ކަމަދޫއަށް ސީޕްލޭން ޚިދުމަތްދޭން އައިލެންޑް އޭވިއޭޝަނުން ހޯކްސް ހޮޓެލްސްއާއެކު ސޮއިކޮށްފި

ބ. ކަމަދޫއަށް ސީޕްލޭންގެ ޚިދުމަތް ދިނުމަށް ޓަކައި، އައިލެންޑް އޭވިއޭޝަނުން ހޯކްސް ހޮޓެލްސްއާއެކު މިއަދު ސޮއިކުރުން -- ފޮޓޯ: ރައީސް އޮފީސް

ބ. ކަމަދޫއަށް ސީޕްލޭންގެ ޚިދުމަތް ދިނުމަށް ޓަކައި، އައިލެންޑް އޭވިއޭޝަނުން ހޯކްސް ހޮޓެލްސްއާއެކު މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ މިއަދު ރައިސް ޑރ. މުޙައްމަދު މުއިއްޒު ބ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި، ކަމަދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

އެއްބަސްވުމުގައި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އައިލޭންޑް އޭވިއަޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސްއެވެ. ހޯކްސް ހޮޓެލްސްގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރު ހުސައިން އަމަންއެވެ.

މި އެއްބަސްވުމާ ގުޅޭ ގޮތުން "ސަން"އިން އައިލެންޑް އޭވިއޭޝަނާ ސުވާލުކުރުމުން، އެ ކުންފުނިން ބުނީ މި ވަގުތު އިތުރު ތަފްސީލު ހިއްސާކުރެވެން ނެތް ކަމަށެވެ.

ރަށުފަތުރުވެރިކަން ފުޅާ ދާއިރާއެއްގައި އޮންނަ ކަމަދޫއަށް ވެސް ބަންދުތަކުގައި ގިނަ ބަޔަކު ޒިޔާރާތްކުރެއެެވެ. އަދި ކަމަދޫއަކީ ގެސްޓުހައުސް ވިޔަފާރި ވެސް ފުޅާ ދާއިރާއެއްގައި ހިންގާ ވެސް ރަށެކެވެ. އެގޮތުން ހޯކްސް ކުންފުނިން ވެސް އެ ރަށުގައި މަތީ ފަންތީގެ ދެ ގެސްޓުހައުސް އަންނަނީ ހިންގަމުންނެވެ.

ބ. އަތޮޅުގައި މިހާރު ވައިގެ ދަތުރުފަތުރު ބާއްވަނީ ދަރަވަންދޫގައި އޮންނަ އެއާޕޯޓަށެވެ. އެއީ ވެސް ފަތުރުވެރިކަން ފުޅާ ދާއިރާއެއްގައި ކުރާ ރަށެކެވެ.

އެއާޕޯޓު އެޅުމަކީ ވަރަށް ގިނަ ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަމެކެވެ. ތަރައްގީ ހޯދުމުގެ ވިސްނުމުގައި ރަށްރަށް ހިއްކައިގެން އެއާޕޯޓު އަޅައި ނަމަވެސް އޭގެ ސަބަބުން އިގްތިޞާދީ ގޮތުން ކުރަންޖެހޭ ހޭދައާއި ތިމާވެށީގެ ގޮތުން ލިބޭ ގެއްލުމުގެ ސަބަބުން ކޮންމެ ރަށެއްގައި އެއާޕޯޓު އެޅުމާ ދެކޮޅު ވިސްނުމުގެ ޚިޔާލުތައް ވެސް ބައެއް މީހުން ފާޅުކުރެއެވެ.

comment ކޮމެންޓް