ކޭނަރީ ވަނީ އޮޑިޓްކޮށްފައި، ފެކްޓަރީ ވިއްކަން ބޭރުގެ ކުންފުނިތަކާ ވެސް މަޝްވަރާކުރޭ: އެންސިސް

އެންސިސް ކޭނިން ފެކްޓަރީ: ކޭނަރީ ވިއްކަން ނުވަތަ ހިންގުން ހަވާލުކުރަން ބޭރުގެ ކުންފުނިތަކާ ވެސް މަޝްވަރާކުރާ ކަމަށް ކުންފުނިން ބުނި -- ފޮޓޯ/ އެންސިސް

ހުޅުމާލޭގައި އެންސިސް ކުންފުނިން ދަޅުމަސް ބަންދުކުރަން ހިންގަމުން އައި ފެކްޓަރީ، ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ދަށަށް ގެންދިޔުމުގައި ވަކި ބަޔަކަށް ފައިދާވާ ގޮތަށް އަމަލުކުރަން އުޅޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރެއްވި ތުހުމަތަށް އެ ކުންފުނިން މިއަދު ރައްދުދީފިއެވެ.

ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ޚަރަދުކޮށް އެންސިސްއިން 2019 ވަނަ އަހަރު ހުޅުވި ކޭނަރީ ހުއްޓުނީ 2023 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި މިފްކޯއިން މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރުމުންނެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭން ކުރިއަށް ދަނިކޮށް ގެނައި އެ ބަދަލާ ގުޅިގެން އެ ކޭނަރީ ހުއްޓިފައި އޮންނަތާ ދޮޅު އަހަރު ވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ދައުލަތުގެ މަސް ކުންފުނި މިފްކޯއިން ވަނީ އެ ތަން މިފްކޯގެ ބެލުމުގެ ދަށަށް ގެނައުމުގެ މަޝްވަރާތައް ފެށިކަން ހާމަކޮށްފައެވެ.

އެ އިއުލާންކުރި ފަހުން، ޔާމީންގެ ޕީއެންއެފްއިން ބޭއްވި ޖަލްސާއެއްގައި ރޭ އެ މަނިކުފާނު ވިދާޅުވީ އެންސިސް ފެކްޓަރީއަކީ 10 މިލިއަން ޑޮލަރަށްވެސް ޕްރައިވެޓް ސެކްޓަރުން ގަނެ އަތްލަން ބޭނުންނުވި ތަނެއް ކަމަށެވެ. އަދި މިފްކޯއިން އެ ތަން ގަންނަން އުޅޭއިރު، މިފްކޯ ވެސް އުޅެނީ ދެކޮޅު ނުޖެއްސިގެން ކަމަށް ޔާމީން ވިދާޅުވިއެވެ.

https://sun.mv/209756

އެ މަނިކުފާނު ތުހުމަތު ކުރެއްވީ ސަރުކާރުން މިހާރު އެންސިސް ގަންނަން އުޅެނީ 35 މިލިއަން ޑޮލަރަށް ކަމަށާއި އެއީ ވަކި ބަޔަކަށް އެ ފައިސާއިން ބައި އަޅައި، އޭގެ މަންފާ ނަގަން ކަމަށެވެ. ޔާމީން ވިދާޅުވީ އެ މަސައްކަތުގެ ފަހަތުގައި ހުންނެވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ކަމަށާއި އެ އެއްބަސްވުމުގެ މަސައްކަތްތައް ނިމުމުން އޭނާ އިސްތިއުފާ ދެއްވުމަށް ފަހު ގައުމުން ވަޑައިގަންނަވާނެ ކަމަށެވެ.

އެ ވާހަކައަށް އިޝާރާތްކުރައްވައި، ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީގެ މަޖިލިސް މެންބަރު ޑރ. އަހްމަދު ޝަމްހީދު މިއަދު ވަނީ މިފްކޯގެ ކޭނަރީގެ ފުރިހަމަ އޮޑިޓެއް ހަދައި، އެ ތަނަކީ ދައުލަތަށް ކޮންމެހެން މުހިންމު ތަނެއްތޯ ވެސް ކަނޑައަޅަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ޔާމީން ކުރެއްވި ތުހުމަތުތައް ސީރިއަސްކޮށް ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/209787

އެ މައްސަލައިގައި އެންސިސްއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ސަރުކާރުން މަސް ގަންނަ އަގު އެކިފަހަރުމަތިން ބޮޑު ކުރަމުން ގޮސް މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރުމާ ގުޅިގެން ކޭނިން ފެކްޓަރީ ބަންދުކުރަން މަޖުބޫރުވީއިރު، އެ ފެކްޓަރީއަކީ ބައިނަލްއަގުވާމީ ސެޓިފިކޭޝަން ލިބިފައިވާ، އޮޑިޓްކޮށްފައިވާ، ބޭރުގެ އެކި މާކެޓްތަކަށް ދަޅުމަސް އެކްސްޕޯޓް ކުރަމުން އައި ހަރުދަނާ ވިޔަފާރިއެއް ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: އެ މަނިކުފާނު ވަނީ މިފްކޯގެ ދަށަށް އެންސިސްގެ ކޭނަރީ ގެނައުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ތުހުމަތުތަކެއް ކުރައްވައިފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

އެ ފެކްޓަރީ ބަންދުކުރިއިރު 400އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރަމުން ދިޔަ ކަމަށާއި އޭގެ ތެރެއިން 200 މުވައްޒަފުންނަކީ މަސް ސާފުކުރުމަށް ޓަކައި ވަޒީފާގައި ތިބި ދިވެހި އަންހެނުންކަން އެންސިސްއިން ފާހަގަކުރިއެވެ.

