދަމަހައްޓާފައެވެ. އަދި، މޮރިޝަސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ބައިކޮށްފައެވެ.
އިޓްލޮސްގެ ނިންމުން އިސްތިއުނާފުކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށްވާއިރު، ޗާގޯސް މައްސަލަ ކުރިއަށްގެންދަން ސަރުކާރުން ކޮމިޓީއެއް އެކުލަވައިލައިފައިވެއެވެ. އެ ކޮމިޓީގައި އިސްކޮށް ހުންނަވަނީ ކުރީގެ ބަންޑާރަނައިބު މުހައްމަދު އަނިލެވެ.