ހިއްކާފައި ހުރި ބިންތަކަށް ބޭނުންވާ ޔުޓިލިޓީ ޚިދުމަތް ގާއިމުކުރަން ޚާއްސަ މަޝްރޫއެއް

ގުޅިފަޅުގެ ބިން ހިއްކުން: ހިއްކާފައި ހުރި ބިންތަކަށް ބޭނުންވާ ޔުޓިލިޓީ ޚިދުމަތް ގާއިމުކުރަން ޚާއްސަ މަޝްރޫއެއް ކުރިއަށްގެންދާނެ ކަމަށް ރައީސް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިއްކުމަށްފަހު ބޭނުންނުކުރެވި ހުރި ބިންތަކުގައި ޔުޓިލިޓީ ނުވަތަ ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުކުރުމުގެ ބިޔަ މަޝްރޫއެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިވަގުތު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އޭދަފުށީގެ ހިއްކި ސަރަހައްދަށް ބޭނުންވާ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ގާއިމުނުކުރެވި ވާފަދައިން އެއީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރިމަތިވެފައިވާ، ދުވަސްވީ މައްސަލައެއް ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭނުންނުކުރެވި ހުރި ހިއްކި ބިންބިމުގައި ޔުޓިލިޓީ ޚިދުމަތް ގާއިމުކުރުމުގެ ބިޔަ މަޝްރޫއެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ހިންގަވާނެކަން އެމަނިކުފާނު އިއުލާނުކުރެއްވިއެވެ.

މިއަންނަ އަހަރުގެ ބަޖެޓު ހަދާއިރު ޚާއްސަ ނިއު ޕޮލިސީ އިނިޝިއޭޓިވް ޕްރޮގްރާމެއް އެބަ ހިމަނަން ހިއްކާފައި ހުރި ބިންތަކަށް ބޭނުންވާ ޔުޓިލިޓީސް ގާއިމް ކޮށްދިނުމާއި އިންފްރާސްޓްރަކްޗާ ގާއިމުކުރަން. އޭގެ ތެރޭގައި އެންމެ އިސްކަންދޭނީ އާބާދީއާއި ތަރައްގީ އެއްފަސްކުރެވޭނެ ރަށްތަކަށް ދެން އާބާދީ ބޮޑެތި ރަށްތަކަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު

ބ. އޭދަފުށި ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި އެ މަޝްރޫއުގެ ތެރެއިން އޭދަފުއްޓަށް އިސްކަން ދެއްވާނެއެވެ.

މިދިޔަ ސަރުކާރުގައި ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން، ހުޅުމާލެއާއި ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކައިގެން ގޯތި ދޫކުރަން ނިންމައިފައިވެއެވެ. އޭގެ ތެރެއިން މިހާރު ގުޅިފަޅުގެ ގޯތީގެ ރަޖިސްޓްރީ ދޫކުރަމުން އަންނައިރު މީގެ ކުރިން ހައުސިން މިނިސްޓްރީން ވަނީ، ގުޅިފަޅު އާބާދު ކުރެވޭނީ ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ނިންމުމަށްފަހު އެ ސަރަހައްދުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރެވުމުން ކަމަށް ބުނެފައެވެ.

މިރޭގެ ޖަލްސާގައި، އޭދަފުށީގެ ތަރައްގީއަށް ވެވަޑައިގަންނަވާފައިވާ ރިޔާސީ ވައުދުތަކަށް އިޝާރާތްކުރައްވައި، ރައީސް ވިދާޅުވީ އެ ރަށުގައި 1،000 ހައުސިން ޔުނިޓު ގާއިމުކުރުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް މި އަހަރު ފައްޓަވައި، މި ދައުރުގެ ތެރޭގައި ނިންމަވާނެ ކަމަށެވެ.

އަދި ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ރަށުގެ ބަނދަރުގެ މަސައްކަތް ނިމޭނޭ ކަމަށާއި، އިންޑޯ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ވެސް އޭދަފުށީގައި ގާއިމުކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަހަރު ތެރޭގައި ޔޫއެސް ޑޮލަރުގެ ޚިދުމަތް ދޭ އޭޓީއެމްއެއް ގާއިމުކޮށް، އަލަށް ގޯތި ދޫކުރާ ސަރަހައްދަށް އެކްސްޓެންޝަން ހިމެނޭ ގޮތަށް، ރަށުގެ ކަރަންޓާއި ފެން ފަދަ ޔުޓިލިޓީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް، މި އަހަރާއި އަންނަ އަހަރު މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައީސްގެ ދަތުރުފުޅުގެ ތެރެއިން އޭދަފުށީގައި މިއަދު ވަނީ އާރްޓީއެލް ފެރީގެ ޚިދުމަތް ރަސްމީގޮތުން ފައްޓަވައިދެއްވާފައެވެ.

އަދި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކެމްޕަހެއް އޭދަފުށީގައި ގާއިމުކުރުމުގެ އެއްބަސްވުމާއި، ބ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ވެސް މިރޭ ވަނީ ސޮއިކޮށްފައެވެ.

comment ކޮމެންޓް