ރޭގަނޑުގެ އަރާމު ނިދި ހޯދަން ބޭނުންވެ ނިދަން އަރާއިރު ހެނދުނު ހެނދުނާ ހޭލަން ޖެހޭތީ އެކަމާ މާޔޫސްވާ މީހުން އަޅުގަނޑުމެންގެ ތެރޭގައި މަދެއް ނޫނެވެ.
ޚާއްސަކޮށް ވަޒީފާތަކަށް ދާ މީހުންގެ އިތުރުން ސްކޫލަށް ދިއުމަށް ހޭލާ ކުދިންނާއި އެކުދިންގެ ބެލެނިވެރިން ވެސް މީގެތެރޭގައި ހިމެނެއެވެ.
ބައެއް މީހުންނަކީ ހެނދުނު ހެނދުނާ ހޭލަން އާދަވެފައިވާ މީހުންނަށްވާއިރު އަނެއްބައި މީހުންނަކީ މާ ހެނދުނާ ހޭލަން ބޭނުންނުވެ ކޮންމެހެންވެސް އެގަޑީގައި ހޭލަންޖެހޭތީ ހެނދުނު ތެދުވެ އުޅޭ މީހުންނެވެ.

ހެނދުނު ހޭލުމަށްފަހު ވަގުތުކޮޅަކަށް ސްކްރީނާ ދުރުވެ އަމިއްލަ ނަފުސަށް ވަގުތުކޮޅެއް ދިނުން މުހިއްމު ކަމަށް ކަމުގެ މާހިރުން ބުނޭ--ފޮޓޯ/ޓައިމްސްއޮފްއިންޑިއާ
ކޮންމެއަކަސް ހެނދުނު ހެނދުނާ ހޭލާއިރު ހަށިގަނޑަށް އިހުސާސް ކުރުވާ ވަރުބަލިކަމާ ހެދި ބައެއް މީހުންނަށް އެ ގަޑީގައި ހޭލުމަކީ ބުރަ ކަމަކަށްވެއެވެ. އެކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަން ވެސް އެބަހުރި ކަމަށް ސިއްޙީ ދާއިރާގައި 20 އަހަރަށް ވުރެ ދިގު މުއްދަތެއް ވަންދެން މަސައްކަތް ކުރަމުން އަންނަ ޑރ.ޑެބްރާ ސުލީވަން ވަނީ ބުނެފައެވެ.
އެގޮތުން ހެނދުނު ހޭލެވުމާ އެކު އިރުގެ އަލި ހަށިގަނޑަށް ލިބޭ ހިސާބަކަށް ނުވަތަ ސަރަހައްދަކަށް ނުކުމެ ލުމުން ހަށިގަނޑަށް ލިބިފައިވާ ލޮޑުކަން ފިލުވާލަދީ މީހާ ހޭލައްވާލާނެ ކަމަށް ޑރ.ޑެބްރާ ސުލީވަން މިކަމާ ގުޅޭގޮތުން ލިޔެފައިވާ ލިޔުމެއްގައި ފާހަގަކޮށްފައިވެއެވެ.

ހެނދުނު ހޭލެވުމުން އިރުގެ އަވީގައި ވަގުތުކޮޅެއް ހޭދަކޮށްލުމަކީ ވެސް ލިބިފައިވާ ވަރުބަލިކަން ފިލުވާލަ ދިނުމަށް އެހީވެދޭ ކަމެއް--ފޮޓޯ/ޕިންޓްރެސްޓް
ޖެހިގެން އަންނަ ދުވަހަކީ ތިމާ ހެނދުނު ހެނދުނާ ހޭލުމަށް ތާވަލުކުރެވިފައިވާ ދުވަހެއް ނަމަ އެރޭގެ ކެއުމަށް ހާއްސަ ސަމާލުކަމެއް ދޭށެވެ.
އެގޮތުން މާ ގިނައިން ކާބްސް އެކުލެވޭ ކެއުންތަކާއި ފޮނި ކެއުންތަކުން ދުރުވުމަށް ސަމާލުކަން ދޭންވާނެއެވެ. ސަބަބަކީ ރޭގަނޑުގެ ކެއުމުގައި ހިމެނުނު ފޮނި ކެއުންތަކުގެ ސަބަބުން ފުރިހަމަ ނިންޖެއް ހަށިގަނޑަށް ހޯދައިދިނުމަށް ހުރަސް އަޅާނެތީ ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.
ހަމައެއާއެކު ރޭގަނޑު ނިދުމުގެ ކުރިން ޖެހިގެން އަންނަ ދުވަސް ފަށާނެ ގޮތުގެ ހާއްސަ ޕްލޭނެއް ތައްޔާރުކުރުމަށް 30 ވަރަކަށް މިނެޓު ހޭދަކޮށްލުމުން ވެސް ހެނދުނު ހޭލުމަށްފަހު އަމިއްލަ ނަފުސަށް ލިބޭ ވަރުބަލިކަން ފިލުވުމަށް ސިކުނޑި ތައްޔާރުކޮށްލަދޭނެ ކަމަށް ޑރ.ޑެބްރާ ސުލީވަން ބުނެފައިވެއެވެ.
މީގެއިތުރުންވެސް ކުރެވިދާނެ ކަންކަމުގެތެރޭ ގަޑި އެލާމް އެޅުމާ އެކު އިރުއިރުކޮޅާ ސްނޫޒް ބަޓަނަށް ނުފިތުން، ހޭލުމަށްފަހު އެނދު ތަންމަތި ރީތިކޮށް އެޅުން، ޕެޕާ މިންޓް ފަދަ ސިކުނޑި ހޭލައްވާލާނެ ކަހަލަ އެސެންޝަލް އޮއިލް އެކުލެވޭ ޑިފިއުޒާއެއް ބޭނުންކުރުން، ކުޑަކޮށް ސްޓެރްޗް ކޮށްލުން، މޫނު ފިނި ފެނުން ދޮވެލުން، ހޭލުމަށްފަހު ފެން ތަށްޓެއް ބޯލުން އަދި ފޯނު، ޓީވީ ފަދަ ސްކްރީން ބޭނުންކުރުން 15 ވަރަކަށް މިނެޓަށް ހުއްޓާލުން ހިމެނެއެވެ.
މިފަދަ ކަންކަން ކޮށްލުމުން ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަން ފިލާ ދުވަސް ހަމަޖެހިލައިގެން ފެށުމަށް އެހީތެރިވެދޭނެ ކަމަށް ޑރ.ޑެބްރާ ސުލީވަން ވަނީ ލަފާ ދީފައެވެ.
ނަމަވެސް މި ކަންކަމުން ހަށިގަނޑަށް އޭގެ ފައިދާ ކުރާނީ އާދަވެގެން މިކަންކަން ކުރުމަށް ހިތުގައި އަޒުމު ކަނޑައަޅައިގެން ކުރުމުން ކަމަށް ޑރ.ޑެބްރާ ސުލީވަން ބުނެފައިވެއެވެ.