އައްޑޫ އެކްސިޑެންޓް: ''ކުޑަ ކުއްޖާ އެކްސިޑެންޓްވީ ފުލުހުން ފެނިގެން ބިރުން އުޅުމުގެ ތެރޭގައި''

ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ: އެކްސިޑެންޓުތައް ގިނަވުމުން މާލެއާއި ހުޅުމާލެއަށް އިތުރު ފުލުހުން ވަނީ ނެރެފައި -- ފޮޓޯ/ ފުލުހުން

އައްޑޫ ސިޓީ، ހިތަދޫ، ހީނާ މަގުގައި ދެ ސައިކަލު ޖެހި ރޭ އެކްސިޑެންޓް ހިންގަން މެދުވެރިވީ, އޭގެ ތެރެއިން އެއް ސައިކަލް ދުއްވަން އިން ކުޑަކުއްޖާއަށް ފުލުހުން ފެނިގެން ބިރުން ފިލަން އުޅުމުގެ ތެރޭގައި ކަމަށް, ފުލުހުން މިއަދު ބުނެފިއެވެ.

ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ މައްސަލައެއް ރޭ 21:17 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ. މި އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލު ދުއްވީ އަންހެނެއް ކަމަށާއި އަނެއް ސައިކަލު 15 އަހަރުގެ ފިރިހެން ކުއްޖަކު ދުއްވަން އިންއިރު އެ ސައިކަލު ފަހަތުގައި އިނީ 16 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށް ފުލުހުން ރޭ ބުންޏެވެ.

އެ ހާދިސާގައި އެ އަންހެން މީހާއާއި ދެ ކުދިންނަށް ވެސް އަނިޔާވުމުން، ވަނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ފަރުވާ ދީފައެވެ.

މި އެކްސިޑެންޓް ހިނގީ ފުލުހުންގެ ވެހިކަލެއް ސައިކަލުގައި ޖެހިގެން ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ އެކްސިޑެންޓާ ފުލުހުންގެ އެއްވެސް އުޅަނދަކާ ގުޅުމެއް އޮތް ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައި ނުވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މިހާތަނަށް އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ފުލުހުންގެ ވެހިކަލް ފެނުމުން ބިރުން, ކުޑަ ކުއްޖާ ދުއްވި ސައިކަލް އަނބުރާލާފައި ދަނިކޮށް, އެކްސިޑެންޓްވި އަނެއް ސައިކަލް ކާރަކުން ނައްޓާފައި ދަނިކޮށް މި ދެ ސައިކަލް ޖެހިގެން ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި 18 އަހަރުން ދަށުގެ ކުދިން ލައިސެންސް ނެތި ސައިކަލު ދުއްވައި، އެކްސިޑެންޓުތައް ހިނގާ މިންވަރު މިފަހުން ވަނީ އިތުރުވެފައެވެ.

މި މަހުގެ ހަވަނަ ދުވަހު ފުވައްމުލަކު ސިޓީގައި 17 އަހަރުގެ ކުއްޖަކު ސައިކަލު ދުއްވާފައި ދަނިކޮށް ފާރެއްގައި ޖެހި މަރުވެފައިވެއެވެ. އަދި މިދިޔަ މަހުގެ 13ވަނަ ދުވަހު މާލޭގައި ހިނގި އެކްސިޑެންޓެއްގައި ވެސް 17 އަހަރުގެ ކުއްޖަކު ސައިކަލު ދުއްވަނިކޮށް އެކްސިޑެންޓުވެ، މަރުވެފައިވެއެވެ. އެ ހާދިސާގައި ވެސް ސައިކަލު ފަހަތުގައި 16 އަހަރުގެ ކުއްޖަކު އިންއިރު އެ ކުއްޖާއަށް އަނިޔާވިއެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރު 2،885 އެކްސިޑެންޓް ހިނގައިފައިވާއިރު، މި އަހަރުގެ މިހާތަނަށް 1،725 އެކްސިޑެންޓް ހިނގައިފައިވެއެވެ.

comment ކޮމެންޓް