ރަށްރަށު މަގުހަދަން ތާރު އަޅައި ގާ އެތުރުން ކޮންމެހެން މުހިންމެއް ނޫން: ރައީސް

ކަމަދޫގައި ރައީސް ވާހަކަފުޅުދައްކަަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރަށްރަށުގެ މަގު ހަދާއިރު، ތާރު އެޅުން ނުވަތަ ގާ އެތުރުމަކީ ކޮންމެހެން ކުރުން މުހިންމު ކަމެއްކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށާއި، ގަބޫލުފުޅުކުރައްވަނީ އެ ކަން ކުރަންވާނީ ގުދުރަތީ ގޮތް ނުގެއްލޭ ގޮތަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ބ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ކަމަދޫއަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.

އެ ރަށުގެ މަގުތައް ހެދުމުގެ ވާހަކައަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ ރަށްރަށުގެ މަގުތައް ހަދާއިރު ގުދުރަތީ އަސްލު ސިފަ ގެއްލޭ ގޮތަށް ގާ އެތުރުން ނުވަތަ ތާރު އެޅުމަކީ އެ މަނިކުފާނު ތާއީދުކުރައްވާ ކަމެއް ނޫން ކަމަށެވެ.

"... އަދި އަޅުގަނޑު ހަމަ ތާއީދު ވެސް ކުރާ ކަމެއް، ކޮންމެހެން މާ ހާޑް ސާފޭސްއެއް ގޮތަށް ތާރުއެޅުން ގާއަތުރައިގެން ކޮންމެހެން މަގުތައް ހެދުމަކީ މާ މުހިންމު ކަމެއް ނޫން. އަދި އެހާ ރަނގަޅު ކަމެއް ވެސް ނޫން،" ރައީސް ވިދާޅުވިއެވެ.

ޚާއްސަކޮށް، އެ ރަށެއް އެއީ ފަތުރުވެރިކަން ފުޅާވަމުން އަންނަ ރަށެއްނަމަ އަމުދުން އެ ކަމެއް ކުރުމަކީ އެންމެ ރަނގަޅު ކަމަކަށް ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަސައްކަތް ކުރަންވާނީ ރަށުގެ ގުދުރަތީ ރީތިކަން ވީހާ ވެސް ބޮޑަށް ބޭއްވޭ ގޮތަކަށް މަގުތައް ހަދަަންކަމަށް ރައީސް ވިދާޅުވިއެެވެ.

އެއާއެކު އެމަނިކުފާނު ވިދާޅުވީ، ކަމަދޫގައި އެ ރަށުގެ މަގު ހެދުމުގެ މަސައްކަތް ކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.

"ރައްޔިތުން ބޭނުންވެލައްވަނީ މަގުތައް ރީތިކޮށް ބޭއްވި، އެހެންނަމަވެސް ފެން ބަރާބަރަށް ހިނދޭ ޑްރެއިނޭޖް ނިޒާމެއްގެ ތެރެެެއިން މަގުތައް ދެމެހެއްޓުން ކަމަށްވަންޏާ އެ ކޮންސެޕްޓުގެ ތެރެއިން ކުރިއަށްދާނީ،" ރައީސް ވިދާޅުވިއެެވެ.

ރައީސް ވިދާޅުވީ ކަމަދޫގެ އިގްތިޞާދީ ތަރައްގީއަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ.

އަދި ބ. އަތޮޅުގެ ތަރައްގީގައި ކަމަދޫ އެންމެ ފަހަތުގައި އޮތް އޮތުން ނިމުމަކަށް ގެެނެސް، ހަމަހަމަކަމާ އެކު ތަރައްގީ ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ސިއްހީ ޚިދުމަތް ރަނގަޅުކުރައްވައި، އެހެނިހެން ދާއިރާތަކުން ވެސް މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެެވެ.

ގިނަ ރަށްތަކެއްގައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަނީ ބޮޑެތި މަގުތަކުގައި ތާރު އަޅައިގެންނެވެ. އަދި ކުދި ގޯޅިތަކާއި ކުދި މަގުތަކުގައި ގާ އަތުރައިގެންނެވެ. އެކަން ކުރުމަށް ޓަކައި މަގުތަކުގައި ހެދިފައި ހުންނަ ހިޔާ ދޭ ބޮޑެތި ގަސްތައް ކެނޑުންފަދަ ކަންކަން ކުރަން ޖެހެއެވެ. މީގެ ކުރިން އެފަދަ ކަންކަމުގައި ބައެއް ރައްޔިތުން ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެއެވެ.

https://sun.mv/209637

ތާރުއެޅުމާއި، ގާ އަތުރައިގެން ރަށްރަށުގެ މަގު ހެދުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ދެކެވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއިރު، މިދިޔަ ބުރާސްފަތި ދުވަހާއި، އިއްޔެ، ޖުމްލަ 12 ރަށެއްގެ މަގު ޒަމާނީ ފެންވަރަށް ހަދަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ވަނީ ހަވާލުކޮށްފައެވެ.

comment ކޮމެންޓް