ކޯސްޓުގާޑަށް ހުޅުމާލެ ޕިއްޒާމިއާ ކުރިމަތީ އޮތް ބިން ނަގައިފި

ކޯސްޓުގާޑުގެ ބޭނުމަށް ވަގުތީ ގޮތުން ބަންދުކުރާ ސަރަހައްދު --

އެމްއެންޑީއެފް ކޯސްޓުގާޑުގެ ބޭނުމަށް ހުޅުމާލޭ، ޕިއްޒާ މިއާ ކުރިމަތީ އޮންނަ ސަރަހައްދު ވަގުތީ ގޮތުން ނަގައި، ދާ ޖަހައި ބަންދުކޮށްފިއެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ސަފާރީތައް އަޅައިފައި އޮންނަ ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓުގާޑަށް ޚާއްސަ ސަރަހައްދެއް އޮވެއެވެ. އެ ތަނުގައި ކޯސްޓުގާޑުގެ ބައެއް ބޮޑެތި ބޯޓުފަހަރު ބަނދަރުކޮށްފައި އޮވެއެވެ. އަދި އެ ތަނުގައި ސިފައިން ވެސް ހަރަކާތްތެރިވެއެވެ.

މިހާރު އެ ތަނުގައި ކުރިން ހުރި ސިފައިންގެ ހަޓުތައް ނެގުމަށްފަހު އާ އިމާރާތްތަކެއް އަންނަނީ އަޅަމުންނެވެ. އެއާއެކު ބައެއް ރެސްޓޯރަންޓުތައް ހިންގާ އިމާރާތް ކުރިމަތީ އޮންނަ ގިނަ ބަޔަކު އެއްވާ މި ސަރަހައްދުގައި ވަނީ ދާ ޖަހައިފައެެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން "ސަން"އަށް ބުނީ އެ ސަރަހައްދު އެމްއެންޑީއެފަށް އެއްކޮށް ނެގީ ނޫން ކަމަށެވެ. އެއީ އެ ސަރަހައްދުގައި ކޯސްޓުގާޑުގެ ބޯޓުތައް ބަނދަރުކޮށްފައި ހުރުމުން، ސަލާމަތީ ގޮތުން ވަގުތީގޮތުން ޖަހާ ފެންސެއް ކަމަށެވެ. މި ފެންސު ޖަހައިފައި ހުންނާނީ ކިހާ ދުވަހަކަށް ކަމެއް ހާމައެއް ނުކުރެއެވެ.

އިތުރު ސަރަހައްދެއް ކޯސްޓުގާޑުގެ ބޭނުމަށް ވަގުތީ ގޮތުން ބަންދުކުރިއިރު ތުރުކީން ހަދިޔާކުރި އަސްކަރީ މަނަވަރު ވެސް މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.

ރަސްމީކޮށް އެ މަނަވަރު އަދި ބޭނުންކުރަން ފަށައިފައިނުވާއިރު، އެ މަނަވަރު ބާއްވާނެ ވަކި ބަނދަރެއް ވެސް އަދި އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް