ލަބެރަ ބޮޑީބޯޑިން ޗެލެންޖުގެ އެންމެ ކާމިޔާބު އެތުލީޓު ކަމަށްވާ އަލީ ޚުޝްރުވާން (ކުޑަ އައްޔަ) ބަލިކޮށް، މުބާރާތުގެ މިއަހަރުގެ ޗެމްޕިއަންކަން އާމިން އުމަރު މޫސާ ހޯދައިފިއެވެ.
މި މުބާރާތް އެންމެފަހުން ބޭއްވި ތިން އަހަރުވެސް ޗެމްޕިއަންކަން ހޯދީ ކުޑަ އައްޔައެވެ. މިއަހަރުގެ ބޭއްވި ހަތަރުވަނަ މުބާރާތުގެ ޗެމްޕިއަންކަން އާމިން ހޯދީ ކުޑަ އައްޔަ ފަހަތަށް ޖައްސާލުމަށްފަހު އެވެ.
މާލޭ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްގެންދިޔަ ފައިނަލް ހީޓުގައި އާމިން ވަނީ ޖުމްލަ 13.17 ޕޮއިންޓް ހޯދާފައެވެ. ފައިނަލް ހީޓުގައި ކުޑައައްޔައަށް ލިބުނީ 8.60 ޕޮއިންޓެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދި އާމިންއަށް ޓްރޮފީ ހަވާލުކުރަނީ -- ކުޅިވަރު ވުޒާރާ
ސެމީ ފައިނަލްގައި ކުޑަ އައްޔަ އާއި އާމިންއާ ވާދަކޮށްފައިވަނީ ޖޫނިއާ ބައިގެ ފައިނަލްގައި ވާދަކުރި މުހައްމަދު އަޒާން އަހުމަދާއި އިޔަން އަހުމަދެވެ. އިޔަންއާ ވާދަކޮށް ޖުމްލަ 12.34 ޕޮއިންޓާ އެކު 1.7 ޕޮއިންޓުގެ ތަފާތަކުން އާމިން މޮޅުވިއިރު، ކުޑަ އައްޔަ މޮޅުވީ 8.07 ޕޮއިންޓް ސްކޯކުރި އަޒާންއާ ދެކޮޅަށް 3.46 ޕޮއިންޓްގެ ތަފާތަކުންނެވެ.
މިދިޔަ އަހަރުގެ ޖޫނިއާ ފައިނަލްގައި ވެސް އިޔަން އާއި އަޒާން ވާދަކުރިއެވެ. އަޒާން ވަނީ މިދިޔަ އަހަރުގެ އޯޕަން ބައިގެ ސެމީ ފައިނަލްގައި ވެސް ވާދަކޮށްފައެވެ.
ލަބެރަ ޗެލެންޖްގެ ޑްރޮޕްނީ ބައިގެ ޗެމްޕިއަންކަން މިއަހަރު ވެސް ކުޑަ އައްޔަ ހޯދީ ފައިނަލްގައި އާމިންއާ ވާދަކޮށެވެ. ކުޑަ އައްޔަ ޗެމްޕިއަންކަން ހޯދީ ޖުމްލަ 9.50 ޕޮއިންޓް ހޯދައިގެންނެވެ. އާމިންއަށް ލިބުނީ 6.16 ޕޮއިންޓެވެ.
ލަބެރަ ޗެލެންޖަކީ ގައުމީ ބޮޑީބޯޑިން ލީގުގެ މިއަހަރުގެ ދެވަނަ މުބާރާތެވެ. ލީގުގައި ބާކީ ދެން އޮތް މުބާރާތަކީގައުމީ ބަނޑުފިލާ ޗެލެންޖެވެ.