މީގެ ކުރިން ބ. ހިތާދޫ ރައްޔިތުން އިގުތިސާދީ އެކިއެކި ބޭނުންތަކަށް ބޭނުންކުރި އެ އަތޮޅުގެ ފަޅުރަށެއް ކަމަށްވާ މާމަޑުއްވަރީ އަލުން ހިތާދޫގެ ރައްޔިތުންގެ ފައިދާއަށް ހަވާލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މާމަޑުއްވަރީއަކީ މިހާރު ކޯސްޓް ލައިން އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކަށް ރިސޯޓެއް ތަރައްގީކުރަން ދޫކޮށްފައިވާ ރަށެކެވެ.
ހިތާދޫގެ ރައްޔިތުން އެ ރަށުގެ ބޭނުން ހިފަމުން ދަނިކޮށް، 2019 ވަނަ އަހަރު އެ ފަޅުރަށް ވަނީ އެ ކުންފުންޏާ ހަވާލުކޮށްފައެވެ. އެކަމާ ގުޅިގެން އޭރު ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން ވެސް ފާޅުކުރިއެވެ.
ރައީސް މުއިއްޒު ބ. އަތޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މި ވަގުތު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިތާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ، މާމަޑުއްވަރީއަކީ ތާރީޚީ ގޮތުން ބަލާއިރު ހިތާދޫ ރައްޔިތުންގެ ވަރަށް ބޮޑު ހިއްސާއެއް އޮތް ރަށެއް ކަމަށެވެ. ނަމަވެސް، މިހާރު އެ ރަށް ޓޫރިޒަމް އެއްބަސްވުމެއްގެ ދަށުން ބަޔަކާ ހަވާލުކޮށްފައި އޮންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި، އެހެންނަމަވެސް އެ އެއްބަސްވުމާ އެއްގޮތަށް މަސައްކަތްތައް ނުހިނގާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ތާރިގު ވިދާޅުވި ކަމަށެވެ.
އެހެންކަމުން އެ މަނިކުފާނުގެ ނިންމެވުމަކީ އެ އެއްބަސްވުން ނިމުމަކަށް ގެނެސް، ހިތާދޫ ރައްޔިތުންނާ މާމަޑުއްވަރީ އަލުން ހަވާލުކުރެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންވީމާ މި ދެންނެވި އެގްރިމަންޓު ގާނޫނާ ގަވާއިދުގެ ތެރެއިން ނިމުމަކަށް ގެނެސް، މާމަޑުއްވަރީ ހިތާދުއާ ހަވާލުކުރުމަށް އަޅުގަނޑު ނިންމާ ވާހަކަ ދަންނަވާލަން. އެހެންވީމާ ޓޫރިޒަމް މިނިސްޓަރު އެޓާނީ ޖެނެރަލާ ގުޅިވަޑައިގެން ކުރިއަށް ގެންދަވާނެ. ނިމުނުހާ އަވަހަކަށް އެ ރަށް، މި ރަށާ ހަވާލުކުރައްވާނެ، ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަކީ މި ސަރުކާރުގެ ސިޔާސަތު ކަމަށާއި އެ މަނިކުފާނު ރައްޔިތުންނާ ބައްދަލުކުރަނީ ރައްޔިތުންނާ ގާތުން ކަންކަން އަޑުއެއްސެވުމުގެ މަގުސަދުގައެވެ.
މާމަޑުއްވަރީއަކީ މީގެ ކުރިން އެ ރަށުގެ ރައްޔިތުން އިގުތިސާދީ އެތައް މަންފާއެއް ހޯދި ރަށެކެވެ. އެގޮތުން، ފަން ހޮވުމަށާއި، ދަރު ހޮވުމުގެ އިތުރުން ދަނޑުބިންތައް ވެސް ބައެއް މީހުން އެ ރަށުގައި ހެއްދިއެވެ. އެހެންވެ، އަލުން އެ ރަށް، ހިތާދޫގެ ރައްޔިތުންނަށް މަންފާ ލިބޭގޮތަށް ލިބުމަކީ ރަށުގެ ރައްޔިތުންނަށް ނުހަނު ފައިދާހުރި ކަމަކަށްވާނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މާމަޑުއްވަރީއަކީ މީގެ ކުރިން، ދަނޑުވެރިކަމުގެ މަސައްކަތް ކުރަން މާމަޑުއްވަރީ އިންވެސްޓްމަންޓަށް ފިޝަރީޒް މިނިސްޓްރީން ދޫކުރި ރަށެއް ވެސްމެއެވެ. ނަމަވެސް، މާމަޑުއްވަރީގެ ކުލި އެ ކުންފުނިން ނުދައްކާތީ އެ މައްސަލަ ބެލިއެވެ.
އެގޮތުން، 2012 ވަނަ އަހަރު އެ ރަށުގެ ކުލި ތިން އަހަރަށް ބަހައިގެން ދައްކަން އޭރު އޮތް ސަރުކާރުގެ ކެބިނެޓުން ނިންމިއެވެ. ނަމަވެސް، އެ ނިންމުން ބާތިލުކޮށް އެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދައްކަން ސިވިލް ކޯޓުން ފަހުން ހުކުމް ކުރިއެވެ.