އެ ކުންފުނިން ބުނީ، ޔޫރަޕާއި އެމެރިކާގެ ސުޕަމާކެޓްތަކުގައި ދިވެހި މަހުގެ އުފެއްދުންތައް އެންސިސް ކޭނަރީން ވިއްކަމުން ދިޔައީ ދިގު މުއްދަތުގެ ކޮންޓްރެކްޓުތަކުގެ ދަށުން ކަމަށާއި އެފަދަ ފެކްޓަރީތައް އަގު ކުރުމުގައި ފެކްޓަރީ ހިމެނޭ ބިމާއި މެޝިނަރީތަކާއި އިންސާނީ ވަސީލަތްތަކާއި ސަޕްލައި ކޮންޓްރެކްޓުތައް ވެސް ހިމަނާނެ ކަމަށެވެ.

ކޭނިން ފެކްޓަރީ ބަންދުކުރަން މަޖުބޫރުވުމުގެ ސަބަބުން ކުންފުންޏަށް ލިބެމުންދާ ގެއްލުން ކުޑަ ކުރުމަށްޓަކައި ފެކްޓަރީ ވިއްކާލުމަށް ނުވަތަ ތިން ވަނަ ފަރާތަކާ ހަވާލުކޮށްގެން ހިންގުމަށް އެންސިސްއިން މަސައްކަތް ކުރަމުންދާ ކަމާއި އެގޮތުން މިފްކޯގެ އިތުރުން ޗައިނާއާއި ސައުދީ އަރަބިއާގެ ކުންފުނިތަކާ ވެސް މަޝްވަރާކުރާ ކަމަށް އެންސިސްއިން ބުންޏެވެ.

އޭގެ ތެރެއިން، މިފްކޯގެ އުފެއްދުންތެރިކަމާއި ވެލިއު އެޑެޑް އުފެއްދުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން އެންސިސްގެ ކޭނިން ފެކްޓަރީ މިފްކޯގެ ދަށަށް ގެންދިޔުމަށް ދެ ކުންފުނީގެ މެދުގައި މަޝްވަރާތައް ކުރިއަށްދާކަން އެންސިސްއިން ފާހަގަކުރިއެވެ.

އެންސިސްގެ ބަޔާނުގައި ވަނީ އެ ކުންފުންޏަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމަށް ގިނަގުނަ އިންވެސްޓްމެންޓްތަކެއް ކޮށްފައިވާ 23 އަހަރުވީ ފަޚުރުވެރި ދިވެހި ކުންފުންޏެއް ކަމަށް ސިފަކޮށް، އެ ކުންފުނީގެ ކޭނިން ފެކްޓަރީއަކީ އެންސިސްގެ ތަރިކަ ރަމްޒުކޮށްދޭ އެންމެ ބޮޑު އިންވެސްޓްމެންޓް ކަމަށް ބުނެފައެވެ.

އެފަދަ އަގުހުރި އިންވެސްޓްމެންޓެއް ކޮށްފައިވަނީ ހުޅުވާލެވިފައިވާ މަސްވެރިކަމުގެ ސިނާއަތެއްގައި ވާދަވެރި ވިޔަފާރިއެއް ކުރުމުގެ އަޒުމުގައި ކަމަށާއި ނަމަވެސް، މަހުގެ އަގު ކޮންޓްރޯލް ކޮށްފައިވާ މާހައުލެއްގައި ކުންފުނީގެ ކުރިމަގު ޔަގީންކުރުމަށް ޓަކައި ކުރަން ޖެހޭ އެންމެހާ މަސައްކަތްތަކާއި މަޝްވަރާތައް އެންސިސްއިން ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

"އެހެންކަމުން، މިކަމާ ގުޅޭ ގޮތުން އަދި ފެކްޓަރީގެ ވެލުއޭޝަންއާ ގުޅޭ ގޮތުން ހަގީގަތް އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން މައުލޫމާތު ފަތުރަމުންދާތީ އެކަމާމެދު އެންސިސްއިން ހިތާމަކުރަމެވެ. އަދި މި ކުންފުނީގެ އަގު ވެއްޓޭ ގޮތަށް އެއްވެސް ފަރާތަކުން މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކުރަމެވެ." އެންސިސްގެ ބަޔާނުގައިވެއެވެ.

ދުވާލަކު 25 ޓަނުގެ މަސް ބަންދުކުރަމުން އައި އެންސިސްގެ ކޭނަރީ އިމާރާތްކުރީ ޖަރުމަންވިލާތުގެ ޑިވެލޮޕްމަންޓް ބޭންކުން ފަންޑު ހޯދައިގެންނެވެ.

މިހާރު މަސް ޕްރޮސެސް ނުކުރި ނަމަވެސް، އެންސިސް އިން އަދިވެސް މަސް ބޭރުކުރެއެވެ.

comment ކޮމެންޓް