ކްރިސްޓަލް ޕެލަސްއިން ލިވަޕޫލް ބަލިކޮށް ކޮމިއުނިޓީ ޝީލްޑް ކާމިޔާބު ކޮށްފިއެވެ.
އިންގްލަންޑްގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން އިންގްލިޝް ޕްރިމިއާ ލީގާއި އެފް އޭ ކަޕްގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ މިމެޗު ޕެލަސްއިން ކާމިޔާބު ކޮށްފައިވަނީ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ލަނޑު ދެ ލަނޑުން ދެޓީމު އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން ތިން ލަނޑު ދެ ލަނޑުންނެވެ.
މިމެޗަށް މި ދެ ޓީމު ކުރިމަތިލީއިރު ލިވަޕޫލުންވަނީ އާ ސީޒަނަށް ޓީމު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ބޮޑު ހޭދައެއްކޮށް ފާހަގަކޮށްލެވޭ ކުޅުންތެރިންތަކެއް އެ ޓީމަށް ގެނެސްފައެވެ. މީގެތެރެއިން ހަތަރު ކުޅުންތެރިއެއްވަނީ މިމެޗުގައި ލިވަޕޫލްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ.
ލިވަޕޫލާ ޚިލާފަށް ޕެލަސްގެ ފަރާތުން ފެނުނީ އެންމެ ފަހުން ވެމްބްލީގައި ކުޅުނު އެފް އޭ ކަޕްގެ ފައިނަލްގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށްވެސް ނެރުނު ފުރަތަމަ އެގާރައެވެ. މިމެޗުގެ ފެށުން ދިޔައީ ލިވަޕޫލުން އެންމެ ބޭނުންވިގޮތަށެވެ.
މެޗުގެ ހަތަރުވަނަ މިނެޓުގައި ލިވަޕޫލުން މިމެޗުގެ ލީޑު ނެގިއިރު މިލަނޑު ޖަހާފައިވަނީ ޓީމާ އަލަށް ގުޅުނު ދެކުޅުންތެރިން ގުޅިގެންނެވެ. މިގޮތުން ފްލޮރިއަން ވާޓްޒް މި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިންއިރު ލަނޑު ޖަހާފައިވަނީ ހޫގޯ އެކިޓީކޭއެވެ. ނަމަވެސް މިލަނޑު ޖެހިތާ 13 މިނެޓް ފަހުން ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެން ޑައިކް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ޕެލަސްއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޮން ފިލީޕޭ މަޓޭޓާއެވެ.

ހޫގޯ އެކިޓީކޭ ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖެހުން -- ފޮޓޯ/ އޭޕީ
މިމެޗުގައި ލިވަޕޫލުން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 21 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީވެސް މިސީޒަނަށް އަލަށް ޓީމާ ގުޅުނު ޖެރެމީ ފްރިމްޕޮންގްއެވެ. މިމެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ވެސް ލިބުނެވެ.
ޕެލަސްއިން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ އިސްމާއިލާ ސާ ޖަހައިދިން ލަނޑުންނެވެ. މި ލަނޑާއެކު އިތުރު ލަނޑެއް ޖެހުމަށް ދެ ޓީމުން ވެސް މަސައްކަތް ކުރި ނަމަވެސް އިތުރު ލަނޑެއް ފެންނަ ގޮތެއް ނުވިއެވެ.
މިމެޗުގެ ޕެނަލްޓީ ޝޫޓް އައުޓްގައި ޕެލަސްގެ ތަރިއަކަށްވީ އެޓީމުގެ ކީޕަރު ޑީން ހެންޑަސަންއެވެ. އޭނާ ވަނީ މިމެޗުގައި އެލެކްސިސް މެކް އެލިސްޓާ އާއި ހާވީ އެލިއޮޓްގެ ޕެނަލްޓީ މަތަކޮށްފައެވެ. އަދި މުހަންމަދު ސަލާހް ޖެހި ޕެނަލްޓި ދިޔައީ ގޯލަށް އަމާޒުނުވެ ހުރަސް ދަނޑި މަތިން ބޭރަށެވެ. ޕެލަސްއިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ނާކާމިޔާބުވި ނަމަވެސް ތިން ޕެނަލްޓީ ކަމިޔާބުކޮށް ވަނީ މިފަހަރުގެ ކޮމިއުނިޓީ ޝީލްޑް ކާމިޔާބު ކޮށްފައެވެ.
މި ކާމިޔާބީއާއެކު ޕެލަސް ވެފައިވަނީ ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ކޮމިއުނިޓީ ޝީލްޑްގައި ވާދަކުރި، ފުރަތަމަ ފަހަރު ޝީލްޑް ކާމިޔާބު ކުރި ފުރަތަމަ ޓީމަށެވެ. އެންމެ ފަހުން ފުރަތަމަ ފަހަރަށް ކުޅެ ޝީލްޑް އުފުލާލައިފާވަނީ 1975 ވަނަ އަހަރު ޑާބީ ކައުންޓީއެވެ.