ފިލްމު 'ވޯ 2'އިން ބޮބީގެ ޚާއްސަ ފެނިލުމެއް

އެކްޓަރު ބޮބީ ޑިއޯލް--ފޮޓޯ/ބޮލީވުޑްހަންގާމާ

އަންނަ ހުކުރު ދުވަހު ސިނަމާތަކުގައި ރިލީޒް ކުރުމަށް ތާވަލު ކޮށްފައިވާ ފިލްމު "ވޯ 2"ގެ ވަރަށް ޚާއްސަ ރޯލަކުން އެކްޓަރު ބޮބީ ޑިއޯލް ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މީގެކުރިން ގިނަ ބަޔަކަށް ހީވެފައި އޮތީ ފިލްމު "ވޯ 2"ގެ ރޯލަކުން ސްޕައި ޔުނިވާސްގެ ކާމިޔާބު ދެ ފްރެންޗައިސްގެ ތަރިން ކަމަށްވާ ސަލްމާން ޚާން އަދި ޝާހްރުކް ޚާން ފެންނާނެ ކަމަށެވެ.

ނަމަވެސް ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑްހަންގަމާގައި ބުނެފައިވާ ގޮތުން "ވޯ 2"ގެ ވަރަށް ޚާއްސަ ކެމިއޯއަކުން ބޮބީ ފެންނާނެކަން ވަނީ ކަށަވަރުވެފައެވެ.

ސަލްމާން އާއި ޝާހްރުކްގެ ފެނިލުމެއް "ވޯ 2"އިން ނުފެނުނު ނަމަވެސް ދެ ތަރިންގެ ހިއްސާ ފިލްމުގައި ހިމެނޭ ކަމަށް ވައިއާރްއެފްއާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

ވައިއާރްއެފްގެ ސްޕައި ޔުނިވާސްގެ ފިލްމުތަކުން ފެންނަ މުހިއްމު ތަރިން ކަމަށްވާ ރިތިކް ރޯޝަން، ބޮބީ ޑިއޯލް، ޝާހްރުކް ޚާން އަދި ސަލްމާން ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު "ވޯ 2"ގެ ޚާއްސަ ފެނިލުމަކުން ބޮބީ ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެފައިވާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ އޭނާ އަކީ ސްޕައި ޔުނިވާސްއިން ގެނެސްދޭ ފިލްމު "އަލްފާ"ގެ ވެސް ވަރަށް މުހިއްމު ރޯލެއް ކުޅޭ ތަރިއެއް ކަމެވެ.

ފިލްމީ ޚަބަރުތައް ބުނާގޮތުން "ވޯ 2"ގައި ބޮބީ ދައްކައިލާނީ ބަތަލާ އާލިއާ ބަޓް ލީޑް ރޯލް ކުޅޭ "އަލްފާ"ގައި ބޮބީ ފެންނަ ވިލެންގެ ކެރެކްޓާގެ ގޮތުގައެވެ.

ފިލްމު "ވޯ 2"ގެ ނިންމާލާނީ ވައިއާރްއެފްގެ ސްޕައި ޔުނިވާސްއިން ދެން އެންމެ އަވަހަށް ގެނެސްދޭ ސޮފްހާ ހުޅުވާލަމުން ކަމަށްވާތީ ބޮބީ ޑިއޯލްގެ ފެނިލުން "ވޯ 2"ގައި ހިމެނުން ވަރަށް މުހިއްމު ކަމަށް ޕްރޮޑިއުސަރު/ޑައިރެކްޓަރު އަދިތިޔަ ޗޯޕްރާ ދެކޭ ކަމުގައި ވައިއާރްއެފްއާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

އެހެންކަމުން ސަލްމާން އާއި ޝާހުގެ ބަދަލުގައި ބޮބީގެ ޚާއްސަ ފެނިލުމެއް ފިލްމުގައި ހިމަނަން ނިންމީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިތިކް ރޯޝަން،އެންޓީއާރް ޖޫނިއަ އަދި ބަތަލާ ކިއާރާ އަދުވާނީ މުހިއްމު ރޯލްއިން ފެންނާނެ އެކްޝަން ތުރިލާ "ވޯ 2"އަކީ މި އަހަރު ވައިއާރްއެފްއިން ގެނެސްދޭނެ އެ ޕްރޮޑަކްޝަން ކުންފުނީގެ އެންމެ އުއްމީދީ ފިލްމުތަކުގެތެރޭ ހިމެނޭ ފިލްމެކެވެ.

comment ކޮމެންޓް