ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ގައުމީ ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ހަތަރުވަނަ ފަހަރަށް މާލޭ ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން މާލެ ސްޕޯޓްސް ކުލަބުން ހޯދީ ސީބީއެލް ސްޕޯޓްސް ކުލަބާ ވާދަކޮށް ހަތަރު ވިކެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ ގުރުދިމާވުން މާލޭ ސްޕޯޓްސް ކުލަބުން ގަސްތުކުރީ ހޮވުމަށެވެ.
ސީބީއެލްއިން ކުޅެން އަރާ 20 އޯވަރުތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 127 ލަނޑެވެ. މެޗުގެ މި އިނިންގްސްގައި ސީބީއެލްގެ ފަރާތުން މާ އެދެވޭ ކުޅުމެއް ނުދެއްކެއެވެ.
މެޗުގައި ސީބީއެލްއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ މި އިނިންގްސްގައި ސަވިންދްރާ އަވަހަށް ނުބައިވެގެން ދިއުމެވެ. އެޓީމުގެ ފިޔާލައަށް ވެސް މާ ގިނަވަގުތު ގޭމުގައި ހުރެވޭ ގޮތްނުވެ ވަނީ ބޭރުވެފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 39 ބޯޅައިން 52 ލަނޑު ހެދި އަޝަން ޔާޕާއެވެ.
ޖަވާބުގައި މާލެ ސްޕޯޓްސް ކުލަބުން ކުޅެން އަރާ 17.5 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 130 ލަނޑުހަދާ މެޗު ކާމިޔާބުކުރިއެވެ.
ސީބީއެލް ހޯދީ ނަތީޖާގެ ސަބަބުން މި އިނިންގްސްގައި މާލޭ ސްޕޯޓްސް ކުލަބުން ކުޅުނީ ވަރަށް ބޮޑަށް ހަމަޖެހިގެން ތިބެއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ފައިނަލު މެޗުގައި މޮޅު ކުޅުމެއް ދައްކާ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މުހައްމަދު ރިޝްވާންއެވެ. ރިޝްވާން ވަނީ 46 ބޯޅައިން 61 ލަނޑު ހަދާފައެވެ.
މުބާރާތުގައި ފައިނަލު މެޗަށް ފަހު މި އަހަރުގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިންނަށް ވަނީ ޓްރޮފީ ހަވާލުކޮށްފައެވެ. ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސީބީއެލްގެ ތާރަކަ ރުވާންއެވެ.
މެޗަށް ފަހު ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ތައްޓާއި މެޑަލް ހަވާލުކޮށްދެވީ ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާން ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިޢެވެ.