ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އަމިއްލަ ކުންފުންޏަކަށް ނުދައްކާ އޮތް އެއް މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ސިވިލް ކޯޓުން މި ހުކުމްކޮށްފައިވަނީ ސޯލްޓްސް އެންޑް ސޭންޑްސް ޕްރައިވެޓް ލިމިޓެޑުން ވެމްކޯއަށް ވިއްކައިފައިވަ ތަކެއްޗަށް ވެމްކޯއިން ފައިސާ ދައްކައިފައި ނުވާތީ، އެ ކުންފުނިން ވެމްކޯއާ ދެކޮޅަށް ދައުވާކުރުމުންނެވެ.
އެ ކުންފުނިން އެދުނީ ވެމްކޯއިން ނުދައްކާ އޮތް 1،280،920.67 ރުފިޔާއާއި ވަކީލަކު ހަމަޖައްސަން ހޭދަވި 50،000 ރުފިޔާއާއެކު ޖުމްލަ 1،330،920.67 ރުފިޔާ ވެމްކޯ އަތުން ހޯދައިދިނުމަށެވެ.
މި މައްސަަލައިގައި ވެމްކޯއިން ވަނީ ދައުވާގެ ބަޔަކަށް އެއްބަސްވެފައެވެ. އެއީ ވެމްކޯއިން މީގެ ކުރިން ދައްކަންޖެހޭ ފައިސާގެ ތެރެެއިން 115،428.70 ރުފިޔާ ދައްކައިފައިވާކަމަށް ބުނެއެވެ.
އެއާއެކު މި މައްސަަލައިގައި ހޯދުމަށް އެދުނު, ވެމްކޯއިން ނުދައްކާ ބާކީ އޮތް 1،165،491.97 ރުފިޔާއާއި ޝަރީއަތުގެ ޚަރަދަށްވާ 50،000 ރުފިޔާއަކީ ވެމްކޯއިން ދައްކަންޖެހޭ ފައިސާގެ އަދަދެވެ.
އެއާއެކު ޖުމްލަ 1،215،491.97 ރުފިޔާ، މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭ ސޯލްޓްސް އެންޑް ސޭންޑްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަން ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
މި މައްސަލައިގައި ފައިސާ ދެއްކުމަށް އެއް އަހަރަށްވުރެ ކުރު ނޫން މުއްދަތެއް ދިނުމަށް ވެމްކޯއިން އެދުނެވެ. ނަމަވެސް ދައުވާކުރި ކުންފުނިން ވަނީ އެހާ ދުވަސް ދެވެން ނެތްކަމަށާއި، ދެވޭނީ ހުކުމް ކުރާ ދުވަހުން ފެށިގެން 15 ދުވަސް ކަމަށް ބުނެފައެވެ.