އޮޓްޕްސީ ހެދުމަށްފަހު މޫސާގެ ހަށިގަނޑު މާލެ ގެނެސްފި، މާދަމާ ވަޅުލަނީ

ލ. މާވަށުގައި މަރާލި މޫސާ އިބްރާހިމް: ފޮޓޯ/ ސޯޝަލް މީޑިއާ

މިދިޔަ މަހުގެ 28ވަނަ ދުވަހު, ވަޅިން ހަމަލާދީ މަރާލި، ލ. މާވަށު ނަލަހިޔާ، މޫސާ އިބްރާހިމްގެ އޮޓޮޕްސީ ހެދުމަށްފަހު، މިރޭ މާލެ ގެނެސްފިއެވެ.

މޫސަގެ އާއިލާއިން އޭނާގެ ހަށިގަނޑު ވަޅުލަން ބޭނުންވި ނަމަވެސް، މޫސަ މަރާލި ދުވަހުގެ ރޭ އޭނާގެ ހަށިގަނޑު އިތުރު ތަހުލީލުތަކަށް މާލެ ގެނައެވެ.

ނަމަވެސް އޮޓޮޕްސީ ހެދުމަށްފަހު އޭނަގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލިކަން ފުލުހުން ހާމަކުރީ ހަފްތާއެއް ފަހުންނެވެ.

ފުލުހުން މިރޭ ބުނީ އޮޓޮޕްސީ ހެދުމަށްފަހު މޫސަގެ ހަށިގަނޑު މިރޭ މާލެ ގެނެސްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ކަށުނަމާދު ޕޭޖުގައި ބުނެފައިވާ ގޮތުގައި މޫސަގެ ޖަނާޒާ ބާއްވަނީ މާދަމާގެ މެންދުރު ނަމާދަށްފަހު އާސަހަރާގައެވެ.

ވަޅިން ހަމަލާދީ މޫސާ މަރާލި ކަމަށް، ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުޙައްމަދު އިބްރާހީމް, 29 ވަނީ ކޯޓުގައި އަމިއްލައަށް އިއުތިރާފުވެފައެވެ.

އަދި އެ މައްސަލައިގައި މާވަށު ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. މޫސަ މަރާލާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހުންގެ ދޭތެރޭގައި ހިނގި އަރައިރުމެއްގެ ތެރޭގައެވެ.

މި މައްސަލައިގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި، މުޙައްމަދު އިބްރާހީމް, 29 އަކީ ވެސް ކުށުގެ ރިކޯޑް އޮތް މީހެއްކަމަށެވެ.

comment ކޮމެންޓް