ދިރާގުޕޭ ޑައުންލޯޑްކޮށް، ރަޖިސްޓްރީކޮށްގެން 50،000 ރުފިޔާގެ ބޮޑު އިނާމެއް ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.
ޑިސެންބަރު 31 އާ ހަމައަށް މި ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އަލަށް ރަޖިސްޓަރީވާ މީހުންގެ އިތުރުން މިހާރު ވެސް ދިރާގުޕޭ ބޭނުންކުރަމުން އަންނަ މީހުންނަށެވެ. މި ހުރިހާ ފަރާތްތަކެއް ވެސް އޮޓަމެޓިކުން ގުރުއަތުލުމުގެ ތެރެއަށް ވަންނާނެ ކަމަށާއި މި ގުރުއަތުން އެއް ނަސީބުވެރިއަކު ހޮވޭނެ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުޕޭއިން ފައިސާގެ މުޢާމަލާތްތައް ކުރުމަށް ބޭނުންވާ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި ޚިދުމަތްތަކުގެ ތެރޭގައި ބިލް ސްޕްލިޓް ކުރުމާއި، ސަބް-ވޮލެޓްތަކާއި، ޕިއާ-ޓު-ޕިއާ ޓްރާންސްފާއާއި، ފަވަރާ ޓްރާންސްފާއާއި، ބިލްތައް ދެއްކުމާއި، އަދި ހޭދަކުރާ މިންވަރުގެ މަޢުލޫމާތުތައް ފަދަ ޚިދުމަތްތައް ހިމެނޭ ކަމަށް ދިރާގުން ހާމަކުރެއެވެ. މީގެ ސަބަބުން ފައިސާގެ މުޢާމަލާތްތައް ކުރުން އިތުރަށް ފަސޭހަވެ، ޒަމާނީ ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި ޕްރޮމޯޝަން ފަށާފައިވަނީ އެ ކުންފުނީގެ ވަފާތާރީ ކަސްޓަމަރުންނަށް އިނާމު ދިނުމާއި، ދިވެހިރާއްޖޭގައި ޑިޖިޓަލް ފައިސާގެ ޚިދުމަތްތައް ބޭނުންކުރުން އިތުރުކުރުމަށް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ. ދިރާގުޕޭއިން ރައްކާތެރި، އަވަސް އަދި ފަސޭހަ މުޢާމަލާތްތަކެއް ފޯރުކޮށްދިނުމުން، ކަސްޓަމަރުންނަށް މުޢާމަލާތްތައް ކުރުމުގައި އިތުރު ހަކަތައެއް ލިބޭނެ ކަމަށް ދިރާގުން ފާހަގަކުރެއެވެ.