އެންސިސްގެ ކޭނަރީ މިފްކޯއިން ނެގުމުގެ ކުރިން ފުރިހަމަ އޮޑިޓެއް ހަދަން ޝަމްހީދު ގޮވާލައްވައިފި

ގަރާރު ހުށަހެޅުއްވި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު: އެންސިސް އިން ހިންގަމުން ދިޔަ ކޭނަރީ މިފްކޯގެ ބެލުމުގެ ދަށަށް ގެނައުމުގެ ކުރިން، އެ ތަނުގެ ފުރިހަމަ އޮޑިޓެއް ހަދަން ގޮވާލެއްވި --- ފޮޓޯ: މަޖިލިސް

ހުޅުމާލޭގައި އެންސިސް ކުންފުނިން ހިންގަމުން ދިޔަ ކޭނަރީ ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ބެލުމުގެ ދަށަށް ގެންނަނީ ބައި އަޅައިގެން ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވުމާ ގުޅިގެން، އެ ތަނުގެ ފުރިހަމަ އޮޑިޓެއް ހަދަން ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ.

ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ޚަރަދުކޮށް އެންސިސް ކުންފުނިން ހުޅުވި ކޭނަރީ ހުއްޓުނީ 2023 ވަނަ އަހަރު، މިފްކޯއިން މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރުމުންނެވެ. އެހެންވެ އެ ކޭނަރީ ހުއްޓިފައި އޮންނަތާ ދޮޅު އަހަރު ވެއްޖެއެވެ. އެ ތަން މިފްކޯގެ ބެލުމުގެ ދަށަށް ގެނައުމުގެ މަޝްވަރާ ފެށިކަން މިފްކޯއިން އިއުލާނުކުރީ ހޮނިހިރު ދުވަހުގައެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ތެޔޮ ކުންފުނި އެފްއެސްއެމުން, އެމްޕީއެލަށް ވިއްކި 28.3 މިލިއަން ރުފިޔާގެ ޑީސަލް ގެއްލުނު މައްސަލައިގެ އޮޑިޓް ރިޕޯޓު ދިރާސާކުރި މާލިއްޔަތު ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ބައި އަޅާ ގޮތަށް އެންސިސްގެ ކޭނަރީ މިފްކޯއިން ގަންނަން އުޅޭ ކަމަށް ޔާމީނާއި އެ ސަރުކާރުގެ ބައެއް އިސްވެރިން ވިދާޅުވުމާ ގުޅިގެން އެކަން ސީރިއަސްކޮށް ބަލަން ޖެހޭ ކަމަށެވެ.

މާލިއްޔަތު ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވާ ޝަމްހީދު ވިދާޅުވީ، މިފަދަ މުއާމަލާތްތައް ހިނގާގޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްުޔަތު ކޮމިޓީން ވެސް ބަލަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑު ގޮވާލަން، މިފަދަ މުއާމަލާތްތައް ހިންގާ ކަމަށްވާ ނަމަ އެންމެ ފުރަތަމަ މިނިވަން އޮޑިޓެއް ހަދަން އިންޑިޕެންޑެންޓް އިވެލުއޭޝަނެއް ހަދަން، އިންޑިޕެންޑެންޓް ބަޔަކު ލައްވައި އެ ތަނުގެ އިވެލުއޭޝަނެއް ހަދަން،" ޝަމްހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި، މި ތަނަކީ ދައުލަތަށް ކޮންމެހެން މުހިންމު ތަނެއްތޯ ވެސް ކަނޑައަޅަން ޖެހެއެވެ.

މިފްކޯގެ ބަޔާނުގައި ބުނީ، އެ ކުންފުންޏަށް ދަތިތައް ދިމާވި މައިގަނޑު ސަބަބަކީ މަސް ގަތުމަށް ބޭނުންކުރާ އުޅަނދުފަހަރާއި، އެ ކުންފުނީގެ މެޝިނަރީ ފަދަ މުހިންމު އާލާތްތައް މަރާމާތުކޮށް ބެލެހެއްޓުން ލަސްވުން ކަމަށެވެ.

އެ ކުންފުނިން އިތުރަށް ބުނީ، މަސް ގަތުމާއި ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމަށް ޓަކައި ސަރުކާރުގެ އެހީތެރިކަމާއެކު ބޮޑެތި އިންވެސްޓްމެންޓްތައް ކުރެވެމުން އަންނަ ކަމަށާއި، އެގޮތުން، އެންސިސް ކޭނަރީގެ ޕްރޮސެސިން ކެޕޭސިޓީ ހޯދުމަށް ކުރަން ޖެހޭ ދިރާސާތައް ކުރުމަށް ފަހު އެ ތަން މިފްކޯގެ ބެލުމުގެ ދަށަށް ގެނައުމަށް މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

އެކަމަށް ފާޑުވިދާޅުވެ ޔާމީން ރޭ ވިދާޅުވީ، އެންސިސް ކުންފުންޏަކީ 10 މިލިއަން ޑޮލަރަށް ވެސް ޕްރައިވެޓް ސެކްޓަރުން ގަނެ އަތްލަން ބޭނުންނުވި ބައެއް ކަމަށެވެ. އަދި މިފްކޯއިން އެ ތަން ގަންނަން އުޅޭއިރު، މިފްކޯ ވެސް އުޅެނީ ދެކޮޅު ނުޖެއްސިގެން ކަން ޔާމީން ފާހަގަކުރެއްވިއެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެކަމުގެ ފަހަތުގައި ހުންނަވަނީ މިނިސްޓަރު ޒަމީރެވެ.

"މިކަމުގައި ހުރީ މޫސާ ޒަމީރު. އެއީ ކުރީގައި އެންސިސްއާ ވަރަށް ގާތް، މިހާރު ވެސް ވަރަށް ގާތް. އަޅުގަނޑުމެންނަށް މިހާރު މި އިވެނީ ވެސް މޫސާ ޒަމީރުގެ ވަރަށް ގާތް މީހުންގެ ތެރެއިން، ފިނޭންސްގެ ވެސް އިސް ބޭފުޅުންގެ ފަރާތުން. މި ޑީލް ނިމުމަށްފަހު މޫސާ ޒަމީރު ފުރައިގެން ދުބާއީއަށް ދިރިއުޅުން ބަދަލުކުރައްވާނެ ކަމަށް ވަނީ. އޭނަ ބޭނުމެއް ނުވޭ އިތުރަކަށް މިތާ ހުންނާކަށް،" ޔާމީން ވިދާޅުވިއެވެ.

ދުވާލަކު 25 ޓަނުގެ މަސް ބަންދުކުރަމުން އައި އެންސިސްގެ ކޭނަރީ އިމާރާތްކުރީ ޖަރުމަންވިލާތުގެ ޑިވެލޮޕްމަންޓް ބޭންކުން ފަންޑު ހޯދައިގެންނެވެ.

މިހާރު މަސް ޕްރޮސެސް ނުކުރި ނަމަވެސް، އެންސިސް އިން އަދިވެސް މަސް ބޭރުކުރެއެވެ.

comment ކޮމެންޓް